ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބާއި ޒިޔަތު އަދި ހާމިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ ސާބިތު ކުރަން ސިއްރު ހެކިން ހުށަހަޅައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ ބޭބެ ހާމިލް އިސްމާއީލް (ހާމިދު ސޭޓް) އާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާ ޝަރީއަތުގައި ސާބިތު ކުރުމަށް ދައުލަތުން ސިއްރު ނުވަ ހެއްކެއް މިއަދު ހުށަހަޅައިފި އެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާ ރައްދުވާ ތިން ބޭފުޅުންނަށް ވެސް ވަނީ ޖަވާބުދާރީވުމަށް ފުރުސަތު ދީފަ އެވެ. އަދީބުގެ ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވީ، ބެންކް ސްޓޭޓްމެންޓާއި ޗެކްގެ ސިލްޕްތަކެއް އަދި އެގްރިމެންޓްތަކެއް އިތުރުން އެއްވެސް ލިޔުމެއް ލިބިފައިނުވާ ކަމަށާއި ހުރިހާ ލިޔުމެއް ނުލިބެނީސް ފުރިހަމަ ގޮތުގައި ޖަވާބުދާރީވުމަށް ދަތި ކަމަށެވެ. އެ ލިޔުންތައް ސިއްރު ނުކޮށް ފޯރުކޮށްދިނުމަށް ސިރާޖު އެދިލެއްވި އެވެ.

ހާމިދުގެ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ، ހާމިދު ހައްޔަރުކުރީ 28 އޮކްޓޯބަރު 2015 ދުވަހު ކަމަށާއި ދައުވާގައި ބުނާ މުއާމަލާތަކީ އޭނާ ހައްޔަރުކުރުމުގެ ފަހުން ހިނގާފައިވާ މުއާމަލާތެއް ކަމަށްވާތީ އޭގެ މައުލޫމާތު އޭނާއަށް ނޭނގޭ ކަމަށެވެ. އަދި އެ މުއާމަލާތުގެ މައުލޫމާތު ހާމިދަށް ލިބުނީ ތަހުގީގުކުރި ފުލުހުން އެ މައުލޫމާތު ދިނުމުން ކަމަށެވެ.

ސުއޫދު ވިދާޅުވީ، މި މައްސަލާގައި ތަހުގީގަށް މިލޭނިއަމް ކެޕިޓްލްގެ ހިއްސާދާރުންނާއި މެނޭޖަރުންގެ ބަޔާން ނަގާފައިވާ ކަމަށާއި އެ ބަޔާންތައް ދައުލަތުން ޝަރީއަތަށް ހުށަނާޅާތީ ކަންބޮޑުވާ ކަމަށެވެ. އެ ބަޔާންތަކުން ހާމިދުގެ ކުށެއް ނެތްކަން ސާބިތުވާނެ ކަމަށެވެ. މިލޭނިއަމް ކެޕިޓަލްގައި ހާމިދުގެ ހިއްސާ އޮވެ އެވެ.

ޒިޔަތުގެ ވަކީލް ވިދާޅުވީ، އެކަށީގެންވާ ލިޔުންތައް ދައުލަތުން ފޯރުކޮށްދީފައި ނެތުމުން ޖަވާބުދާރީވުމަށް ދަތި ކަމަށެވެ. އެހެންކަމުން ލިޔުންތައް ފޯރުކޮށްދިނުމަށް އެދުނެވެ.

ތިން ބޭފުޅުން ވެސް ދައުވާއަށް ހުލާސާ ގޮތެއްގައި ޖަވާބުދާރީވީ ކަމަށް ބަލާފައި ގާޒީ ވަނީ، ދައުލަތަށް ދައުވާ ސާބިތުކުރުމަށް ހެކި ހުށަހެޅުމަށް ފުރުސަތު ދީފަ އެވެ. ދައުލަތުން ވަނީ ބޭންކް ސްޓޭޓްމެންތަކަކާއި ޗެކް ސިލްޕްތަކެއްގެ އިތުރުން ނުވަ ސިއްރު ހެއްކެއް ހުށަހަޅާފަ އެވެ.

ހެކި ސިއްރުކުރުމުން ދިފާއީ ވަކީލުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން ސުއޫދު ވަނީ ދައުލަތުގެ ވަކީލުންނަށް ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާލާފަ އެވެ. ސުއޫދު ވިދާޅުވީ، ސިޔާސީ ބޭފުޅުންގެ ކޮންމެ މައްސަލައެއްގައި ވެސް މިހާރު ދައުލަތުން ހެކި ސިއްރުކުރާ ކަމަށެޗެ. އެކަން ކުރަނީ ކޮން ސަބަބަކާ ހުރެ ތޯ ވެސް ދައުލަތަށް ސާފުކޮށް ނުދެވޭ ކަމަށެވެ.

މޫސާ ސިރާޖު ވެސް ވިދާޅުވީ، ސިއްރު ހެކިން ހުށަހަޅާ ސަބަބާއި އެމީހުންގެ މައުލޫމާތު ލިބުމަކީ ދަތިވާ ކަމެއް ކަމަށާއި ދިފާއުގައި ވާހަކަ ދައްކަން އުނދަގޫވާ ކަމަށެވެ.

ދިފާއީ ވަކީލުންގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ހެކިން ސިއްރުކުރަނީ އެ ފަރާތްތަކަށް ނަފްސަށާއި މުދަލަށް ގެއްލުންވެދާނެ ކަމުގެ ބިރު އޮންނާތީ ކަމަށެވެ. އެފަދަ ހާލެއްގައި ހެކިން ހާމަކުރުމަކީ ދައުލަތަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.