ފަހަތުން އަރައި 4-3އިން ބުރޫޝިޔާ ޑޯޓްމުންޑް ބަލިކޮށް ޔާގެން ކްލޮފް އޭނާގެ މިހާރުގެ ޓީމު ލިވަޕޫލް ގޮވައިގެން ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗުގެ މި މެޗު ލިވަޕޫލް ކާމިޔާބުކުރީ ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މެޗު 1-1އިން އެއްވަރުވެފައިވަނިކޮށެވެ. މިހެންވެ މި މެޗު ޑްރޯކޮށްލައިގެން ވެސް ސެމީ އަށް ދެވެން އޮތް ލިވަޕޫލަށް ޝޮކެއް ލިބުނީ ފުރަތަމަ ނުވަ މިނިޓް ތެރޭގައި ޑޯޓްމުންޑް ދެ ލަނޑު ޖެހުމުންނެވެ. ޕެޓްރިކް އައުބަމިޔަންގާއި ހެންރިކް މިކަތަރިޔާން ޖެހި ދެ ލަނޑަށް ފަހު ލިވަޕޫލަށް ސުން ކަނޑުވައިދިނީ ފަހު ހާފު ފަށައިގެން ޑިވޮކް އޮރީޖީ އެވެ. ނަމަވެސް އޭގެ ނުވަ މިނިޓް ފަހުން މާކޯ ރޮއިސް ލަނޑެއް ޖަހައި ލިވަޕޫލަށް އިތުރު ހާސްކަމެއް ގެނުވި އެވެ.
އެކަމަކު މެޗުގެ ނަތީޖާ ލިވަޕޫލް ކޮޅަށް އެނބުރުނީ ކޯޗު ކްލޮޕް ގެނައި ބަދަލުތަކާއެކު ފިލިޕް ކޫޓީނިއޯ އާއި ދެ ޑިފެންޑަރުން ކަމަށްވާ މަމަޑޫ ސަކޯ އާއި ޑެޖާން ލޮވްރެން އިތުރު ވަގުތުގައި ވައްދާލި ލަނޑުންނެވެ.
މި މޮޅާއެކު ލިވަޕޫލް ސެމީ އަށް ދިޔައިރު ޑޯޓްމުންޑަކީ ކްލޮޕްގެ ކުރީގެ ޓީމެވެ.
ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން ލިވަޕޫލަށް 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކުރީގެ ތަރިން ކަމަށްވާ ސްޓީވަން ޖެރާޑާއި ޒަބީ އަލޮންސޯ އާއި އެނޫން ތަރިން މެޗަށް ފަހު އުފާފާޅުކުރި އެވެ.
ޖެރާޑް އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވަނީ މިހެންނެވެ.
"ޔާގެން ކްލޮޕް ޑޯޓްމުންޑް ޓީމަކަށް ހަދައިން. ޑޯޓްމުންޑާއެކު ކާމިޔާބު ހޯދި. ޑޯޓްމުންޑް ދޫކޮށްލި. ލިވަޕޫލާ ގުޅުނު. ލިވަޕޫލްގައި ޑޯޓްމުންޑް ބަލިކުރި. މިއީ ކޮންފަދަ ބޮޑު ކާމިޔާބީއެއް،" ކުރީގެ ކެޕްޓަން ޖެރާޑް ލިޔެފައިވެ އެވެ.
ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ސެވިއްޔާ ދަތުރު ކުރީ އެތްލެޓިކް ބިލްބާއޯއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 5-4އިން މޮޅުވެގެންނެވެ. ޝަކްޓާ ޑޮނެސްޓް ސެމީ އަށް ދިޔައީ ބްރާގާ ބަލިކޮށްގެންނެވެ. އަދި ވިޔަރެއާލް ސެމީ އަށް ދިޔައީ ސްޕާޓާގެ މައްޗަށް 4-0އިން ކާމިޔާބު ހޯދައިގެންނެވެ.