ރޭ މޯލްޑިވިއަން އައިޑޮލްއިން ގެސްޓް ޖަޖެއްގެ ގޮތުގައި ފެނިގެން ދިޔައީ، ތަޖުރިބާކާރު މިއުޒިކް ކޮމްޕޯޒަރު އަދި މި ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ މުހައްމަދު އިކްރާމެވެ. ގަދަ ފަސް ބައިވެރިން ހުށަހަޅައިދިނީ އިކްރާމްގެ ލަވަތަކެވެ. އަމިއްލަ ދިވެހި އުފެއްދުންތަކެވެ.
ކޮންމެ ބައިވެރިޔަކަށް ވެސް ލަވަ ހޮވައިދީފައިވަނީ އިކްރާމެވެ. ރޭގައި ބައިވެރިން ކީ އިކްރާމް ބުނި ލަވަތެކެވެ. ތީމަކީ ވެސް އެއީ އެވެ. "އިކްރާމްސް ޗޮއިސް" އެވެ. އެހެންކަމުން އިކްރާމްގެ ޗޮއިސްތައް ރަނގަޅު ހެއްޔެވެ؟ ރޭގެ ލަވަތަކަށް ބަލާއިރު އެންމެ ކަމުދިޔައީ ކޮން ލަވަ ހެއްޔެވެ؟ ވޯޓު ދޭނީ ކޮން ލަވައަކަށް ހެއްޔެވެ؟
"ލިބުމަށް މި އެދެނީ"
އިކްރާމްގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ "ލިބުމަށް މި އެދެނީ" މި ލަވައިން ރޭގެ ޝޯ ފަށައިދިނީ ޒަލީފެވެ. ޒަލީފު ހުށަހަޅައިދިން މި ލަވައަކީ އާންމުކޮށް ޒަލީފު ހުށަހަޅައިދޭ ލަވަތަކާ ތަފާތު ލަވައެކެވެ. ކިޔަން އުނދަގޫ ލަވައެކެވެ. ޒަލީފު ލަވަ ހުށަހަޅައިދިނީ ވަރަށް ރީއްޗަށެވެ. އަޑު އަހާލަން ފަސޭހަ އެވެ. ނަމަވެސް ރޭގައި އެންމެ ގިނައިން ނެގަޓިވް ކޮމެންޓްސް ލިބިފައިވަނީ ޒަލީފަށެވެ. އަޑުއަހަލާން ރީތިވި ނަމަ ޓެކްނިކަލީ ޖަޖުން މާ މޮޅުވާނެ އެވެ. ރަނގަޅުކޮށްލަން ޖެހޭ ކަންކަން ޒަލީފަށް ޖަޖުން ކިޔައިދިނެވެ.
ޖަޖުން މިހާރު ވަނީ ޒަލީފަށް މާކްސް ދީފަ އެވެ. އެއީ 50 ޕަސެންޓެވެ. މިދިޔަ ހަފުތާއެކޭ އެއްގޮތަށް އެންމެ ފުރަތަމަ ސޭފްވާ ބައިވެރިޔަކަށް ޒަލީފު ހަދަން ބޭނުންނަމަ އަވަހަށް ޒަލީފަށް ވޯޓު ދޭން ފަށާށެވެ. ޒަލީފު "ޓީމް ފިޓް ގައީ" އޮތީ ވަރަށް ފޯރީގަ އެވެ.
"ހާލަތު"
އެހާ އާންމު ލަވައެއް ނޫނެވެ. ނަމަވެސް މިއީ ރީތި ލަވައެކެވެ. ޝަލަބީގެ އަޑުން "ހާލަތު" މި ލަވަ އަޑު އިވިގެން ދިޔުމުން އިތުރަށް ފުރިހަމަވެގެންދިޔަ އެވެ. ރޭގައި ދެވަނައަށް ލަވަ ހުށަހަޅައިދިން ޝަލަބީގެ ލަވަ ވަރަށް ވެސް ރީއްޗެވެ. ޖަޖުންނަށް ވެސް ލަވަ ވަރަށް ރީތިވި އެވެ. ތިބީ ބުނާނެ އެއްޗެއް ވެސް ހަމަ ނޭނގިފަ އެވެ. ޝަލަބީގެ ލަވައަކީ ވެސް ކިޔާލަން ފަސޭހަވާނެ ލަވައެއް ނޫނެވެ.
ޖަޖުން މާކްސް ދީފައިވާއިރު ގަދަ ހަތަރަކުން ޝަލަބީ ފެންނަން ބޭނުންވާނަމަ ޝަލަބީއަށް ވޯޓުކުރަމުން ގެންދާށެވެ. އެ ފުރުސަތު މިއަދު ހަވީރު ހަތަރެއް ޖަހާދެން މިއޮތީ ހުޅުވިފަ އެވެ. ޝަލަބީގެ ޓީމު ވެސް ފޯރިއާއެކު މި މަސައްކަތުގައި އުޅޭނެކަން ކަށަވަރެވެ.
"ހިތް އުފާވާ ހިނދު"
އިކްރާމްގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ "ހިތް އުފާވާ ހިނދު" ހުށަހަޅައިދިނީ ލައިޝާ އެވެ. ޝޯގެ ޖަޖު އުނޫޝާ ކިޔައިދީފައިވާ މި ލަވަ ލައިޝާ ހުށަހަޅައިދިނީ ވަރަށް ފުރިހަމައަށެވެ. މި ފަހަކަށް އައިސް ލައިޝާއަށް ކޮންމެވެސް ވަރަކަށް ޖަޖުންގެ ފަރާތުން ނެގަޓިވް ކޮމެންޓްސް އަންނަނީ ލިބެމުންނެވެ. އެގޮތުން ރޭގަ ވެސް ރަނގަޅުކޮށްލަން ޖެހޭ ކަންކަން ލައިޝާއަށް ޖަޖުން ކިޔައިދީފައިވެ އެވެ. ނަމަވެސް ލައިޝާގެ ހުށަހަޅައިދިނުން ޖަޖުން ކަމުދިޔަ އެވެ.
ދެން އޮތީ ބެލުންތެރިންގެ އަތް މަތީގަ އެވެ. ބެލުންތެރިންގެ ކޮމެންޓްތަކަށް ބަލާލާއިރު ބެލުންތެރިންނަށް ވެސް ލަވަ ވަރަށް ހިތްގައިމެވެ. މިހާރު އެންމެ ފޯރީގައި އުޅޭ "ޓީމް ލައި" ވޯޓު ދިނުމުގައި ވަރަށް ވެސް ފޯރި ނަގާނެތާ އެވެ. މިއަދު ހަވީރު ހަތަރެއް ޖަހަންވާއިރަށް ފޮނުވަން ހުރި ވޯޓެއްވިޔާ ފޮނުވާލާށެވެ.
"އުފާދޭ"
ފަހަރުގައި މިއީ ކުރިން އަޑު އަހާފައިވާ ލަވައަކަށް ނުވެދާނެ އެވެ. "އުފާދޭ" މި ލަވަ ހުށަހަޅައިދިން އިޝާން ވެސް މީގެކުރިން މި ލަވަ އަޑުއަހާފައެއް ނުވެ އެވެ. ނަމަވެސް އިޝާންގެ އަޑު މި ލަވަ އިވިގެން ދިޔުމާއެކު ލަވަ މިހާރު ވަނީ އެންމެންގެ ހިތްތަކުގައި ބިންވަޅު ކަނޑާފަ އެވެ. ރޭގައި އެންމެ ރަނގަޅު ކޮމެންޓްތަކެއް ލިބިފައިވަނީ ވެސް އިޝާންނަށެވެ. ކުރިން އިޝާން ކައިރީ ރަނގަޅުކުރަން ބުނަން ކަންކަން މި ލަވައިގައި ރަނގަޅުކޮށްފައިވާކަން ޖަޖުން ފާހަގަކުރި އެވެ. ހާއްސަކޮށް އުނޫޝާ އިނީ މިކަމާ ވަރަށް އުފަލުންނެވެ.
އިޝާންގެ ކުރިމަގު މިހާރު އޮތީ ބެލުންތެރިންގެ އަތްމަތީގަ އެވެ. އިޝާން ބޮޓަމް ތްރީއަށް ދާތާ މިހާރު ތިން ހަފުތާވެފައިވާއިރު އެންމެފަހު ހަފުތާ ބޮޓަމް ޓޫއަށް ވެސް ގޮސްފައިވެ އެވެ. ވޯޓު ފޮނުވުން އިތުރުނުކޮށްފިނަމަ އިޝާން މިރޭ ކައިޓައިގެން ދިޔުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. އެންމެންގެ ފޭވަރިޓް އިޝާން ޝޯއިން އަދިވެސް ފެންނަން ބޭނުންނަމަ ވޯޓު ކުރަމުން ގެންދާށެވެ.
"އަނިޔާ"
"އަނިޔާ މި ލަވަ ހުށަހަޅައިދިނީ ފާލިހެވެ. ފާލިހު ހުށަހަޅައިދިން މި ލަވައަށް ޖަޖުންގެ ފަރާތުން ލިބުނީ ވަރަށް ރަނގަޅު ކޮމެންޓްތަކެވެ. ޖަޖުންނަށް ލަވަ ވަރަށް ކަމުދިޔަ އެވެ. އިކްރާމަށް ވެސް ލަވަ ވަރަށް ކަމުދިޔަ އެވެ. ފާލިހު ދުވަހެއް ދުވަހަކަށް ރަނގަޅުވެ މޮޅުވަމުން އަންނަކަން ޖަޖުން ފާހަގަކުރި އެވެ.
ދެން އޮތީ ބެލުންތެރިންގެ ޒިންމާ އެވެ. ޖަޖުން މިވަނީ 50 ޕަސެންޓް މާކްސްދީފަ އެވެ. އަނެއް 50 ޕަސެންޓް ވޯޓު ފާލިހު ފޮނުވުމަކީ ބެލުންތެރިންގެ ޒިންމާއެކެވެ. ގަދަ ހަތަރަކަށް ފާލިހަށް ދެވޭ ވަރު ކޮށްދޭށެވެ.
ރޭ ވެސް ބައިވެރިން ހުށަހަޅައިދިން ލަވަތަކަށް ޖަޖުން މާކްސް ދިން އިރު މިއަދު ހަވީރު ހަތަރެއް ޖަހަންދެން ބެލުންތެރިންނަށް އެސްއެމްއެސް ކުރެވޭނެ އެވެ. އަދި މިރޭގެ ޝޯ އިން ވެސް ބައިވެރިޔަކު މުބާރާތާއި ވަކިވެގެންދާނެ އެވެ. އެންމެފަހުން ޝޯއިން ވަކިވެގެންދިޔައީ ސޯދިގެވެ.