މޯލްޑިވިއަން އައިޑޮލް

ނަހުލާއާއެކު މިރޭ އިތުރު ސަޕްރައިޒެއް!

މޯލްޑިވިއަން އައިޑޮލްގައި މިރޭ އޮތީ ވަރުގަދަ ޝޯއެކެވެ. ގަދަ ހަތަރެއް ހޮވާ ރެއެވެ. ޝޯ މި މަހުގެ 30 ވަނަ ދުވަހު ނިމޭއިރު ޝޯ މިއޮތީ ވަރަށް ވެސް ފޯރިގަދަވެފަ އެވެ. ކަޓާނީ ކޮން ބައިވެރިއެއްތޯ އަންދާޒާކޮށްލެވޭ ވަރަށްވުރެ ބައިވެރިންގެ ހުނަރު މާ މޮޅެވެ. ކަޓާނީ ކޮން ބައިވެރިއެއްތޯ މި ސުވާލު ބާއްވަމާ ހިނގާށެވެ. ޖަވާބު މިރޭ ޝޯ ނިމިގެންދާއިރު ލިބޭނެތާ އެވެ.

އެހެން ސުވާލެކެވެ. މިރޭގެ ޝޯގައި އެލިމިނޭޝަންގެ އިތުރުން ދެން ހިނގާނީ ކޮންކޮން ކަންތައްތަކެއްބާވަ އެވެ.

މިއީ ނަހުލާގެ ރެއެއް!

މިރޭގެ ތީމަކީ "ނަހުލާ ސްޕެޝަލް" އެވެ. ބައިވެރިން މިރޭ ލަވަ ހުށަހަޅައިދޭނީ ނަހުލާ ޑައިރެކްޓްކޮށްފައިވާ ނުވަތަ ޕްރޮޑިއުސްކޮށްފައިވާ ލަވަތަކަށެވެ.

ނަހުލާއަކީ އިތުރު ތައާރަފަކަށް ބޭނުންވާނެ ޑައިރެކްޓަރެއް ނޫނެވެ. އެހެން ގޮތަކަށް ބުނާނަމަ ބެލުންތެރިންގެ އެންމެ ބޮޑު ލޯތްބަކާއި އިތުބާރެއް ލިބިފައިވާ ޑައިރެކްޓަރެވެ. މިހާތަނަށް ނަހުލާ ޑައިރެކްޓްކޮށްފައިވާ ހުރިހާ ފިލްމްތަކަކީ ވެސް ބްލޮކްބާސްޓާ ފިލްމްތަކެވެ. ހަމަ އެގޮތަށް ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމްތަކަކީ ވެސް ކާމިޔާބު ފިލްމްތަކެވެ. ފިލްމްތައް ކާމިޔާބުވި ފަދައިން ފިލްމްގެ ލަވަތަކަކީ ވެސް ހަމަ އެހާމެ ކާމިޔާބު މަގުބޫލު ލަވަތަކެވެ. އެހެންކަމުން މިރޭގެ ޝޯގައި ބައިވެރިން ހުށަހަޅައިދޭ ލަވަތައް ހިތްގައިމު ވާނެ ކަމަކީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އިތުރު ސަޕްރައިޒެއް!

ނަހުލާގެ އިތުރުން ވެސް މިރޭ ސަޕްރައިޒެއް އެބަ އޮތެވެ. އެއީ ވަރަށް ހާއްސަ މެހެމާނެކެވެ. އެ މެހެމާނު މިރޭ އައިޑޮލްގައި ލަވަ ހުށަހަޅައިދޭނެ އެވެ. އެ ލަވަކިޔުންތެރިޔާއަކީ ރާއްޖެ ފަހުރުވެރިކޮށް، މިހާރު ވެސް އަގުހުރި ހިދުމަތެއް ދެމުން އަންނަ ޒުވާނެކެވެ. އެ ޒުވާނާގެ ނަން އަދި ހާމަކުރެވޭކަށް ނެތެވެ. ޝޯއަށް އިންތިޒާރުކޮށްލާށެވެ. ހަމަ ގައިމުވެސް މާޔޫސެއް ނުވާނެ އެވެ.

ރޭގެ ޝޯ ކުރުކޮށް!

ރޭގެ ޝޯގައި ބައިވެރިން ހުށަހަޅައިދީފައިވަނީ ތަޖުރިބާކާރު މިއުޒިކް ކޮމްޕޯޒަރު އަދި މި ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ މުހައްމަދު އިކްރާމްގެ ލަވަތަކެވެ.

"އިކްރާމް ޗޮއިސް" މި ތީމަށް އެންމެ ފުރަތަމަ ލަވަ ހުށަހަޅައިދިނީ ޒަލީފެވެ. ހުށަހަޅައިދިނީ "ލިބުމަށް މި އެދެނީ" މި ލަވަ އެވެ. ދެން ލަވަ ހުށަހަޅައިދިނީ ޝަލަބީ އެވެ. ޝަލަބީ ހުށަހަޅައިދިނީ "ހާލަތު" މި ހިތްގައިމު ލަވަ އެވެ. އެއަށްފަހު ފެނިގެން ދިޔައީ ލައިޝާގެ ހުށަހެޅުމެވެ. ލައިޝާ ހުށަހަޅައިދިނީ "ހިތް އުފާވާ ހިނދު" މި ލަވަ އެވެ. އިކްރާމްގެ "އުފާދޭ" މި ލަވަ ހުށަހަޅައިދިނީ އިޝާން އެވެ. ޝޯ ނިންމާލީ ފާލިހުގެ ލަވައިންނެވެ. ހުށަހަޅައިދިނީ "އަނިޔާ" މި ލަވަ އެވެ.