އާދަމް ޝަރީފު އުމަރު

ހާލު ޖެހުނު މީހުނަށް ގެސްޓް ހައުސްތަކުން ވަގުތީ ހިޔާ ދޭނަން: މިނިސްޓަރު

މިއަދު ހަވީރު ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުންވި ގެތަކުގެ މީހުންނަށް ގެސްޓް ހައުސްތަކުން ވަގުތީ ހިޔާ ދޭނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއެއްގައި މިނިސްޓަރު ވިދާޅުވީ، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ގާއިމުކުރި އިވެކުއޭޝަން ސެންޓަރުގައި މިހާރު ތިބި މީހުންނަށް ވަގުތީ ހިޔާވެހިކަމެއް ގެސްޓް ހައުސްތަކުން ހޯދައިދޭނެ ކަމަށެވެ. އަދި އެ މީހުންގެ ކެއުމާއި އެހެން ކަންކަން ވެސް ހަމަޖައްސައިދޭނެ ކަމަށެވެ.

ޑިޒާސްޓާ ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ތަސްނީމް ޕީއެސްއެމްއަށް ވިދާޅުވީ، އަލިފާން ރޯވި އިމާރާތް ކައިރީގައި ހުރި ބައެއް ގޭގޭގެ މީހުންނަށް އެ ސެންޓަރުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެ ސެންޓަރުގައި 46 މީހުންނަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ފަސް ކުޑަކުދިން ވެސް ހިމެނެ އެވެ.

އިވެކްއޭޝަން ސެންޓަރުން ކެއިން ބުއިމާއި ފާހާނާ ކުރުމުގެ ކަންކަން ވަނީ ހަމަޖައްސާފަ އެވެ. ތަސްނީމް ވިދާޅުވެފައިވަނީ، އިވެކްއޭޝަން ސެންޓަރުގައި ތިބި އެއްވެސް މީހަކަށް ސިއްހީ ގެއްލުމެއް ނެތް ކަމަށާއި އެކަމަކު ބައެއް މީހުންނަށް ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗުގައި ފަރުވާ ދީފައިވާ ކަމަށެވެ. ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ ފޯކަލް ޕޮއިންޓެއް އައިޖީއެމްއެޗްގައި ވަނީ ގާއިމްކޮށްފަ އެވެ.