ވިޔަފާރި

ހަފުލާތަކަށް ހާއްސަ ހޯލުތަކާއެކު ޗަމްޕާ ސެންޓްރަލް ހޮޓާ މިއަދު ހުޅުވަނީ

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ހޮޓާ ކަމަށްވާ ސެންޓަލް ހޮޓާ ބަންދުކޮށްފައި ހުންނަތާ ގިނަ ދުވަސްތަކަކަށް ފަހު މިއަދު އަލުން ހުޅުވަން ހަމަޖައްސައިފި އެވެ. މި ހޮޓާ ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ.

"ޗަންޕާ ސެންޓްރަލް ހޮޓާ"ގެ ނަމުގައި މިއަދު ހުޅުވާ ހޮޓަލަކީ ތިން ތަރީގެ ހޮޓަލެކެވެ. މި ހޮޓަލަކީ 4،000 އަކަފޫޓުގެ ބޮޑު ހޮޓަލެކެވެ.

ޒަމާނީ ފެންވަރަށް ރާއްޖޭގައި އެޅި އެންމެ ފުރަތަމަ ސެންޓްރަލް ހޮޓެލް އެތައް އަހަރެއް ވަންދެން ހިންގުމަށްފަހު ހޮޓެލް ބަންދުކޮށްފައިވަނީ ޗަންޕާ ބްރަދާސްއަށް އެ ހޮޓެލް ވިއްކާލުމާއެކުގަ އެވެ. ޗަންޕާ ބްރަދާސްއަށް އެ ހޮޓެލާއި ޖެހިގެން ދެކުނަށް އޮންނަ 1899 އަކަފޫޓުގެ ގޯއްޗާއި އެ ގޯތީގައި ކޮންކްރީޓްގެ މަސައްކަތް ނިންމާފައިވާ 10 ބުރީގެ އިމާރާތާ އެކު ވިއްކާލާފައިވަނީ، 2012 ވަނަ އަހަރު އެވެ. އޭގެފަހުން ހޮޓެލް ހުރީ ބަންދުކޮށްފަ އެވެ.

މަރާމާތުކޮށް، ޒަމާނީ ފެންވަރުގައި މިއަދު ހުޅުވާ މި ހޮޓެލްގައި ހަފުލާތައް ބޭއްވުމަށް ހާއްސަ ދެ ހޯލެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ. ޗަންޕާ ސެންޓްރަލް ހޮޓެލް މެނޭޖްކުރަނީ ކްރޯން އެންޑް ޗަންޕާ ރިސޯޓުންނެވެ.

އެ ހޮޓެލުން މައުލޫމާތު ދިން ގޮތުގައި، އެތަނުން ލޯކަލް އަދި އިންޓަނޭޝަނަލް ކެއުންތައް ލިބޭނެ އެވެ. މީގެއިތުރުން ބުފޭ ރެސްޓޯރެންޓްތަކާއި ކޮފީ ޝޮޕް އަދި ރޫފް ޓޮޕް ރެސްޓޯރެންޓެއް މި ހޮޓެލްގައި ހިމެނެ އެވެ.