ރާއްޖެ ކުޅިވަރު

ވިކްޓަރީ އަށް ޖަޕާނު މިޑްފީލްޑަރެއް

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރާ ވިކްޓަރީ އަށް ޖަޕާނުގެ މިޑްފީލްޑަރެއް ގެނެސްފި އެވެ.

ކޯޗު މުހައްމަދު ނަޒީހު ބުނީ މި ކުޅުންތެރިޔާ ކުޅޭނީ ޑިފެންސިވް މިޑްފީލްޑަށް ކަމަށާއި މިހާތަނަށް ޕްރެކްޓިހުގައި ވަރަށް ރަނގަޅަށް ކުޅެފައިވާ ކަމަށެވެ.

"އޭނާ އަކީ ސިންގަޕޫރު ލީގުގައި ކުޅުނު ކުޅުންތެރިއެއް. ޓީމެއް ރަނގަޅު ކުރަންވެގެން ގެނައި ކުޅުންތެރިންގެ ތެރެއިން އަހަރުމެން ހޯދި ކުޅުންތެރިއެއް. ވަރަށް ރަނގަޅު މިހާތަނަށް އޭނާ،" ނަޒީހު ބުންޏެވެ.

މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގެ ތަށި ޔުނައިޓެޑް ވިކްޓަރީ އަށް ހޯދައިދިން ވީބީގެ ކުރީގެ ކޯޗު ބުނީ ޓީމުގައި ތިބި ބިދޭސީ ދެ ފޯވަޑުން ވެސް ރަނގަޅު ކަމަށާއި ފަހަތް ވަރުގަދަ ކުރަން ބިދޭސީ އިތުރު ކުޅުންތެރިއަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވިކްޓަރީގައި ތިބި ބިދޭސީ ދެ ފޯވަޑުންނަކީ މިދިޔަ އަހަރު ވެސް ކުޅުނު ނައިޖީރިއާގެ އޮމަދޫ ވެސްޓް އާއި މޮރޮކޯގެ ފޯވަޑެކެވެ. އޭނާ އަކީ ކުރިން ލާއޯސްގެ ލީގުގައި ކުޅުނު ފޯވަޑެކެވެ.

އާ އަހަރުގެ ސީޒަނަށް ވިކްޓަރީ ވަރުގަދަ ކުރަން އެ ޓީމަށް ބިދޭސި ކުޅުންތެރިން ހޯދާފައިވާއިރު ވެލެންސިއާ އަށް ކުޅުނު ޑިފެންޑަރު އާދިލް އަބުދުއްރަހުމާނާއި ބީޖީގެ ކީޕަރު އިބްރާހީމް އިފްރާހު އަރީފް ވެސް ވަނީ ގެންގޮސްފަ އެވެ. ޓީމުގައި ކެޕްޓަން އިސްމާއީލް ޝަފީއު އާއި އަލީ ޝަރީފް އަދި އަލީ އިފާޒާއި މުހައްމަދު ތަސްނީމް ފަދަ ކުޅުންތެރިން އެބަތިއްބެވެ.

ލީގުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ވިކްޓަރީ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.