މޯލްޑިވިއަން އައިޑޮލް

ގަދަ ހިފުމުގައި މޮޅުވާނީ ކޮން ބައިވެރިއެއް؟

ފައިނަލަށް ދިޔުމަށް ލިބުނު އެންމެ ފަހު ފުރުސަތު ބޭނުން ބައިވެރިން ވަނީ ހިފާފަ އެވެ. މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑްގެ އެންމެ ފަހު ޝޯ ރޭ ދައްކާފައިވާއިރު އެ ޝޯގައި ކޮންމެ ބައިވެރިޔަކު ވަނީ ދެ ލަވަ ހުށަހަޅައިދީފަ އެވެ. ހުށަހަޅައިދިން ލަވަތަކަށް ބަލާފައި މިރޭ ކަޓައިގެން ދާނީ ކޮން ދެ ބައިވެރިއެއް ކަމާމެދު ލަފާކޮށްލަން ވަރަށް އުނދަގުލެވެ. ގަދަ ފަސް ބައިވެރިން ވެސް އެހާމެ ހުނަރުވެރި އެވެ. އެހާމެ ވާދަވެރި އެވެ.

ރޭގެ ލަވަތަކަށް ބަލާފައި ވޯޓު ދިނުމުގެ ފުރުސަތު ބެލުންތެރިންނަށް މިހާރު ހުޅުވިފައިވާއިރު، މި ވޯޓަކީ އެންމެ މުހިންމު ވޯޓެވެ. ވޯޓުގެ ބޭނުން ރަނގަޅަށް ހިފަންޖެހެ އެވެ. ފައިނަލަށް ދާނެ ތިން ބައިވެރިން ޔަގީންވެގެން ދާނީ މި ވޯޓުންނެވެ.

ޝަލަބީ ހަމަ މޮޅީ

ރޭ އެންމެ ފުރަތަމަ ލަވަ ހުށަހަޅައިދިނީ ޝަލަބީ އެވެ. ހުށަހަޅައިދިނީ "ހޭވައްލާ" މި ލަވަ އެވެ. ޝަލަބީގެ ލަވައަށް ތިން ޖަޖުންގެ އިތުރުން ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވި ހައިޝަމްގެ ސްޓޭންޑިން އޮވޭޝަނެއް ވެސް ލިބުނެ އެވެ. އުނޫޝާއަށް "އޮބިނެސް ޓު ދަ މެކްސް" ބުނަން މަޖުބޫރު ކުރުވި އެވެ. އަންމަޑޭ ބުނީ މިހާތަނަށް އެންމެ ކަމުދިޔަ ޝޯއެއްގެ ފެށުން ކަމަށެވެ. އިއްބެ ހަމަ އާދައިގެ މަތިން ލަވަ ވަރަށް ތަފާތެވެ.

ޝަލަބީ ދެން ހުށަހަޅައިދިިނީ ގައުމީ ލަވައެއް ކަމަށްވާ "މަހަލްދީބް" އެވެ. މި ލަވައަށް ވެސް ޖަޖުންގެ ފަރާތުން ރަނގަޅު ކޮމެންޓްތަކެއް ލިބުނެ އެވެ. ދެން އޮތީ ބެލުންތެރިންގެ އަތްމަތީގަ އެވެ. ފައިނަލްގައި ޝަލަބީ ފެންނަން ބޭނުންނަމަ ވޯޓުކުރަމުން ގެންދާށެވެ.

ފާލިހު ވަރެއް ވެސް ނެތް

ދެވަނައަށް ލަވަ ހުށަހަޅައިދިނީ ފާލިހެވެ. ފާލިހު ހުށަހަޅައިދިނީ މުހައްމަދު ރަޝީދުގެ "ތަން ތަން މި ބަލަން" މި ލަވަ އެވެ. ފާލިހުގެ ލަވައާ މެދު ޖަޖުން ތިބީ ހިންހަމަ ޖެހިފަ އެވެ. ނަމަވެސް ޕިޖިންގައި މައްސަލަ އުޅުނު ކަމަށް ޖަޖުން ބުންޏެވެ. އުނޫޝާ ބުނީ އަޑުއަހާލަން ފަސޭހަ ކަމަށެވެ. އިއްބެ ބުނީ ފާލިހުއާއެކު ޑުއެޓެއް ކިޔަން ބޭނުންވާ ކަމަށެވެ. އަންމަޑޭ ވެސް ވަނީ ފާލިހަށް ތައުރީފުކޮށް، ލަވަ ރަނގަޅު ކަމަށް ބުނެފަ އެވެ.

ދެވަަނައަށް ފާލިހު ހުށަހަޅައިދިން ލަވައަކީ "ކުދި ޖަޒީރާތަކޭ" މިލަވަ އެވެ. މި ލަވައަށް ވެސް ޖަޖުން ދިނީ ޕޮޒިޓިވް ކޮމެންޓްތަކެކެވެ. ފާލިހުއާ މެދު ވެސް ދެން ގޮތެއް ނިންމާނީ ބެލުންތެރިންނެވެ. މިދިޔަ ހަފުތާ ފާލިހު ބޮޓަމް ތްރީއަށް ގޮސްފައިވާއިރު އޭނާ ޓޮޕް ތްރީއަށް ފޮނުވުމުގެ ޒިންމާ އޮތީ ބެލުންތެރިންގެ އަތްމަތީގަ އެވެ.

ލައިޝާގެ ފެންވަރު ދެއްކި

ރޭގެ ޝޯގައި ތިންވަނައަށް ލަވަ ހުށަހަޅައިދިނީ ޝޯގެ ޑޮކްޓަރު ލައިޝާ އެވެ. ލައިޝާ ހުށަހަޅައިދިނީ ޖަމީލާ ހަސަންގެ "އެކުވެރި ވަފާތެރި" މި ލަވަ އެވެ. އެ ލަވައަށް ޖަޖުން ތައުރީފުކުރި އެވެ. އިއްބެ ބުނީ ލަވަ ރީތި ކަމަށާއި އޯޑިއެންސްއާ ކަނެކްޓްވާގޮތް ވަރަށް ހިތްގައިމު ކަމަށެވެ. އުނޫޝާ ބުނީ ލަވައިގައި މާބޮޑު މައްސަލައެއް ނެތް ކަމަށާއި ވަރަށް ބޮޑަށް ކުރި އަރައިފި ކަމަށެވެ. އަންމަޑޭ ބުނީ އެއަށްވުރެ ރަނގަޅު ކޮށްލެވުނީސް ކަމަށެވެ.

ރޭ ދެން ލައިޝާ ހުށަހަޅައިދިނީ، "ދިވެހި ބިން" މި ގައިމީ ވަންތަ ލަވަ އެވެ. އެ ލަވައަށް ވެސް ޖަޖުން ތައުރީފުކުރި އެވެ. މިދިޔަ ހަފުތާގެ ޝޯގައި ލައިޝާއަށް ޓޮފް ތްރީއަށް ދެވުނުއިރު އެކަން މިފަހަރު ވެސް އެގޮތަށް ހެދުމުގެ ބާރު އޮތީ ބެލުންތެރިންގެ އަތްމަތީގަ އެވެ.

ޒަލީފު ހަމަ ތަފާތީ

ފިޓް ގާއި ޒަލީފު ރޭ ހުށަހަޅައިދިނީ "ކާލާ މަންނަ" އެވެ. ތަފާތު ލަވައެއް ކިޔައިގެން ޒަލީފު ޖަޖުންގެ ހިތްތައް އަތުލެވޭ ގޮތެއް ނުވި އެވެ. ނަމަވެސް ލަވަ ޖަޖުންނަށް ހަޑިވީކީއެއް ނޫނެވެ. ޒަލީފު ކުރިން ދައްކާ ފެންވަރު ނެތީ އެވެ. އަންމަޑޭ ބުނީ ލަވަ އޯވަރޯލްކޮށް ރީތި ކަމަށެވެ. މި ކޮމެންޓަށް ދެން ތިބި ޖަޖުން ވެސް ތާއީދެވެ.

ދެން ޒަލީހު ހުށަހަޅައިދިނީ "އޯ ވަޒަން" މި ލަވަ އެވެ. އެ ލަވައަށް ޖަޖުން ތައުރީފުކުރި އެވެ. މިދިޔަ ހަފުތާ އެންމެ ފުރަތަމަ ސޭފް ޒޯނަށް ދިޔަ ބައިވެރިޔަކީ ޒަލީފެވެ. މި ހަފުތާ ވެސް އެގޮތަށް އެކަންވުމަކީ އެންމެ އެކަށީގެންވާ ކަމެކެވެ. ބާރު އޮތީ ހަމަ ބެލުންތެރިންގެ އަތުގަ އެވެ.

އިޝާންގެ ޖާދޫގައި ޖެއްސި

ރޭ އެންމެ ރަނގަޅު ކޮމެންޓްތަކެއް ލިބުނު ބައިވެރިޔަކަށް އިޝާން ވާނެ އެވެ. އިޝާން ރޭ އެންމެ ފުރަތަމަ ހުށަހަޅައިދިނީ "ސަޅި ގެންދާނީ" މި ލަވަ އެވެ. ހުރިހާ ޖަޖުންގެ ސްޓޭންޑިން އޮވޭޝަނެއް ލިބުނެވެ އެވެ. އިޝާން ހެއްވާލި އެވެ. އަންމަޑޭ ބުނީ ލަވައިގެ ބަސްތައް ކިޔުން އައުޓް އޮފް ދަ ވޯލްޑް ކަމަށެވެ. މި ކޮމެންޓަށް އެހެން ޖަޖުން ވެސް ތާއީދުކުރި އެވެ.

އިޝާން ރޭ ދެން ހުށަހަޅައިދިން ލަވަ އަކީ "މީ ރާއްޖޭ" މި ލަވަ އެވެ. ހަމަ ލިބުނީ ތައުރީފެވެ. ދެން އޮތީ ބެލުންތެރިންގެ އަތްމަތީގަ އެވެ. މިދިޔަ ތިން ހަފުތާ ވެސް އިޝާން ބޮޓަމް ޓޫއަށް ވެއްޓުނެވެ. ޓޮޕް ތްރީއަށް އިޝާން ގެންދިޔުމަށް ބެލުންތެރިން ބުރަ މަސައްކަތެއް ކުރަން ޖެހެ އެވެ.

ރޭ ވެސް ބައިވެރިން ހުށަހަޅައިދިން ލަވަތަކަށް ޖަޖުން މާކްސް ދިން އިރު މިއަދު ހަވީރު ހަތަރެއް ޖަހަންދެން ބެލުންތެރިންނަށް އެސްއެމްއެސް ކުރެވޭނެ އެވެ. އަދި މިރޭގެ ޝޯ އިން ދެ ބައިވެރިޔަކު މުބާރާތާއި ވަކިވެގެންދާނެ އެވެ. އަދި ފައިނަލްގައި ވާދަކުރާ ތިން ބައިވެރިން ކަށަވަރުވާނެ އެވެ.