މިއުޒިކް

"ކައްބޯރަށް"ގެ ވީޑިއޯ މިއޮތީ ނެރެފަ!

ރާއްޖޭގައި އުފެދުނު ފުރަތަމަ ހިޕްހޮޕް މިއުޒިކް ކުންފުނި، ސިމްބޮލިކް ރެކޯޑްސްގެ ފުރަތަމަ އަލްބަމް "މަގުމަތި" ގެ އެންމެ މަގުބޫލު އެއް ލަވަ ކަމަށްވާ "ކައްބޯރަށް" ގެ ވީޑިއޯ ނެރެފި އެވެ. މި ވީޑިއޯ ނެރެފައިވަނީ ރޭގަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ނެރުނު ހިޕްހޮޕް އަލްބަމް ކަމަށްވާ "މަގުމަތި" ނެރުނުތާ ތިން އަހަރު ފަހުން މި ވީޑިއޯ ނެރެފައިވާއިރު، ވީޑިއޯގެ މަންޒަރުތައް ނަގާފައިވަނީ، ހދ. ނޭކުރެންދޫގަ އެވެ. ފެހި ސްކްރީނެއްގައި ނަގަން ޖެހުނު މަންޒަރުތައް ނަގާފައިވަނީ މާލޭގަ އެވެ. މި ލަވަ ކިޔާފައިވަނީ ޕެސްޓް، އެޑިލް އަދި ބޭ އެވެ. ޑައިރެކްޓްކޮށް ވިޝުއަލް އިފެކްޓްސް ހަދާފައިވަނީ ޓޯއީ އެވެ. ކްރިއޭޓިވް ޑައިރެކްޓަރުންނަކީ ނާއިލް އަދި ޓޯއީ އެވެ.

އަލަށް ނެރުނު ވީޑިއޯއާ ގުޅޭ ގޮތުން ސިމްބޮލިކް ރެކޯޑްސްގެ ކްރިއޭޓިވް ޑައިރެކްޓާ އިސްމާއިލް ނާއިލް ބުނީ، ސިމްބޮލިކްއިން އާ ވީޑިއޯ ލަަވައެއް ނެރެފައިވާއިރު، ދެވަނަ އަލްބަމްގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށެވެ. ދެވަނަ އަލްބަމަށް އަދި ކިޔާނެ ނަމެއް ވިސްނާފައި ނެތް ނަމަވެސް ޖުލައި މަހުގެ މެދެއްހާތާ ރިލީޒްކުރާނެ ކަމަށް ނާއިލް ބުންޏެވެ.

"އިތުރު ވީޑިއޯ ލަވަތަކެއް، އޯޑިއޯ ލަވަތަކެއްގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ، މިއީ މިހާރު މި ތައްޔާރުކުރާ އަލްބަމްގެ ބޭރުން، ވަކިން ރިލީޒްކުރަން ހަދާ ލަވަތަކެއް،" ނާއިލް ބުންޏެވެ.

ސިމްބޮލިކް ރެކޯޑްސްއަކީ ހިޕްހޮޕް މިއުޒިކަށް ހާއްސަވެގެން އުފެދުނު ކުންފުންޏެއް ނަމަވެސް އެ ކުންފުނި މިހާރު ވަނީ ފުޅާވެ، ހުރިހާ ވައްތަރެއްގެ މިޔުޒިކަށް ވެސް ހާއްސަ ކުންފުންޏަކަށް ހަދާފަ އެވެ. އޯޑިއޯ އަދި ވީޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތްތަކާއި އޭރިއަލް ފޮޓޯ އަދި ވީޑިއޯ ގްރަފީގެ މަސައްކަތާއި އެޑް ހަދައިދިނުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކޮށްދެ އެވެ.

މަޝްހޫރު ލަވަ ކިޔުންތެރިޔާ މީރާގެ އެންމެފަހުގެ ދެ ވީޑިއޯ ލަވަ ކަމަށްވާ "ވައުދު ވަމޭ" އަދި "ނެތް ދުވަހަކުން" ހަދާފައިވަނީ ސިމްބޮލިކްއިންނެވެ.