ވިޔަފާރި

ހަތަރުވަނަ ކުއާޓަރުގައި ޖީއެސްޓީ ނުދައްކާ 83 ފަރާތް

ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަމަލުކުރަމުންދާ އުސޫލުގެ ދަށުން، އަތޮޅުތެރޭގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މީރާއިން އާންމުކޮށްފި އެވެ.

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ ކަމަށާއި، އެސްއެމްއެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައި ވާނެ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.

މީރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މި ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ ހަ ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ 77 ފަރާތަކާއެކު ޖުމުލަ 83 ފަރާތެއްގެ ނަން ހިމެނެ އެވެ. ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީއެސްޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަދަ ފަރާތެއްގެ ނަން އެ ލިސްޓުން އުނިކުރެވޭނެ ކަމަށާއި މީރާގެ އެންފޯސްމަންޓް ޕޮލިސީގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މި ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މީރާއިން ބުނެ އެވެ.