މޯލްޑިވިއަން އައިޑޮލް

އައިޑޮލްގެ އަސްލު ގަދަ ހިފުން އޮތީ މިރޭ!

މޯލްޑިވިއަން އައިޑޮލްގެ ގަދަ ފަހެއް އަނެއްކާވެސް މިރޭ ޕާފޯމްކުރާނެ އެވެ. މިދިޔަ ހަފުތާގެ ޝޯގައި ނޯ އެލިމެނޭޝަން ޕަވާ ބޭނުންކުރުމާ ގުޅިގެން ފަސް ބައިވެރިން ވެސް ވަނީ ސަލާމަތްވެފަ އެވެ. ނަމަވެސް މި ހަފުތާ އައިޑޮލުން ދެ ބައިވެރިން ކަޓައިގެންދާނެ އެވެ.

ޝޯ ނިންމުމާ ކައިރިވެފައިވާއިރު، ޝޯގައި މިހާތަނަށް ހުނަރުވެރި އެތައް މެހެމާނުނެއް ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން މަޝްހޫރު ޑައިރެކްޓަރު ޓެޑްރީ، ނަހުލާ އަދި ލަވަކިޔުންތެރިޔާ އަންދަލާ އާއި ޒޫނާ އަދި މިޔުޒިކް ކޮންޕޯސާ އިކްރާމް ހިމެނެ އެވެ. މިރޭގެ ވެސް މިފަދަ ހުނަރުވެރި ގެސްޓް ޖަޖެއް ޝޯއިން ފެނިގެންދާނެ އެވެ. ޝޯއަށް އިންތިޒާރުކޮށްލާށެވެ. ޝޯ ފަށާނީ މިރޭ 10:30 ގަ އެވެ. ލައިވް ސްޓްރީމް ވެސް ކޮށްލެވޭނެ އެވެ.

ކޮންމެ ބައިވެރިޔަކު ދެ ލަވަަ!

މިރޭގެ ލަވަތަކަށް ވަކި ހާއްސަ ތީމެއް ކަނޑައަޅާފައި ނެތެވެ. މިރޭ ތަފާތު ސްޓައިލްގެ ލަވަތައް ބައިވެރިން ހުށަހަޅައިދޭނެ އެވެ. މިރޭ ކޮންމެ ބައިވެރިއެއް ވެސް ދެ ލަވަ ހުށަހަޅައިދިނުމަށް ހަމަޖެހިފައިވާއިރު، ގައުމީ ލަވަތައް ވެސް ބައިވެރިން ހުށަހަޅައިދޭނެ އެވެ.

މިރޭ ވެސް ބައިވެރިން ހުށަހަޅައިދޭ ލަވަތަކަށް ޖަޖުން މާކްސް ދޭ އިރު މާދަމާގެ ހަވީރު ހަތަރެއް ޖަހަންދެން ބެލުންތެރިންނަށް އެސްއެމްއެސް ކުރެވޭނެ އެވެ. އަދި މާދަމާ ރޭގެ ޝޯ އިން ދެ ބައިވެރިޔަކު މުބާރާތާއި ވަކިވެގެންދާނެ އެވެ. އަދި ފައިނަލްގައި ވާދަކުރާނެ ތިން ބައިވެރިން ޔަގީންވެގެންދާނެ އެވެ.

އެންމެފަހުގެ ޝޯ ކުރުކޮށް!

އެންމެފަހުގެ ޝޯގައި ބައިވެރިން ހުށަހަޅައިދީފައިވަނީ ތަޖުރިބާކާރު މިއުޒިކް ކޮމްޕޯޒަރު އަދި މި ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ މުހައްމަދު އިކްރާމްގެ ލަވަތަކެވެ.

"އިކްރާމް ޗޮއިސް" މި ތީމަށް އެންމެ ފުރަތަމަ ލަވަ ހުށަހަޅައިދިނީ ޒަލީފެވެ. ހުށަހަޅައިދިނީ "ލިބުމަށް މި އެދެނީ" މި ލަވަ އެވެ. ދެން ލަވަ ހުށަހަޅައިދިނީ ޝަލަބީ އެވެ. ޝަލަބީ ހުށަހަޅައިދިނީ "ހާލަތު" މި ހިތްގައިމު ލަވަ އެވެ. އެއަށްފަހު ފެނިގެން ދިޔައީ ލައިޝާގެ ހުށަހެޅުމެވެ. ލައިޝާ ހުށަހަޅައިދިނީ "ހިތް އުފާވާ ހިނދު" މި ލަވަ އެވެ. އިކްރާމްގެ "އުފާދޭ" މި ލަވަ ހުށަހަޅައިދިނީ އިޝާން އެވެ. ޝޯ ނިންމާލީ ފާލިހުގެ ލަވައިންނެވެ. ހުށަހަޅައިދިނީ "އަނިޔާ" މި ލަވަ އެވެ.

އެލިމިނޭޝަން ޝޯގައި ފެނިގެން ދިޔައީ ނަހުލާ އަދި ޑރ. ޝަމްރާހެވެ. އެރޭގެ ޝޯގައި ބައިވެރިން ހުށަހަޅައިދިނީ ނަހުލާގެ ލަވަތަކެވެ.