ރައީސް އަބްދުﷲ ޔާމީން

"ދިވެހިންނާމެދު ކޮމަންވެލްތުން އަމަލުކުރަނީ ގޯސްކޮށް"

  • ރާއްޖެއަށް ފިޔަވަޅު އަޅަން ގޮވަނީ ރަހުމަތްތެރިންނެއް ނޫން
  • ޖުޑިޝަރީ ވަކި ގޮތަކަށް ގެންދަން ގޮވިޔަސް ހަމްދަރުދީއެއް ނެތް
  • ރަހުމަތްތެރިންނަކީ އިސްތިގުލާލަށް އަރައިގަތުމުން އެހީވާ ގައުމުތައް

ދިވެހިންގެ އަމިއްލަ ކަންކަން ނިންމުމުގެ ބާރު ދިވެހިންނަށް އޮންނަން ވާނެ ކަމަށާއި، ކޮމަންވެލްތުން ދިވެހިންގެ ކަންކަމަށް ބަސްކިޔާ އަމަލުކުރަމުންދާ ގޮތާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދިވެހިންގެ ސިޔާދަތު ރައްކާތެރިކުރާނީ ދިވެހިން ކަމަށާއި ދާހިލީ ކަންކަން އަމިއްލައަށް ހައްލުކުރުމުގެ ގާބިލުކަން ހުންނަން ޖެހޭ ކަމަށެވެ. އަދި ކޮންމެ ކަމެއްވާއިރަށް ބޭރުގެ ފަރާތްތައް ކައިރިއަށް ގޮސް ދިވެހިންކުރާ މަސަައްކަތްތައް ބަލައިނުގަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި މިނިވަންކަން ނެތް ކަމަށް ބުނެ ވާހަކަ ދައްކާނެ ޖާގައެއް ނެތް، މިނިވަންކަން އެބަ އޮތް، މިނިވަންކަމަކީ ހުދޫދު ފަހަނަ އަޅައި ގޮސް މީހުންގެ ހައްގުތަކަށް އަރައިގަތުމެއް ނޫން، އެހެންވަންޏާ އުފެދޭނީ މަސްލަހަތު ގެއްލޭ ކަންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ހިންގާ ޝަރީއަތާ ގުޅޭ ގޮތުން ވަކި ގޮތަކަށް ކަން ކުރުމަށް އަންގާ ގޮވާލާ ފަރާތްތަކަށް އެއްވެސް ހަމްދަރުދީއެއް ނެތް ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ރަހުމަތްތެރިން ނޫން ކަމަށާއި ރަހުމަތްތެރި ގައުމުތަކަކީ ރާއްޖޭގެ އިސްތިގުލާލަށް އަރަގަނެވޭ ވަގުތުގައި ރާއްޖެއަށް އެހީތެރިވާ ގައުމުތައް ކަމަށެވެ. އެގޮތުން ރާއްޖޭގައި އަސްކަރިއްޔާއަށް ޕާކިސްތާން، އިންޑިއާ އަދި އެމެރިކާއިން ދޭ އެހީތެރިކަން ފާހަގަކުރެއްވި އެވެ.

ނަމަވެސް ރާއްޖޭގެ ބަހާއި ރާއްޖެއިން ދައްކާ ވާހަކަތައް ގަބޫލުނުކޮށް ރާއްޖެއާ މެދު ފިޔަވަޅު އަޅަން ގޮވާލާ ފަރާތްތަކީ ރަހުމަތްތެރިން ނޫން ކަމަށާއި އެ ފަރާތްތަކަށް އެއްވެސް ހަމްދަރުދީއެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދުރު ކަރަކަރައިގެ ޖަލުގައި މީހުންގެ މަދަނީ ހައްގުތައް ގެއްލިގެން އުޅޭތީ އެ މައްސަލަތަކެއް އެ ސަރުކާރުތަކަކަށް ހުށައެއް ނާޅަން، އަޅުގަނޑުމެންގެ ދިވެހިން އަވަށްޓެރި ގައުމުތަކާ ދުރު ގައުމުތަކުގެ ޖަލުގައި ވެސް އެބަ ތިބި، އެތަންތަނުގެ ނިޒާމްތަކެއް އަޅުގަނޑުމެން ކުށްވެރިއެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ހަލަބޮލިވެގެން ރާއްޖެއަށް އެއްވެސް ކުރިއެރުމެއް ނާންނާނެ ކަމަށާއި އެކަމުގައި މިހާރު ވެސް 10 އަހަރު ގެއްލިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މިހާރު މިއީ އާރާސްތުކުރަންވީ ވަގުތު ކަމަށް ވެސް ވިދާޅުވި އެވެ.