ލައިފްސްޓައިލް

ހަޔާތުގެ ލަނޑުދަނޑިތައް ކާމިޔާބު ނުވާހެން ހީވޭތަ؟

އެކަނި އިނދެ ވިސްނާލަމެވެ. މިވީހާ ދުވަހު ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ރަށުން ކިޔެވުން ނިންމާ މާލެ ބަދަލުވިފަހުން ކޯހެއް ހެދުމާއި ވަޒިފާ ގަނޑެއް އަތްމަތި ކުރެވުން ނޫން އެހެން ކަމެއް ކުރެވުނީކީއެއް ނޫނެވެ. ރައްޓެހިން މިއަދު މީހުންނާ އިނދެފި އެވެ. ދަރިން ވެސް ހޯދައިފި އެވެ. ދެތިން ޕެރިސް ބުރުވެސް އަޅައިފި އެވެ. އެމީހުންގެ ދަރިންވެސް އެތިބަގެން ބޮޑުވަނީ އެވެ. މިހާރުވެސް އަހަރެން ފެންނަ ކޮންމެ މީހަކު ކުރަނީ ހަމަ މީގެ ފަސް ވަރަކަށް އަހަރު ކުރިންވެސް ކުރި ސުވާލެވެ. މިހާރު ކީއްކުރަނީ ހެއްޔޭ އެވެ. މީހަކާ އިންނަން ވެސް ނުވޭހެއްޔެވެ؟

ފަށައިގަންނަން މި އުޅެނީ ވަރަށް އާންމު ވާހަކައެކެވެ. ހާއްސަކޮށް ބައެއް ޒުވާނުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމުގެ ވާހަކަ އެވެ. އާންމުކޮށް ދިރިއުޅުން ކުރިއަށްދާ ގޮތާމެދު އޮންނަ ކަންބޮޑުވުމަކީ ޒުވާންފުރައިގެ ގިނަ ކުދިންގެ ލިސްޓުގެ އެންމެ ކުރީގައި އޮންނަ އެއް ކަންތަކެވެ. ހާސްވެގެން ހިތްހަމަ ނުޖެހިގެން ބޯ ފަޅައިން ދާވަރުވެފައި އިންނަ ޒުވާނެއްގެ ގާތު ވީ ކީއްހޭ އަހާލުމުން އެ ހުރިހާ ތަދެއް ތަފްސީލުވެގެން އަންނަ އެއް ޖުމްލައަކީ "އަހަންނަކަށް ނޭނގެ ލައިފްގަ އަހަންނަށް މިކުރެވޭ ކަމެއް،" އެވެ. މީހުން އެހެން ބުނާ އަޑު ކިތައް ފަހަރު އަހައިފިން ހެއްޔެވެ؟ ނޫނީ އަމިއްލަޔަށް އެހެން ކިތަށް ފަހަރު ބުނެލެވުނު ހެއްޔެވެ؟ ޔަގީނަށް ވެސް މަދެއް ނުވާނެ އެވެ.

އެނގެން ޖެހޭ ހަގީގަތަކީ މި ކަން ފެށިގެން އަންނަނީ ހަމައެކަނި ޒުވާން އުމުރަށް އެޅުމުން ނޫންކަމެވެ. ނޫނީ މީހަކާ އިންނަ ވަރު ވުމުންވެސް ނޫން ކަމެވެ. ނާސަރީ ދައުރުން ފެށިގެން ސެކަންޑްރީ ތައުލީމް ނިންމާ މަތީ ތައުލީމް ނިމެންދެންވެސް މި ސުވާލެއްގެ ފަހަތަކުން އަރައެއް ނުގަނެވެއެވެ. ގިނަ ފަހަރަށް އެހެން ދިމާވަނީ އެމީހަކާއި ގުޅިފައި ތިބޭ އެހެން މީހުންގެ ފަރާތުން މާ ބޮޑު އުންމީދުތަކެއް ކުރެވޭތީ އެވެ. ނޫނީ ތިބާއަށް ދުވަހަކުވެސް އެމީހުންގެ ހިތްތައް ފުރޭ ވަރެއްގެ ލައިފް ޕާފޯމަންސެއް ނުދެއްކޭތީ އަންނަ ޕްރެޝަރެއްގެ ސަބަބުންނެވެ.

ބައެއް މީހުންނަކީ ކާމިޔާބީއާ ހަމަޔަށް މަޑުމަޑުން ދެވޭ މީހުންނެވެ. އަނެއްބައި މީހުންނަކީ މިސައިލެއް އަރައިގެންދާހާ ބާރުމިނުގައި ކުރިއަށްދާ މީހުންނެވެ. މި ދެކަމުން ކުރެ އެއްގޮތަކީ ވެސް ގޯސް ގޮތެއް ނޫނެވެ. ހުރިހާ އެންމެން އެއްގޮތެއް ނުވާނެ އެވެ.

ނަފްސާނީ އިލްމު ދިރާސާކުރާ ބޭފުޅުންގެ ނަޒަރުގައި އާންމުކޮށް ދިރިއުޅުމުގައި ކުރާ ކަންކަމާ މެދު ހިތްހަމަ ނުޖެހިގެން، ނޫނީ ކޮންފިއުސްވެގެން އުޅޭ މީހުންނަކީ ދިރިއުޅުމުގައި ކާމިޔާބު ވާން ބޭނުންވާ މީހުންނެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެ ޕްރޮސެސް ދިގުލައިގެން ދާތީއާއި، ކުރިން އުޅެވުނު ގޮތް އަބަދު ސިކުނޑީގައި ތަސްވީރު ކުރެވޭތީ ހާސްވެ ކަންބޮޑުވާ މީހުންނެވެ. އެފަދަ މީހުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ ކުރިން ވެފައި ހުރި ކަންކަމަށް ނުވިސްނައި މިއަދު ބޭނުންވާ ކަންކަމާއިން ކުރިއަށް ދިއުން ކަމަށް ތަޖުރިބާކާރުން އިއްތިފާގުވެ އެވެ.

ގްރޭޑް ދިހައެއްގައި އުޅުނު އިރު އެންމެ ބޭނުންވެގެން އުޅުނީ މައުންޓަން ބައިސްކަލެކެވެ. އެކަމަކު ކަން ދިމާވި ގޮތުން އެފަހަރު ބައިސްކަލެއް ނުލިބުނެވެ. ނުލިބުނު ބައިސްލާއެކު އުމުރުވެސް ދިޔައީއެވެ. މިހާރު ދެން ބޭނުންވަނީ ސައިކަލެކެވެ. ދެން މަސައްކަތް ފަށަންވީ ސައިކަލެއް ހޯދާށެވެ. މި ދައްކަނީ ކޮންމެހެން ބައިސްކަލް ސައިކަލެއްގެ ވާހަކައެއް ނޫނެވެ.

ކުރިން ބޭނުންވި ކަންކަން މިހާރު ކުރަން ބޭނުން ނުވާ ސަބަބާ މެދު ވިސްނާލިން ހެއްޔެވެ؟ ސްކޫލް ދައުރުގައި ބޮޑުވެގެން 23 އަހަރު ވާއިރު ގާނޫނީ ވަކީލެއްގެ ގޮތުގައި އަމިއްލަ ނަފްސު ފެނުނު ނަމަވެސް މިހާރު އެވިސްނުން ބަދަލުވެގެން ނަރުހަކަށް ވީ ކީއްވެގެން ކަމާމެދު ވިސްނާލިން ހެއްޔެވެ؟ ސަބަބަކީ އެ ކަންތައްތަކަކީ ހަގީގަތުގައި ބޭނުންވި ކަންތައްތަކަކަށް ނުވާތީ އެވެ. މަރުދީގެންވެސް ފުރިހަމަ ކުރަން ބޭނުންވާ ކަންކަން ފުރިހަމަ ނުކޮށް ދޫކޮށްލުމަކީ މަދު ހާލަތްތަކެއްގައި ނޫނީ އިންސާނުން ކުރަން ބޭނުން ނުވާ ކަމެކެވެ. ވީމާ ފާއިތުވި ކަންކަމާ މެދު ވިސްނައި ބޯ ގޮއްވުން ބުއްދިވެރި ހެއްޔެވެ.

ދިރިއުޅުމުގައި ކުރާ ކަންތައްތައް އެނގި އެކަންކަމުގެ ފޯކަސް ހުރުމަކީ އެކަމެއް ހާސިލްކުރުމުގެ އެދުން ބޮޑުވާ ކަމެކެވެ. ކަމެއް ހާސިލްކުރުމުގެ އަޒުމް ހުރުމަކީ މުހިއްމު ކަމެކެވެ. އެއީ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭ މައިގަނޑު ވަސީލަތެވެ. އެހެންވީމާ ކުރިން ވެދިޔަ ކަންތައްތަކާއި މެދު ނުވިސްނައި މިއަދު ކުރާ، ނުވަތަ ކުރަން ބޭނުންވާ ކަންތައްތައް ހޯދާނެ ގޮތަކާމެދު ވިސްނާށެވެ. ނެގެޓިވް ހިޔާލުގެ މީހުން ކުރާ ސުވާލުތަކާއި ދޭ ކޮމެންޓް ތަކަށް ނުވިސްނާށެވެ. މިއަދު ކުރަން ބޭނުންވާ، އަދި މާދަމާއަށް ކުރަން ބޭނުންވާ ކަންކަމާ މެދު ފޯކަސް ރަނގަޅުކޮށްލާށެވެ. އޭކުން ތުކުރެވޭ ނުކުރެވޭއެއް އޮޅުންފިލާނެ އެވެ.