ބަރަކް އޮބާމާ

އިނގިރޭސީންނަށް އޮބާމާގެ ވެސް އިންޒާރެއް!

ޔޫރަޕްގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވެއްޖެނަމަ ވިޔަފާރި ކުރުމުގައި އިސްކަންދޭ ގައުމުތަކުގެ ލިސްޓްގެ ފުލަށް އިނގިރޭސިވިލާތް ވެއްޓިގެންދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދެއްވައިފި އެވެ.

އިނގިރޭސި ރާނީ އެލްޒަބަތްގެ 90 ވަނަ އުފަން ދުވަސް ފާހަގަކުރެއްވުމަށް އެގުމަށް ވަޑައިގެން އުޅުއްވާ އޮބާމާ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަންއާ ބައްދަލުކުރެއްވުމަށްފަހު ދެއްވި ސްޓޭޓްމެންޓްގައި ވިދާޅުވީ، ޔޫއެސް - ޔޫކޭ ޓްރޭޑް ޑީލަކީ ކައިރި މުސްތަގުބަލެއްގައި ތަންފީޒުވެގެންދާނެ ޑީލެއް ނޫން ކަމަށާއި ނަމަވެސް އީޔޫއާއެކު ވަރަށް އަވަހަށް ޓްރޭޑް ޑީލެއް ހެދިގެން ދާނެ ކަމަށެވެ. އިސްކަން ދެނީ ވެސް އީޔޫއާއެކު ޓްރޭޑް ޑީލް ހެދުމަށް ކަމަށް ވިދާޅުވި އެވެ. އަދި އެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވެއްޖަނަމަ އެ ގައުމާއެކު ޓްރޭޑް ކުރުމަށް އެމެރިކާއަށް އުނދަގޫވާނެ ކަމަށެވެ.

އޮބާމާ ވިދާޅުވީ، އިނގިރޭސިވިލާތުގެ ނުފޫޒާއި ބާރު އޮންނަނީ އީޔޫގެ މެންބަރު ގަމެއް ކަމަށް ވާތީ ކަމަށާއި އީޔޫއިން ވަކިވުމަކީ އިނގިރޭސިވިލާތުން ހަދާނެ އެންމެ ބޮޑު ގޯސް ކަމަށެވެ.

އޮބާމާގެ ވާހަކަތަކަށް ޑޭވިޑް ކެމަރަން ވަނީ ތާއީދު ކުރައްވާފަ އެވެ. ވިދާޅުވީ، އީޔޫގެ މެންބަރު ގައުމެއްގައި އޮތުމުން އިނގިރޭސިވިލާތާއެކު ގައުމުތަކުން "ހާއްސަ ގުޅުމެއް" ބާއްވާ ކަމަށެވެ.

ކެމަރަން ވިދާޅުވީ، އީޔޫ ވަކިވުމާމެދު ގޮތެއް ނިންމާނީ އިނގިރޭސިން ކަމަށާއި އެކަމަށް އެއްވެސް ބަޔެއްގެ ނުފޫޒު ވަދެގެންނުވާނެ ކަމަށެވެ. ނަމަވެސް ރަހުމަތްތެރި ގައުމުތަކުގެ ހިޔާލު މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު ހޯދަންޖެހޭނެ ކަމަށެވެ.