އަހަރުގެ އެންމެ ބޮޑު އެވޯޑް ހަފްލާތައް މިވަނީ ނިމުމަކަށް އައިސްފައެވެ. ބާކީ އޮތީ ހަމައެކަނި އައިފާ އެވޯޑްސްއެވެ. އަހަރު ފެށިގެންއައީ ސްޓާޑަސްޓް އެވޯޑާއި އެކުގައެވެ. އަދި އެއަށްފަހު ސްކްރީން އެވޯޑްއަދި އެއް ތިރީސް ޖަނަވަރީގެ ރޭ ބޭއްވިގެންދިޔަ ފިލްމް ފެއާ އެވޯޑްސްއެވެ.
އިންޑިޔާގައި އޮސްކާގެ ގޮތުގައި ބެލެވެނީ ފިލްމުފެއާ އެވޯޑްކަމުން ގިނަ ބަޔަކު އަހަރުގެ އެންމެ މޮޅު ތަރިން އަދި ފިލްމު ކަނޑައަޅަނީ މި އެވޯޑް ހާސިލްކުރާ ފަރާތްތަކަށް ބަލައިގެންނެވެ.
މި އަހަރުގެ މި ތިން އެވޯޑަށް ބަލާއިރު އެންމެ މޮޅު ފިލްމު ކާމިޔާބުކޮށްފައިމިވަނީ ކުޑަ ބަޖެޓަކާއި އެކު އުފައްދާ އެންމެން ހައިރާން ކުރުވި ފިލްމު "ކުއީން" އެވެ. ވިކާސް ބަލް ޑައިރެކްޓްކޮށްފައިވާ މި ފިލްމުން މި އަހަރުގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑްވެސް ހާސިލްކޮށްފައިވަނީ ވިކާސްބަލްއެވެ.
އެންމެ މޮޅު އެކްޓަރުގެ އެވޯޑް މި އަހަރު ބޭއްވިގެން މިދިޔަ ތިން ހަފްލާއިން ފިލްމް ފެއާ އަދި ސްކްރީން އެވޯޑުން ހާސިލްކޮށްފައި މި ވަނީ ޝާޚިދު ކަޕޫރެވެ. އޭނާ ފިލްމު ހައިދަރުގައި ދައްކުވައިދިން އެކްޓަށް ސްޓާޑަސްޓް އެވޯޑްގެ ޑްރާމާ ކެޓެގަރީންވެސް ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލްކޮށްފައެވެ. ސްޓާޑަސްޓް އެވޯޑް ގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލްކޮށްފައިވަނީ ރަންދީޕް ހޫޑާ ފިލްމު ހައިވޭއިންނެވެ.
މި އަހަރު ނިމިގެންދިޔަ އިރު ގިނަ ބަޔަކު ވަނީ ފިލްމު "ކުއީން" ގައި ކަންގަނާ ރަނައުތް ދައްކުވައިދިން އެކްޓަށް މި އަހަރުގެ ހުރިހާ އެވޯޑެއް ލިބިގެންދާނެކަން ޔަގީންކޮށްފައެވެ. ނަމަވެސް ލައިފް އޯކޭ ސްޓާޑަސްޓް އެވޯޑުން މި މަގާމްލިބިގެންދިޔައީ ފިލްމު މޭރީ ކޮމްގައި ޕްރިޔަންކާ ޗޯޕްރާ އަށެވެ.
ނަމަވެސް އެ ހަފްލާގައި ޕޮޕިއުލާ ޗޮއިސް ބެސްޓް އެކްޓްރެސް ހާސިލްކުރި ދީޕިކާ ޕަޑުކޯންވަނީ އޭނާގެ އެވޯޑް ކަންގަނާއަށް ޑެޑިކޭޓްކޮށް މި އަހަރަކީ ކަންގަނާގެ އަހަރެއްކަމަށް ބުނެފައެވެ. ފިލްމުފެއާ އަދި ސްޓާޑަސްޓްގެ އެންމެ މޮޅު އެކްޓްރެސް އަކަށް ހޮވިފައިވަނީ ކަންގަނާއެވެ.
އަހަރުގެ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ މަގާމް ހުރިހާ އެވޯޑަކުން ހާސިލްކޮށްފައިވަނީ ފިލްމު "ހައިދަރު"ގައި ޝާހިދު ކަޕޫރުގެ މަންމަގެ ރޯލު އަދާކުރި ތާބޫއެވެ. މިއީ ގިނަ އަހަރުތަކަކަށް ފިލްމީ ދާއިރާއާއި ދުރުގައި ހުރުމަށްފަހު ތާބޫ ފެނިގެންދިޔަ އަހަރެވެ. ސަޕޯޓިން އެކްޓަރުގެ މަގާމު މިތިން އެވޯޑުގައި ވަރަށް ބޮޑަށްވެސް ތަފާތެވެ.
ފިލްމުފެއާއިން ކޭކޭ މެނަނަށް ފިލްމު "ހައިދަރު" އިން ލިބުނު އިރު ސްޓާޑަސްޓް އެވޯޑް ހޯދާފައިވަނީ "ކިލްދިލް" އިން ގޯވިންދާއެވެ. އަދި ސްކްރީން އެވޯޑުން މި މަގާމް ލިބިފައިވަނީ ފިލްމު "ފިލްމިސްތާން" އިން އިނާމުލް ހަގްއަށެވެ.