ވިޔަފާރި

ޗަމްޕާ ސެންޓްރަލް ހޮޓާ: މިހާރު ކުރިއަށްވުރެ މާ ފުރިހަމަ

މިއީ އެތައް ބައެއްގެ ހަނދާންތައް ގުޅިފައިވާ ސެންޓްރަލް ހޮޓަލެވެ. އިންޑިއާގެ ކާނާ ލިބުނު އެންމެ މަޝްހޫރު ހޮޓެލެވެ. މި ހުރިހާ ކަމެއް ހުއްޓިގެން ދިޔައީ މީގެ ދެތިން އަހަރު ކުރިން ހޮޓެލް ބަންދުކުރުމުންނެވެ. ޒަމާނީ ފެންވަރަށް ރާއްޖޭގައި އެޅި އެންމެ ފުރަތަމަ ސެންޓްރަލް ހޮޓެލް އެތައް އަހަރެއް ވަންދެން ހިންގުމަށްފަހު ހޮޓެލް ބަންދުކޮށްފައިވަނީ ރާއްޖޭގެ މަހުޖަން އާއިލާ، ޗަމްޕާ ބްރަދާސްއަށް އެ ހޮޓެލް ވިއްކާލުމުންނެވެ. އެ ހޮޓެލާއި ޖެހިގެން ދެކުނަށް އޮންނަ 1899 އަކަފޫޓުގެ ގޯއްޗާއި އެ ގޯތީގައި ކޮންކްރީޓްގެ މަސައްކަތް ނިންމާފައިވާ 10 ބުރީގެ އިމާރާތާ އެކު ޗަމްބާ ބްރަދާސް އަށް އެތަން ވިއްކާލާފައިވަނީ، 2012 ވަނަ އަހަރު އެވެ.

އޭގެ ފަހުން ހޮޓެލް ބަންދުކޮށްފައި ހުރުމަށްފަހު ޒަމާނީ ފެންވަރަށް މަރާމާތުކޮށް އިއްޔެ ހަވީރު އެ ހޮޓާ ވަނީ އަލުން ހުޅުވައިފަ އެވެ. އިއްޔެ މި ހޮޓެލް ހުޅުވިއިރު ހުރިހާ ކަމެއް ވަނީ ނިމިފަ އެވެ. މުވައްޒަފުން ނަގާ، ތަނުގެ ހިދުމަތް ދޭން ވަނީ ފަށާފަ އެވެ. ކުރީގެ ސެންޓްރަލް ހޮޓެލް މިހާރު ވަނީ "ޗަމްޕާ ސެންޓްރަލް ހޮޓެލް"ގެ ނަމަށް ބަދަލުކޮށްފަ އެވެ. އެއީ، ތިން ތަރީގެ ހޮޓެލެކެވެ.

އެ ހޮޓާ އަލަށް މި ހުޅުވަނީ ކުރީގައި ހުރި 10 ބުރީގެ އިމާރާތާ އެތަނާ އިންވެގެން ހުރި 10 ބުރީގެ އިމާރާތާ ގުޅުވާލުމަށްފަހު ކުރިއަށްވުރެ ބޮޑު ކޮށެވެ. ހޮޓެލްގައި ގިނަ ރެސްޓޯރެންޓުތަކާއި މީޓިން ރޫމްތަކާއި ޓެރެސް އަދި ރޫމްތައް ވަނީ ހިމަނާފަ އެވެ. ރެސްޓޯރެންޓްގެ ހިދުމަތާއި ރޫމްތައް ބުކްކުރުމުގެ ހިދުމަތާއި މީޓިން ރޫމްގެ ހިދުމަތް މިހާރު ސެންޓްރަލް ހޮޓެލުން ވަނީ ދޭން ފަށާފަ އެވެ.

ހޮޓެލްގެ ކޮޓަރިތައް

ޗަންޕާ ސެންޓަރަލް ހޮޓެލްގައި ޖުމްލަ 74 ކޮޓަރި ހުރެ އެވެ. އެއީ އެގްޒެކިއުޓިވް ތިން ރޫމް އާއި 24 ޑުލެކްސް ރޫމް އަދި ސްޕީރިއާ 46 ރޫމެކެވެ. ހުރިހާ ކޮޓަރިއެއްގައި ވެސް މޮޑާން ޑެކާ، ކްއީން ސައިޒް ނުވަތަ ދެ ސިންގަލް ބެޑް، ޓައިލްޑް ފްލޯ، އަދި ބެލްކަނީ އެއް ހިމެނެ އެވެ.

ކޮޓަރިތަކުގެ އަގު: (އެއް ދުވަހަށް ބްރެކްފާސްޓާއެކު)

  • އެގްޒެކިއުޓިވް ރޫމެއްގެ އަގަކީ ސިންގަލެއް ނަމަ 128 ޑޮލަރެވެ. ޑަބަލެއް ނަމަ 150 ޑޮލަރެވެ. ޓްރިޕަލް ނަމަ 203 ޑޮލަރެވެ.
  • ޑުލެކްސް ރޫމެއްގެ އަގަކީ ސިންގަލެއް ނަމަ 115 ޑޮލަރެވެ. ޑަބަލެއް ނަމަ 135 ޑޮލަރެވެ. ޓްރިޕަލް ނަމަ 182 ޑޮލަރެވެ.
  • ސްޕީރިއާ ރޫމެއްގެ އަގަކީ ސިންގަލެއް ނަމަ 85 ޑޮލަރެވެ. ޑަބަލެއް ނަމަ 100 ޑޮލަރެވެ. ޓްރިޕަލް ނަމަ 135 ޑޮލަރެވެ.

ރެސްޓޯރެންޓުތަކާއި އެހެން ތަންތަން

ހޮޓެލްގައި ފުރަތަމަ ފްލޯގައި "ފަރިވަޅު" ނަމަކަށްކިޔާ ރެސްޓޯރެންޓެއް ހުރެ އެވެ. އެ ރެސްޓޯރެންޓަކީ ބޭރާއި ރާއްޖޭގެ ކެއުންތައް ލިބޭނެ ރެސްޓޯރެންޓްތަކެވެ. ރެސްޓޯރެންޓް ހާއްސަކޮށްފައިވަނީ ބުފޭ ތަކަށެވެ.

ނުވަވަނަ ފްލޯގައި ކޮފީ ޝޮޕެއް ވަރަށް އަވަހަށް ހުޅުވުމަށް ވަނީ ނިންމާފަ އެވެ. އެ ކޮފީ ޝޮޕް ހަދާފައިވަނީ އިވެންޓްތައް ވެސް ބޭއްވޭ ގޮތަށް އޭޝިއަން ކާނާއަށް ވެސް ހާއްސަކޮށްގެންނެވެ. ހޮޓެލްގެ ރޫފް ޓޮޕްގައި ރެސްޓޯރެންޓެއް ވަނީ ހަދާފަ އެވެ. އެއީ، އިންޑިއަން ކެއުމަށް ހާއްސަ ރެސްޓޯރެންޓެކެވެ. އަދި މި ރެސްޓޯރެންޓު ނުހުޅުވަ އެވެ. ވަރަށް އަވަހަށް އެކަން ވެސް ކުރާނެ އެވެ.

މީގެއިތުރުން އިވެންޓްތައް ބޭއްވޭ ގޮތަށް ހަދާފައިވާ ހޯލަކާއި މީޓިން ރޫމެއް މި ހޮޓެލްގައި ހުރެ އެވެ. އެ ތަނުގައި އެންމެ ގިނައިން 300 ގެސްޓުންނަށް ބައިވެރިވެވޭނެ އެވެ. ނުވަވަނަ ފްލޯގައި ފިޓްނެސް ސެންޓަރެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

މީޓިން ރޫމް ދޫކުރާ އަގުތައް:

  • ހާފް ޑޭ - 150 މީހުންނަށް 6168 ރުފިޔާ
  • ފުލް ޑޭ - 150 މީހުންނަށް 10،023 ރުފިޔާ

ކްރައުން އެންޑް ޗަންޕާ ރިސޯޓްސްއިން ހިންގާ މި ހޮޓެލާ ގުޅޭ ގޮތުން ހޮޓެލްގެ ޖެނަރަލް މެނޭހަރު ތޯހާ ރަޝީދު ވިދާޅުވީ، ޗަންޕާ ސެންޓަރަލް ހޮޓެލަކީ ކްރައުން އެންޑް ޗަންޕާ ރިސޯޓްސްގެ ގިނަ ދުވަސްވީ ރިސޯޓު ދާއިރާގެ ތަޖުރިބާއިން ހިންގަން ފެށި ހޮޓެލެއް ކަމަށާއި، އަމާޒަކީ ސްޓޭންޑާޑެއްގައި ހޮޓެލް ހިންގުން ކަމަށެވެ. ހޮޓެލް ހިންގާ ފެންވަރަކީ އެހެން މީހުން ބަލައި ގަނެ، އޭގެން މިސާލު ނަގާނެ ކަންކަމަށް ހަދަން ބޭނުން ކަމަށް ތޯހާ ވިދާޅުވި އެވެ.

ތޯހާ ވިދާޅުވީ، ކުރީގެ ސެންޓަރަލް ހޮޓެލާއި މިހާރުގެ ޗަންޕާ ސެންޓްރަލް ހޮޓެލްގެ ތަފާތަކަށް ވާނީ، އެ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާ ކަމަށެވެ. މީގެ ކުރިން ސެންޓްރަލް ހޮޓެލުން މީހުންނަށް އެންމެ ކަމުދިޔަ ހިދުމަތްތައް މިހާރު ވެސް ލިބެން ހުންނާނެ ކަމަށާއި، ހިދުމަތްތައް އިތުރަށް ފުރިހަމަކުރެވިފައިވާ ކަމަށެވެ.

މި ހޮޓެލްގައި ގިނައިން ވަޒީފާ އަދާކުރަމުން ދަނީ ދިވެހިންނެވެ. ހޮޓެލްގައި 75 އެއްހާ މުވައްޒަފުން ވަޒީފާ އަދާކުރެ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 70 ޕަސެންޓު މުއައްޒަފުންނަކީ ދިވެހިންނެވެ.

"އަޅުގަނޑުމެން ކުދިން ވަޒީފާއަށް މި ނަގަނީ އިއުލާން ކޮށްގެން އާއި އަޅުގަނޑުމެންގެ ރިސޯޓްތަކުން ގެނެސްގެން، އެންމެ ރަނގަޅު ވަޒީފާ އަދާކުރާ ކުދިންނަކީ އަޅުގަނޑުމެންގެ ސްޓާފުން، ދިވެހިންނަށް ބޮޑަށް އިސްކަންދީގެން އަޅުގަނޑުމެން މި ކުރިއަށް ގެންދަނީ، އޭގެ ތެރޭގައި ކްރޯން އެންޑް ޗަންޕާ ގުރޫޕްގަ އެބަ އޮވޭ ދިވެހިންނަށް ވަރަށް ގިނަ ޓްރެއިނިން ޕްރޮގްރާމްތަކާއި އެހެން ކަހަލަ ޓްރިއިނިންތައް ވަރަށް ބައިވަރު ބެނެފިޓްސްތައް އެބަހުރި އަޅުގަނޑުމެންގެ މުވައްޒަފުންނަށް،" ތޯހާ ވިދާޅުވި އެވެ.

މާލޭގެ މެދުގައި ހުންނަ ސެންޓްރަލް ހޮޓެލް ރީބްރޭންޑްކޮށް ހުޅުވިގެން ދިޔުމަކީ، އުފާވެރިކަން ގެނެސްދީ ސެންޓްރަލް ހޮޓެލްގެ ހިދުމަތްތަކަށް ފެން ބޮވައިގެންފައި ތިބި މީހުންނަށް ނިމުމެއް އަންނާނެ ކަމެކެވެ. އުފާވެރިކަން އިތުރު ވެސް ވާނެތާ އެވެ. އެއީ މިހާރު ސެންޓްރަލް ހޮޓެލްގެ ކުރިއަށް ޗަންޕާ ހިމެނުމާއެކު މިވަނީ ފެންވަރަށް ބޮޑު ކުރިއެރުމެއް އައިސްފަ އެވެ. ހަމަ ގައިމުވެސް މިހާރު ސެންޓްރަލް ހޮޓެލް މާ ފުރިހަމަ އެވެ.