މޯލްޑިވިއަން އައިޑޮލް

މިރޭ އިކްރާމްއަށް ހާއްސަ: މޮޅެތި ލަވަތަކެއް ފެންނާނެ

މި ޝޯ ދައްކަމުން އަންނަތާ މިހާރު މިވަނީ ހަތަރު މަހެއްހާ ދުވަސްވެފަ އެވެ. މޯލްޑިވިއަން އައިޑޮލް މިވަނީ ނިމުމާ ކައިރިވެފަ އެވެ. ފަހު އެޕިސޯޑު މިދަނީ ދައްކަމުންނެވެ. މިރޭ އޮތީ ގާލާ ރައުންޑްގެ އަށްވަނަ ޝޯ އެވެ. ގަދަ ފަހެކެވެ. ކުއާޓާ ފައިނަލްގެ ކުރީ ޝޯ އެވެ. މިފަދަ ޝޯއަކުން ހުނަރު އޭގެ އެންމެ ފުރިހަމައަށް ފެންނާނެ ކަމާމެދު ޝައްކެއް ނުކުރާނެ އެވެ.

މިރޭ ގެސްޓް ޖަޖެއްގެ ގޮތުގައި ފެންނާނީ ވަރަށް ވެސް ހުނަރުވެރި ފަންނާނެކެވެ. އެވަރުގެ ފަންނާނެއް ރާއްޖޭގައި ނެތޭ ވެސް ދެންނެވިދާނެ އެވެ. ތަޖުރިބާކާރު މިއުޒިކް ކޮމްޕޯޒަރު އަދި މި ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ މުހައްމަދު އިކްރާމެވެ. މިރޭގެ ތީމަކީ "އިކްރާން ސްޕިޝަލް" އެވެ. ގަދަ ފަސް ބައިވެރިން ހުށަހަޅައިދޭނީ އިކްރާމްގެ ލަވަތަކެވެ.

އެންމެ މޮޅު އިކްރާމް

އިކްރާމަކީ ރާއްޖޭގައި ހުރި އެންމެ މިޔުޒިކް ކޮމްޕޯޒަރޭ ބުނުމަށް ދެކޮޅު ހަދާނެ މީހަކު ނުހުންނާނެ އެވެ. އޭނާ ވަނީ އެކަން އުފެއްދުންތަކުން ސާބިތުކޮށްދީފަ އެވެ. އިކްރާމަކީ ރާއްޖޭގެ އޭ އާރް ރަހުމާން އެވެ. ދިވެހި ސިނަމާ އިން ބަލާލަން ކަމުދާވަރުގެ ފިލްމެއް ފަހުގެ ތާރީޚެއްގައި އުފައްދާފައިވާއިރު އެ ފިލްމެއްގައި އިކްރާމްގެ ހިއްސާ އޮތް މިންވަރު ވެސް ވަރަށް ބޮޑެވެ. މި ސަބަބާ ހެދި މިއަދު އޭނާވެފައި ވަނީ ފިލްމީ ދާއިރާގެ އެންމެ ޑިމާންޑްބޮޑު މިއުޒިކް ކޮމްޕޯޒަރަށެވެ.

ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ދިވެހި ފިލްމު "ނިއުމާ" އާއި "ލޫދިފާ" އަދި "ސަޒާ" އާއި "އިންސާފު" ގެ އިތުރުން މިފަހުން މަޝްހޫރުކަން ހޯދި އާޓް ފިލްމުތައް ކަމުގައިވާ "އިނގިލި" އާއި "އިންސާނާ" އަދި "ހުޅުދާން" ގެ އިތުރުން ޑާކް ރެއިން އެންޓަޓެއިންމަންޓުގެ ރޮމޭންޓިކް ޑާލިން "އެންމެ ފަހު ވިންދާ ޖެހެން ދެން" އަކީ ވެސް އިކްރާމްގެ ކުޅަދާނަ މިއުޒިކުން ދިރުން ލިބި، ފަޅުފިލައިގެން ގޮސްފައިވާ މަޝްހޫރު ނަންތަކެވެ.

އަދި މީގެ މާ ކުރިއަށް ޖެހިލިއަސް އޭނާގެ ނަން ހޮވިގެން އަންނަނީ މިފަދަ މަޝްހޫރު ފިލްމަކުންނެވެ. ޓެޑްރީ މުހައްމަދު ނިޔާޒު އާއި މަހުދީ އަހުމަދުގެ ކާމިޔާބު ފިލްމު "އަމާނާތް" އަކީ ވެސް މިއުޒިކުން އިކްރާމަށް ގައުމީ އެވޯޑް ހޯދައި ދިން ފިލްމެކެވެ.

އެންމެފަހު ޝޯ ކުރުކޮށް

އެންމެފަހުގެ ޝޯގައި ބައިވެރިން ލަަވ ހުށަހަޅައިދީފައިވަނީ "ޑިސްކޯ ނައިޓް" މި ތީމަށެވެ. އެގޮތުން އެންމެ ފަރަތަމަ ލަވަ ހުށަހަޅައިދިނީ، އިޝާން އެވެ. ހުށަހަޅައިދިނީ "ނުހަނު ރީތި ސޫރައެކޭ" އެވެ. ދެން ލަވަ ހުށަހަޅައިދިނީ ފާލިހެވެ. ކިޔައިދިނީ "ޗާލު ޒުވާނާ" މި ލަވަ އެވެ. ރޮކްސްޓާ މުއައްޒިން ހުށަހަޅައިދިނީ، "ހަނދާ" މި ލަވަ އެވެ.

ހަތަރުވަނައަށް ލަވަ ހުށަހަޅައިދިނީ، ޝޯގެ ޑޮކްޓަރު ލައިޝާ އެވެ. ހުށަހަޅައިދިނީ "ދަންވަރު ދަން" މި ލަވަ އެވެ. ދެން ލަވަ ހުށަހަޅައިދިނީ، ޝަލަބީ އެވެ. ހުށަހަޅައިދިނީ "ހުންނަން ތަ ވީ އުމުރަށް މިހެން" މި ލަވަ އެވެ. ޒަލީފު ހުށަހަޅައިދިނީ، "ދީފާ ހިތާމޭ" މި ލަވަ އެވެ.

މި ޝޯގެ ހުށަހެޅުންތަކަށްފަހު ބޭއްވި އެލިމިނޭޝަން ޝޯގައި ލަވަ ކިޔުންތެރިޔާ ޒޫނާ، މާއިން އަދި ތޮލާގު ބައިވެރިވެފައިވާއިރު، އެ ޝޯއިން ކަޓައިގެން ގޮސްފައިވަނީ ރޮކްސްޓާ މުއައްޒިންނެވެ.

މިރޭ ވެސް ބައިވެރިން ހުށަހަޅައިދޭ ލަވަތަކަށް ޖަޖުން މާކްސް ދޭ އިރު މާދަމާގެ ހަވީރު ހަތަރެއް ޖަހަންދެން ބެލުންތެރިންނަށް އެސްއެމްއެސް ކުރެވޭނެ އެވެ. އަދި މާދަމާ ރޭގެ ޝޯ އިން ވެސް ބައިވެރިޔަކު މުބާރާތާއި ވަކިވެގެންދާނެ އެވެ.