މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރު ކުރުމަށް ޑަބަލްޑެކް ފެރީއެއް ގެނެސް ފެރީ ދަތުރުތައް 15 މިނެޓަށް އަވަސް ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ރައްޒާގު ހަލީމް ވިދާޅުވީ ހުޅުމާލެ/ މާލޭގައި ފެރީގެ ހިދުމަތް ދިނުމަށް އަލަށް އުފެއްދި ކުންފުނި، "ޓްރާންސްޕޯޓް ފޯ މޯލްޑިވްސް" އިން ގެންނަ ދެ ފެރީ މާޗް މަހު ބޭނުން ކުރަން ފަށާނެ ކަމަށެވެ.
" މި އަހަރަށް ޝޯޓްޓާމް ޕްލޭނެއް ހަދާފައި ވާނީ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ޔަގީން ކުރާ ގޮތުގައި ދެ ފެރީއެއް އޮޕަރޭޝަނަށް ނެރެވޭނެ. މީގެ ތެރެއިން އެއް ފެރީއަކީ ގާތްގަނޑަކަށް 140 މީހުންގެ ޖާގައިގެ ފުލް ފައިބް ގްލާސް ފެރީއެއް. އަނެއް ފެރީއަކީ 200 މީހުންގެ ޖާގައިގެ ފެރީއެއް،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެރީގެ އެތެރޭގައި ސިޑިއެއްލާފައިވާ ޑަބަލްޑެކް މި ފެރީގެ ސަބަބުން ހެނދުނު ގަޑީގައި ހުޅުމާލެއިން މާލެއަށް އޮފީހަށްދާ މީހުންނަށް ވަަރަށް ބޮޑު ލުޔަކަށް ވެގެންދާނެ ކަމަށެވެ.
ހަލީމް ވިދާޅުވި ގޮތުގައި ފުރަތަމަ ދެ ފެރީ ނެރުމަށް ނުވަ މަސް ދުވަސްވަރު ނަގާނެ ކަމަށާއި، އޭގެ ފަހުން ވެސް އިތުރު އާ ފެރީތަކެއްގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ.
"އިތުރު ފެރީތަކެއް ވެސް ހަދާނަން އިރާދަކުރެއްވިއްޔާ މި ފެރީތައް ހަދަނީ މުޅީން ތަފާތު ޑިޒައިނަކަށް. މިހާރު ފެރީގެ ޑިޒައިންތަކެއް ހޯދައިފިން،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަލަށް ނެރޭ ފެރީތަކަކީ ފެރީގެ ހިދުމަތް ބޭނުންކުރާ މީހުން ހިތްހަމަ ޖެހޭ ފަދަ ފެރީތަކަށް ވާނެ ކަމަށެވެ.
" އުންމީދު ކުރަނީ 15 މިނެޓުން ދަތުރު ކުރެވޭ ފެރީއަކަށް ހެދޭތޯ. ގިނަ ކަސްޓަމަރުންގެ ޝަކުވާއަކީ ފެރީތައް 20 މިނެޓުން ދަތުރުކުރާތީއެއް ނޫން. އެ ބޭފުޅުންގެ ބޮޑު ޝަކުވާއަކީ ކޮންވީނިއަންސް. ހޫރުވުމާއި ދުން އެރުން ފަދަ ކަންތައްތައް. ހަގީގަތުގައި މީތި ހިތް ގައިމު އަރާމު ފެރީތަކަށް ވަނީނަމަ އަޅުގަނޑަކަށް ހީވަނީ 20 މިނެޓަކީ އިޝޫއެއް ނޫން،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ފެރީތައް ފަރުމާކޮށްފަައިވާނީ ދޮރުތައް ލެއްޕުމުންވެސް ހޫނު މަޑުވާ ގޮތަކަށް ކަމަށެވެ.
"އާ ފެރީތަކުގައި ފަންކާ ހަރުކުރުން ފަދަ ކަންކަން ކުރުމަށް ވިސްނަން،" ހަލީމް ވިދާޅުވި އެވެ.