ރިޕޯޓް

ގާނޫނު އަސާސީ ހިމާޔަތް ކުރަނީތަ؟ ބަޣާވާތެއް ރާވަނީތަ؟

ފެބުރުއަރީ ހަތެއްގައި ވެރިކަން ފުރޮޅާލީ ބަޣާވާތަކުން ކަމަށް ބުނެ އެމްްޑީޕީ ދައުވާ ކުރަމުން އާއިރު، އެކަން ރޭވުމުގެ އެއް މޭސްތިރިއަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އެމްޑީޕީން އައީ ތުހުމަތު ކުރަމުންނެވެ. ގާސިމްގެ ފައިސާ އާއި ނުފޫޒު ބޭނުން ކުރައްވައިގެން، ވެރިކަން ފުރޮޅާލި ކަމަށް ބުނެ ސަޕޯޓަރުންގެ މެދުގައި ކެއްކި ޖަޒްބާތާއެކު އުތުރި އަރައިގެން ގޮސް ގާސިމްގެ ވިލާ ގުރޫޕުން ހިންގާ ވިލާ ޓީވީ އާއި އަތޮޅުތަކުގައި ހުރި ގާސިމްގެ އެހެން ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. އެމްޑީޕީން އޭރު ބުނި ގޮތުގައި ގާސިމަކީ ގައުމަށް ޣައްދާރެކެވެ. ބޮޑުވެގެންވާ ހިޔާނާތްތެރި އެކެވެ.

އެ މަންޒަރު މުޅިން ބަދަލު ވެއްޖެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިހާރު ހުންނެވީ ގާސިމް "ގައުމީ ބަތަލަ" ކަށް ހައްދަވައިގެން ހިމާޔަތުގައި އައްޑަނަ ދިއްކުރައްވައިގެންނެވެ. ވިދާޅުވަނީ ދެން ވެރިކަމަށް ގެންނަވާނީ ގާސިމް ކަމަށެވެ. އެމްޑީޕީގެ ގައުމީ ބަތޮލަކީ މިހާރު ގާސިމެވެ. ވެރިކަމަށް އެމަނިކުފާނު ފަދަ ގާބިލް ބޭފުޅަކު ނެތް ކަމަށެވެ. ރިޝްވަތު ދީގެން ވެރިކަން އިންގިލާބު ކޮށްލި ބޮޑު ބާޣީ ރައީސް ނަޝީދަށް މިހާރު ސިފަ މިކުރެވެނީ ގާޒީއެއް ހެންނެވެ. ވަރަށް ލޯތްބާއި އެކުވެރިކަމާ އެކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް މިހާރު ކުނޫޒުގައި ބައްދަލު ކުރައްވަ އެވެ.

"އަޅުގަނޑުމެން މާ ކުރިންސުރެވެސް ހިއްކިޔަމުން އައީ ޖޭޕީއަށް. މިދިޔަ ރިޔާސީ އިންތިހާބުގެ ތެރެއިން ފެށިގެން. އެކަމަކު އެފަަހަރު އެކަން ކާމިޔާބުވާ ގޮތެއް ނުވި. އެކަމަކު މިފަހަރު އަޅުގަނޑުމެން ޖޭޕީ އެމްޑީޕީގެ ކައިވެނި ވަރަށް އަވަހަށް ކުރެވޭނެ،" އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވި އެވެ. އެއްކަލަ ބޮޑު ބާޣީއަށް މިހާރު މިވީ ކިހިނެތް ހެއްޔެވެ؟

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ތައުރީފް ކުރައްވަމުން ނަޝީދު ވަޑައިގަންނަވަނީ އެ މަނިކުފާނު ދެކެ މާ ބޮޑަށް ލޯބިފުޅު ވެގެންތޯ ނޫނީ ސިޔާސީ އެހެން ބޭނުމެއްގައިތޯ ސުވާލު އުފެދެ އެވެ. ފެބުރުއަރީ ހަތެއްގައި އެމްޑީޕީގެ ވެރިކަން ބަދަލުވުމުގައި ގާސިމްގެ އަތެއް އޮތް ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަތައް އެކޮޅު ކޮޅުން ޖައްސަވައި ގާސިމްގެ ކޮނޑުގައި ފިރުމަން ފެއްޓެވީ، އެމްޑީޕީން ބުނާ ގޮތުގައި ހަމަ އާއި އުސޫލު ގަބޫލު ކުރާތީ އެވެ. ގާނޫނު އަސާސީ ފުނޑާލުމަށް ސަރުކާރުން މަސައްކަތް ކުރާތީ ބާޣީންނާ ސުލްހަވެ އެއް މޭޒަކަށް އެރުމަކީ ނަޝީދުގެ ޖަސްޓިފިކޭޝަނެވެ. އެކަމަކު އަލީ ވަހީދު ކުނޫޒުގެ ޕޯޑިއަމްގައި ދެއްކެވި ވާހަކަތަކުން އަދި އެކަން އޮތީ އެހެން ނޫންކަން އެނގެ އެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ، ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާއި އިނގޭތޯ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީއަށް ބައިވެރި ނުވެވޭ އިންތިހާބެއް މި ރާއްޖޭގައި ނުބޭއްވޭނެ. އެކަމެއް އެހެން ނުވާނެ. އަޅުގަނޑުމެން މި ގައުމު ސަލާމަތް ކުރާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

ގާސިމްގެ އަތުގައި ހިފައިގެން ނިކުމެގެން މި އުޅެނީ ކޮންމެހެން ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ނޫންކަން ބުނުމުގެ ޖާގަ މި އޮތީ ހުޅުވިފަ އެވެ. އެއީ ހަމަ ރައްޔިތުންގެ ޖަޒުބާތުތަކާ ކުޅެލައިގެން ގައުމު "ކައްކުވައިލަން" ވެގެން ދައްކައިގެން އުޅޭ ވާހަކަ އެވެ. އަލީ ވަހީދު އެ ވިދާޅުވާ ގޮތަށް ގާސިމާއި ނަޝީދުގެ ކެންޑިޑެންސީ ޔަގީން ކުރުމަކީ އެ މަސައްކަތުގެ އަސްލެވެ. އެހެން ކަމަށް ވާނަމަ އެމްޑީޕީ އާއި ޖޭޕީ އަށް ގާނޫނު އަސާސީ އަކީ ވެސް އަދި ޑިމޮކްރަސީ އާއި އިންސާނީ ހައްގަގީ ވެސް ގާސިމާއި ނަޝީދު ބާއެވެ؟ އެކަމަކު ޑިމޮކްރަސީ އަކީ ރައްޔިތުންގެ ކިބައިން އުފެދިގެން އަންނަ ވެރިކަމުގެ ބާރެވެ.

ނަޝީދަށް އޮތް ބިރަކީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގެ ޝަރީއަތް އަލުން ފަށައި ހުކުމެއް އައިސްފި ނަމަ، އެ މަނިކުފާނު ރިޔާސީ ރޭހުން ޖާގަ ގެއްލުމުގެ ބިރެވެ. ގާސިމް ނަންގަވައިގެން އުޅުއްވާ ބިރަކީ، ޕީޕީއެމް އިން އިސްވެ އޮވެ މަޖިލީހަށް ވައްދާފައި އޮތް، ވެރިކަމަށް ކުރިމަތިލެވޭނެ އެންމެ ދޮށީ އުމުރު ކަނޑައެޅުމުގެ ބިލް ފާސްވެއްޖެ ނަމަ އެމަނިކުފާނުގެ ކެންޑިޑެންސީ ގެއްލުމެވެ. އެހެން ވީމާ މިއީ އަދި ގައުމަށް އިހުލާސްތެރިވެ ގާނޫނު އަސާސީއަށް ބޯލެބުމުގެ މަސައްކަތެއް ނޫންތާ އެވެ؟

"މި އުޅެނީ ވެރިކަމާ ތޮޅޭނޭ ގޮތެއް ނޭނގިގެން، އެކަމާ ހުރެ މަގުމަތި ހަލަބޮލިކުރަން. ގާނޫނު އަސާސީ އެއްފަހަރަށް ވުރެ ގިނަ ފަހަރު މުގުރާލި ބަޔަކަށް އެ ގާނޫނު އަސާސީ ކިހިނެތްތޯ ދަމަހައްޓާނީ. އެބޭފުޅުންނަކަށް ނުދެއްކެވޭ ގާނޫނު އަސާސީގެ ބާރު މި ސަރުކާރުން ކަނޑުވާލިތަނެއް. ކޮންމެ ކަމެއް ވެސް މި ސަރުކާރުން ކޮށްފައި އޮތީ އެ ގާނޫނު އަސާސީގެ ތެރެއިން،" ޕީޕީއެމްގެ އެއް ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ ތަރުތީބަށް ބަލާއިރު، ރައީސް ނެތް ހާލަތެއްގައި އެ މަގާމު ލިބިވަޑައިގަންނަވާނީ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދަށެވެ. ދެން މަޖިލީހުގެ ރައީސް އެހެން ނޫނީ ނައިބު ރައީސް އެވެ. އޭގެން އެއްވެސް ބޭފުޅެއް ނެތް ހާލަތުގައި މަޖިލީހުގެ އެންމެ ގިނަ ދުވަސްވީ މެންބަރަށެވެ. އެކަމަކު މި ހުރިހާ ތަރުތީބުތަކެއް ފަހަނައަޅައި ގޮސް އެމްޑީޕީގެ ފޯމިއުލާ އަކީ މިވެރިކަން ދައުރުގެ މެދުން ބަދަލުކޮށް ގާސިމް އިބްރާހިމް އާ ހަވާލު ކުރުމެވެ. އަދި އެ މުއްދަތުގެ ތެރޭގައި އަވަސް އިންތިހާބެއް ބޭއްވުމެވެ. އެކަމަކު މިއީ ގާނޫނު އަސާސީގެ ކޮން ދިމާލަކުން ހޯދި ފޯމިއުލާއެއް ކަމެއް ވެސް ނޭނގެ އެވެ.

ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވާ ގޮތުގައި، އެއީ ގާނޫނު އަސާސީގެ އިމުން ނެރެވޭނެ ފޯމިއުލާއެއް ނޫނެވެ. އެއީ ހީލަތްތެރި ސިޔާސީ ރޭވުމެއްގެ ތެރެއިން ކުޅިބައި އަތުރައިގެން ކުރެވެން އޮތް ކަމެވެ. ނިހާން ބުނާ ގޮތުން އެކަން ވާން އޮތް ހަމައެކަނި މަގަކީ ބަޣާވާތެއް ކުރުމެވެ. ނޫނީ ރައީސް ޔާމީންގެ ވެރިކަން އިންގިލާބު ކޮށްލުމެވެ. އެހެން ކަމަށް ވާނަމަ، ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި ގާނޫނު އަސާސީ އެކީ ފުޑާލެވުނީ އެވެ. އެހެން ކަމަށް ވާނަމަ މިއީ ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ހީލަތްތެރި ރޭވުމެވެ. މިއީ ވެރިކަމާ ތޮޅުމުގެ އާ ބާވާތެކެވެ. ދެވަނަ ފެބުރުއަރީ ހަތެއް ރިޕީޓް ކުރައްވާ ނަަމަ، ނަޝީދަށް އެއްބަސްވެ ވަޑައިގެންނެވެނީ އެމަނިކުފާނުގެ ވެރިކަން ފެބުރުއަރީ ހަތެއްގައި ބަދަލުވީ ގާނޫނީ އިމުގެ ތެރެއިން ކަމެވެ. އެކަމުގައި ގޯހެއް ނެތް ކަމެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި ގާސިމް އިބްރާހިމް ފެނިވަޑައިގަންނަވަނީ ވެރިކަން ކުރާ ޕާޓީއާ އަބަދުވެސް ފެއަށް ޖެހިވަޑައިގަންނަވާ މަންޒަރެވެ. އެމްޑީޕީ ސަރުކާރާ އެކުވެސް ގާސިމް އަށް މަޑުކޮށްލެއްްވުނީ މަދު ދުވަސްކޮޅެއްގަ އެވެ. އެއަށް ފަހު ޕޯޑިއަމަށް ވަޑައިގެން އެކަމަށް މާފަށް އެދިވަޑައިގެން ނަޝީދަށް ހެއްދެވި ނެހެއްދެވިއަށް ގޮވީ އެވެ. މި ސަރުކާރުގައި ވެސް ގާސިމަށް ހަމަޖެހިވަޑައިގަތީ އެ ހާލެވެ. އަމިއްލައަށް ކޯފާ އިސްކުރައްވައި ސަރުކާރަށް އެއްޗިހި ގޮވަން ފެއްޓެވީ އެވެ.

އެމްޑީޕީ ފެންނަނީ ވެރިކަމުގައި އޮތް އިރުވެސް އިދިކޮޅު ސިޔާސީ ޕާޓީއެއް ގޮތަށް މަގުމަތީ ހަރަކާތްތަކުގެ ތެރެއިންނެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާއެއް ކުރާއިރަށް އެމްޑީޕީން ވެސް މެގަފޯނާއި ފޮތިގަނޑު ހިފާފައި ނުކުމެ އެއަށް ވުރެ ބާރަށް އަދި ހަޅޭއްލަވަން ޖެހެ އެވެ. މިއީ ރާއްޖޭގައި ސިޔާސީ މައިދާނުގައި ޖޭޕީ އާއި އެމްޑީޕީގެ ކެރެކްޓާ އެވެ. މި ދެކެރެކްޓާއިން ވެސް ނެގޭ މި ސާލަކީ އިދިކޮޅު ޕާޓީއެއް ވިއްޔާ ސަރުކާރުން ކުރާ އެއްވެސް ކަމެއް ރަނގަޅު ނުވުމެވެ. އަބަދުވެސް ސަރުކާރާ ދެކޮޅު ހެދުމަކީ ޒިންމާދާރު ސިޔާސީ ހަރަކާތް ކަމުގައި ގަބޫލު ކުރެވިފައި އޮތުމެވެ. އެކަމަކު މިއީ ޑިމޮކްރަސީއެއްގައި އެކަން އޮންނަން ޖެހޭ މަފްހޫމް ހެއްޔެވެ. އެެހެން ވީމާ، ގާނޫނު އަސާސީގެ ހިމާޔަތުގައި ކަމަށް ބުނެ މި އުޅޭ އުޅުމަކީ އަދި މުޅިން އެހެން ހީލަތްތެރި ވިސްނުމެއް އޮތް ނުބައި ރޭވުމެއް ނޫން ހެއްޔެވެ؟