މިއުޒިކް

އޭބީޔޫ ރޭޑިއޯ ފެސްޓިވަލްގައި ބަތޫލް ޕާފޯމްކޮށްފި

އޭބީޔޫ ނުވަތަ އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަންގެ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ރާއްޖޭގެ ޒުވާން ލަވަކިޔުންތެރިޔާ ބަތޫލް ޕާފޯމްކޮށްފި އެވެ. ޗައިނާގެ ބެއިޖިންގައި ބާއްވާ މި ފެސްޓިވަލްގައި އޭނާ ޕާފޯމްކޮށްފައިވަނީ އަމިއްލަ ރާގެއް ކަމުގައިވާ "އުނިކަމެއް" އެވެ.

އޭބީޔޫ ސޯންގް ފެސްޓިވަލް ބެއިޖިންގައި ކުރިއަށްދާނީ މި މަހުގެ 26 ވަނަ ދުވަހުން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފެސްޓިވަލްގައި ރާއްޖެ ތަމްސީލުކޮށް ލަވައެއް ހުށަހަޅަން ފުރުސަތު ލިބުމުން ބަތޫލް ހުރީ ވަރަށް އުފަލުންނެވެ. ބަތޫލް ބުނީ، ފެސްޓިވަލްގައި ބައިވެރިވުމަށް ފުރުސަތު ލިބުމުން އޭޝިޔާ ޕެސިފިކްގެ އެހެން ގައުމުތަކުގެ ސަގާފަތާއި އެ ގައުމުތަކުގެ މިޔުޒިކް ދަސްވި ކަމަށެވެ.

"ވަރަށް ސަޅި އެކްސްޕީރިއެސެއް ބެއިޖިންގައި މިކުރެވުނީ، ބައިނަލްއަގްވާމީ ޕްލެޓްފޯމެއްގައި ރާއްޖެ ތަމްސީލުކުރުމަށް ފުރުސަތު ލިބުމުން ފަހުރުވެރިވޭ، މި ފުރުސަތު ދިން ކަމަށްޓަކައި ޕަބްލިކް ސާވިސް މީޑިއާއަށް ޝުކުރުއަދާކުރަން، ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސެޑާ މުހައްމަދު ފައިސަލަށް ވެސް ޝުކުރުއަދާކުރަން، އާއިލާ، ރައްޓެހިން އަދި ފޭނުންނަށް ވެސް ޝުކުރުއަދާކޮށްލަން،" ބަތޫލް ބުންޏެވެ.

އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލް އަކީ އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން އިން ކުރިއަށް ގެންދާ އަހަރީ ފެސްޓިވަލެކެވެ. މިއީ އޭގެ ހަތަރު ވަނަ އެޑިޝަނެވެ. މި ފެސްޓިވަލްގައި ނުވަ ގައުމަކުން މި އަހަރު 12 ލަވައެއް ހުށަހަޅައިދޭނެ އެވެ.

މިދިޔަ އަހަރު މިއަންމާގައި ބޭއްވި އެޑިޝަނުގައި ވެސް ރާއްޖޭގެ ލަވަކިޔުންތެރިޔަކު ބައިވެރިވެފައިވެ އެވެ. އެއީ މޫސާ މައުސޫފް އެވެ.

ރާއްޖޭގެ ލަވަކިޔުންތެރިން މީގެ ކުރިން އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި ވެސް ލަވަތަކެއް ހުށަހަޅައިދީފައިވެ އެވެ. އެގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ މިދިޔަ އަހަރުގެ ފެސްޓިވަލްގައި ޕާފޯމްކުރިއިރު އޭގެ ކުރީ އަހަރު ޕާފާމްކުރީ މޫޝާން އެވެ.