މޯލްޑިވިއަން އައިޑޮލް

ފައިނަލިސްޓުން ކަށަވަރުވާއިރު މިރޭ ވެސް ހާއްސަ ޖަޖެއް!

މިއީ އެންމެ ވަރުގަދަ ރެ އެވެ. ފުރަތަމަ މޯލްޑިއަން އައިޑޮލްގެ ފައިނަލިސްޓުން ހޮވިގެންދާ ރެ އެވެ. ޓޮޕް ތްރީ ކަށަވަރުވެގެންދާނެ އެވެ. މިދިޔަ ހަފުތާގެ ޝޯގައި ނޯ އެލިމެނޭޝަން ޕަވާ ބޭނުން ކުރުމާ ގުޅިގެން ފަސް ބައިވެރިން ވެސް ވަނީ ސަލާމަތްވެފަ އެވެ. ނަމަވެސް މިރޭ އައިޑޮލުން ދެ ބައިވެރިން ކަޓައިގެންދާނެ އެވެ.

މިރޭގެ ޝޯގައި ބައިވެރިން ލަވަ ހުށަހަޅައިދިނުމަށް ވަކި ތީމެއް ނެތެވެ. ތަފާތު މުނާސަބަތުތަކާ ގުޅޭ ލަވަތައް ފަސް ބައިވެރިން ވެސް ހުށަހަޅައިދޭނެ އެވެ. އެއަށްފަހު ދެ ބައިވެރިޔަކު ކަޓައިގެން ދާނެ އެވެ.

ސަޕްރައިޒް ޖަޖެއް!

ޝޯ ނިންމުމާ ކައިރިވެފައިވާއިރު، ޝޯގައި މިހާތަނަށް ހުނަރުވެރި އެތައް މެހެމާނުނެއް ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން މަޝްހޫރު ޑައިރެކްޓަރު ޓެޑްރީ، ނަހުލާ އަދި ލަވަކިޔުންތެރިޔާ އަންދަލާ އާއި ޒޫނާ އަދި މިޔުޒިކް ކޮންޕޯސާ އިކްރާމް ހިމެނެ އެވެ. މިރޭގެ ވެސް މިފަދަ ހުނަރުވެރި ގެސްޓް ޖަޖެއް ޝޯއިން ފެނިގެންދާނެ އެވެ. އެ ފަންނާނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދި އެންމެ މަގުބޫލު އެއް އަންހެން ލަވަ ކިޔުންތެރިޔާ އެވެ. ދެ ގޮތެއް ނުވި އަޑެއްގެ ވެރިއެކެވެ.

ޝޯއަށް އިންތިޒާރުކޮށްލާށެވެ. ޝޯ ފަށާނީ މިރޭ 10:30 ގަ އެވެ.

ރޭގެ ޝޯ ކުރުކޮށް!

ރޭގެ ޝޯގައި ކޮންމެ ބައިވެރިޔަކު ވެސް ދެ ލަވަ ހުށަހަޅައިދީފަ އެވެ. ގައުމީ ލަވަތައް ވެސް ރޭގައި އަޑު އިވިގެންދިޔަ އެވެ. ރޭގެ ޝޯ ފެށީ ޝަލަބީގެ ލަވައިންނެވެ. ހުށަހަޅައިދިނީ "ހޭވައްލާ" މި ލަވަ އެވެ. ޝަލަބީގެ ލަވައަށް ތިން ޖަޖުންގެ އިތުރުން ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވި ހައިޝަމްގެ ސްޓޭންޑިން އޮވޭޝަނެއް ވެސް ލިބުނެ އެވެ. ދެން ޝަލަބީ ހުށަހަޅައިދިނީ ގައުމީ ލަވައެއް ކަމަށްވާ "މަހަލްދީބް" އެވެ.

ދެވަނައަށް ލަވަ ހުށަހަޅައިދިނީ ފާލިހެވެ. ފާލިހު ހުށަހަޅައިދިނީ މުހައްމަދު ރަޝީދުގެ "ތަން ތަން މި ބަލަން" މި ލަވަ އެވެ. ފާލިހުގެ ލަވައާ މެދު ޖަޖުން ތިބީ ހިންހަމަ ޖެހިފަ އެވެ. ދެވަަނައަށް ފާލިހު ހުށަހަޅައިދިން ލަވައަކީ "ކުދި ޖަޒީރާތަކޭ" މިލަވަ އެވެ. ރޭގެ ޝޯގައި ތިންވަނައަށް ލަވަ ހުށަހަޅައިދިނީ ޝޯގެ ޑޮކްޓަރު ލައިޝާ އެވެ. ލައިޝާ ހުށަހަޅައިދިނީ ޖަމީލާ ހަސަންގެ "އެކުވެރި ވަފާތެރި" މި ލަވަ އެވެ. އެ ލަވައަށް ޖަޖުން ތައުރީފުކުރި އެވެ. ރޭ ދެން ލައިޝާ ހުށަހަޅައިދިނީ، "ދިވެހި ބިން" މި ގައިމީ ވަންތަ ލަވަ އެވެ.

ފިޓް ގާއި ޒަލީފު ރޭ ހުށަހަޅައިދިނީ "ކާލާ މަންނަ" އެވެ. ތަފާތު ލަވައެއް ކިޔައިގެން ޒަލީފު ޖަޖުންގެ ހިތްތައް އަތުލެވޭ ގޮތެއް ނުވި އެވެ. ނަމަވެސް ލަވަ ޖަޖުންނަށް ހަޑިވީކީއެއް ނޫނެވެ. ޒަލީފު ކުރިން ދައްކާ ފެންވަރު ނެތީ އެވެ. ދެން ޒަލީހު ހުށަހަޅައިދިނީ "އޯ ވަޒަން" މި ލަވަ އެވެ.

ރޭ އެންމެ ރަނގަޅު ކޮމެންޓްތަކެއް ލިބުނު ބައިވެރިޔަކަށް އިޝާން ވާނެ އެވެ. އިޝާން ރޭ އެންމެ ފުރަތަމަ ހުށަހަޅައިދިނީ "ސަޅި ގެންދާނީ" މި ލަވަ އެވެ. ހުރިހާ ޖަޖުންގެ ސްޓޭންޑިން އޮވޭޝަނެއް ލިބުނެވެ އެވެ. އިޝާން ރޭ ދެން ހުށަހަޅައިދިން ލަވަ އަކީ "މީ ރާއްޖޭ" މި ލަވަ އެވެ.