މިދިޔަ ހޯމަ ދުވަހުގެ ހަވީރު މަޖީދީ މަގުގައި ހުންނަ ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުންވި ގެތަކަށް ކޯސްޓްލައިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަޑުން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ. ޑިޒާސްޓާ މެނޭޖުމެންޓުން ބުނީ، އަލިފާނުގެ ހާދިސާއާއި ގުޅިގެން ކޯސްޓްލައިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަޑް އިމާރާތުގެ ވަށައިގެން ހިމެނޭ ސަރަހައްދުގެ ގެތަކަށް ލިބުނު އެކިވަރުގެ ގެއްލުންތަކާއި ގުޅިގެން އެފަރާތްތަކަށް އެހީއެއް ދިނުމުގެ ގޮތުން އެއް މިލިއަން ރުފިޔާ ކޯސްޓްލައިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަޑްގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅައި ސަރުކާރުން ހަމަޖައްސަވާ އުސޫލުގެ މަތިން ބަހަން ނިންމާފައިވާ ކަމަށެވެ. އަދި އެ ފައިސާ ގެއްލުން ލިބުނު ފަރާތްތަކަށް ހަވާލުކޮށްދިނުމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ފައިސާ މިއަދު ހަވީރު ކޯސްޓްލައިންގެ ޑިރެކްޓާ ހުސައިން މުހައްމަދު ވަނީ މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފަށް ހަވާލުކުރައްވާފަ އެވެ.
މީގެކުރިން އަވަސްއަށް ދެއްވި އިންޓަވިއެއްގައި ހުސެން މުހައްމަދު ވިދާޅުވެފައިވަނީ، ފިހާރަ އަނދައިގެން ދިޔުމުން ލިބުނު ގެއްލުން ވަރަށް ބޮޑު ކަމަށެވެ. އެހެން ނަމަވެސް ހިސާބުތައް ރަނގަޅަށް ބަލާފައި ނޫނީ، ގެއްލުމުގެ އަދަދެއް ދަންނަވަން ދަތި ކަމަށެވެ. އިންޝުއާ ކޮށްފައި ހުރި އެ ފިހާރައަށް ލިބުނު މާލީ ގެއްލުމުގެ ތަފުސީލް މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.
"ވިޔަފާރީގެ ކަންކަން މި ހުރި ގޮތުން އިންޝްއަރެންސް ކޮށްފައި އެތަން އެ ހުރީ. އެތަނަށް ލިބުނު ގެއްލުމުގެ އަދަދު އަންދާޒާ ކުރަން ވެސް ދަތި،" ހުސެންފުޅު ވިދާޅުވި އެވެ.
ހުސެންފުޅު ވިދާޅުވީ މިވަގުތު އެންމެ ކަންބޮޑު ވަނީ އެ ހާދިސާގެ ސަބަބުން އެތަނާ ކައިރީގައި ދިރިއުޅުނު ބައެއް އާއިލާތަކަށް އަސަރު ކުރުމުން ކަމަށާއި އެ މީހުންގެ ހާލު އޭނާ ބައްލަވަމުން ގެންދަވާ ކަމަށެވެ.
މަޖީދީ މަގު މާފަންނުގައި ހުންނަ، ކޯސްޓްލައިން ހާޑްވެއާ ފިހާރައިގައި ހިނގި އަލިފާނުގައި އެ ފިހާރަ އެކީ ވަނީ އަނދައިހުލިވެފަ އެވެ.