މިއުޒިކް

ޕްރިންސް އަމިއްލައަށް މަރުވިކަމުގެ ނިޝާނެއް އަދި ނުފެނޭ: ރިޕޯޓް

"ދި މިނެޕޮލިސް ސައުންޑް"ގެ ނަމުން މަޝްހޫރުވެފައިވާ ޕްރިންސް ރޮގާސް ނެލްސަން އަމިއްލަ މަރުވިކަމުގެ އެއްވެސް ނިޝާނެއް ހަށިގަނޑުން އަދި ފެންނަން ނެތް ކަމަށް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކައިފި އެވެ.

އެ ރިޕޯޓްގައިވާ ގޮތުން ޕްރިންސް އަމިއްލަ ހަށިގަނޑަށް އެއްވެސް ގެއްލުމެެއް ދީފައިވާކަމުގެ ނިޝާނެއް ނެތެވެ. އަދި އޭނާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

ޕްރިންސް މަރުވީ ގުދުރަތީ މަރަކުން ކަމަށް ތަހުގީގަށް އަދި ދައްކާވީ ނަމަވެސް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓް އެއްކޮށް ނެރުމަށް އަދި ހަފުތާއެއް ވަރު ވާނެ ކަމަށާއި އަދިވެސް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ޕްރިންސް މަރުވެފައިވަނީ އޯވާ ޑޯސްވެގެން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ގިނަ އަދަދެއްގެ ޕެއިންކިލާ ކައިފާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. މި ވާހަކަތަކަށް ސީދާ ޖަވާބެއް ދޭން އަދި ނޭނގޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޕްރިންސް މަރުވެފައި އޮތްވާ ފެނުނީ އޭނާ ދިރިއުޅޭ އެޕާޓްމެންޓްގެ ލިފްޓެއްގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު އެވެ. މަރުވިއިރު އުމުރަކީ 57 އަހަރެވެ. ޕްރިންސް ވަކިވެގެން ދިޔުމަކީ މިޔުޒިކް އިންޑަސްޓްރީއަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އެޓްލާންޓާ ޖާނަލްގައިވާ ގޮތުން މި އޭޕްރިލް މަސް ފެށުނީއްސުރެ ޕްރިންސް އުޅުނީ ވަރަށް ބަލިވެ އެވެ. އަދި އެޓްލާންޓާގައި ބާއްވަން އޮތް އޭނާގެ ކޮންސެޓެއް ވެސް ވަނީ ކެންސަލްކޮށްގަ އެވެ. އޭގެ ފަހުން ކޮންސެޓް ބާއްވާ އެނބުރި ދިޔަ މަގުމަތީ ޕްރިންސްގެ ހާލު ގޯސްވެ އެމަޖެންސީގައި އޭނަ ދަތުރުކުރަމުންދިޔަ ފްލައިޓް ލޭންޑުކޮށްފައިވާ ކަމަށް ސީއެންއެންގައި ބުނެފައިވެ އެވެ. ނަމަވެސް އޭގެ ފަހުން ޕްރިންސްގެ ހަލު ރަނގަޅުވި ކަމަށްވެ އެވެ.

ޕްރިންސް އެންމެ ފުރަތަމަ ލަވައެއް ރިކޯޑު ކޮށްފައިވަނީ އޭނާގެ އުމުރުން 19 އަހަރުގަ އެވެ. އެދުވަސްވަރު ޕްރިންސްވަނީ ރީތި ގިނަ ލަވަތަކެއް ރިކޯޑުކޮށްފަ އެވެ. އޭގެ ތެރޭގައި " ވައި ޔޫ ވޮންނަ ޓްރީޓް މީ ސޯ ބޭޑް" އާއި "އައި ވޮންނަ ބީ ޔޯ ލަވާ" ފާހަގަކޮށްލެވެ އެވެ.