މާދަމާނޫން އަނެއް ދުވަހު ފަށާ އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީގެ އަމާޒަކީ ލީގުގައި ވާދަކުރާ ކޮންމެ ޓީމަކާ ދެކޮޅަށް ރަނގަޅު ވާދައެއްކުރުން ކަމަށް ކޯޗު މުހައްމަދު އާތިފް ބުނެފި އެވެ.
އޭވައިއެލް އާއި ވިކްޓަރީގައި އާދައިގެ ޓީމެއް އޮއްވައި އެ ދެ ޓީމުގައި ވަރަށް ރަނގަޅު ނަތީޖާއެއް ނެރުނު ކޯޗު ބުނީ އޭނާގެ ޓީމާމެދު ހިތްހަމަޖެހޭ ކަމަށެވެ.
"އެކަމަކު ޓީމު މުޅިން ފުރިހަމަވާނީ އަންނަ މަހުގެ މެދުތެރޭގައި. އެއީ އެންމެ ފަހުން އަހަރުމެންނަށް ޕްރެކްޓިސް މިފެށުނީ ވެސް. އެހެންވީމަ އަންނަ މަހުގެ މެދެއްހާ ހިސާބަށް މި ބަލަނީ މި ޓީމު ރަނގަޅަށް ފިޓްވެފައި އޮންނާނެ ކަމަށް،" ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރި އާތިފް ބުންޏެވެ.
އޭނާ ވަނީ މިދިޔަ އަހަރު ނޫން ކުރީ އަހަރު ވިކްޓަރީ އާދައިގެ ޓީމަކާއެކު ގަދަ ހަތަރަކަށް ގެންގޮސްދީފަ އެވެ. އަދި އޭގެ ކުރިން އޭވައިއެލް ގޮވައިގެން ނުކުމެ އެ ޓީމަށް އެފްއޭކަޕުގެ ތިން ވަނަ ވެސް ހޯދައިދިނެވެ.
ނަމަވެސް އާތިފް ބުނީ އޭނާ ކޯޗަކަށް ހުރުމަކީ ކާމިޔާބު ލިބެންޖެހޭ ސަބަބެއްނޫން ކަމަށާއި ކާމިޔާބު ލިބޭނީ މަސައްކަތް ކޮށްގެން ކަމަށެވެ.
"މިވަގުތު މެނޭޖްމަންޓުންނާއި ކުޅުންތެރިންގެ ފަރާތުން ލިބޭ އެއްބާރުލުން ވަރަށް ރަނގަޅު. ކުޅުންތެރިން ވަރަށް ފަރުވާތެރި. ދެން ޓީމުގައި މިތިބީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާވެސް ހުރި ރަނގަޅު ކުޅުންތެރިން. އެހެންވީމާ މި ޓީމު ރަނގަޅުވާނެ ކަމަށް އުއްމީދުކުރަން،" އާތިފް ބުންޏެވެ.
ވެލެންސިއާ އަށް މިދިޔަ އަހަރު ކުޅުނު މަޒްހަރު އަބުދުﷲ އާއި ހުސައިން ޝުއައިބާއި ހުސައިން ޝިމާޒް (ކޮކީ) އަދި ހުސައިން ސޮލާހު އާއި ވިކްޓަރީ އާއި ނިއު އަދި ޓީސީ އަށް ވެސް ކުޅުނު އިބްރާހީމް ޝަފްރާޒާއި އޭވައިލް އާއި ވިޔަންސާއިން ފާހަގަ ކުރެވުނު ގިނަ ކުޅުންތެރިންތަކެއް މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޔުނައިޓެޑް ވިކްޓަރީގައި އެބަތިއްބެވެ.
މީގެ އިތުރުން ސީރިއާގެ ކީޕަރަކާއި ޑިފެންޑަރެއް އަދި ސާބިއާގެ މިޑްފީލްޑަރެއްގެ އިތުރުން މިދިޔަ އަހަރު ނިއު އާއި ޓީސީ އަށް ކުޅުނު ބްރެޒިލްގެ ފޯވަޑް ރަފީނިއާ ވެސް ވަނީ ޔުނައިޓެޑް ވިކްޓަރީއަށް ގެނެސްފަ އެވެ.