ރާއްޖެ ކުޅިވަރު

މޯހަން ބަގާން ހިފަހައްޓައި މާޒިޔާ އުއްމީދެއްގައި

އިންޑިޔާގެ މޯހަން ބަގާންއާ ވާދަކޮށް 1-1އިން އެއްވަރުވި މެޗަށް ފަހު އޭއެފްސީ ކަޕު ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގެ އުއްމީދު މާޒިޔާއިން ބޮޑުކޮށްފި އެވެ.

ކެޕްޓަން އަސަދުﷲ އަބުދުﷲ މެޗުގެ ފުރަތަމަ ލަނޑު ޖެހި ނަމަވެސް މޯހަން ބަގާން އަށް ކުޅޭ އިންޑިޔާގެ ގައުމީ ފޯވަޑް ޖޭޖޭ ލަލްޕެކޫލާ ވަނީ އިތުރު ވަގުތުގައި ލަނޑު ޖަހައިގެން ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗަށް ނުކުތްއިރު ވެސް މޯހަން ބަގާން ވަނީ މުބާރާތުގެ ދެ ވަނަ ބުރަސް ހޮވިފަ އެވެ. އެ ޓީމު އެއްވަނާގައިވަނީ ފަސް މެޗުން 11 ޕޮއިންޓާއެކުގަ އެވެ. ގްރޫޕުގެ ކޮންމެ ޓީމަކަށް ވެސް ބާކީ އެންމެ މެޗެއް އޮތްއިރު ދެ ވަނަ ބުރުގެ ފުރުސަތު އަނެއް ތިން ޓީމަށް ވެސް އެބައޮތެވެ. އެއީ ހަ ޕޮއިންޓާއެކު ދެ ވަނާގައިވާ ހޮންކޮންގެ ސައުތު ޗައިނާ އާއި ފަސް ޕޮއިންޓާއެކު ތިން ވަނާގައި އޮތް ޔަންގޮން ޔުނައިޓެޑް އަދި ފަސް ޕޮއިންޓާއެކު ހަތަރުވަނާގައި އޮތް މާޒިޔާ އަށެވެ. ޓޭބަލުގެ ފުލަށް މާޒިޔާ ދިޔައީ ޔަންގޮން އަށްވުރެ ފައިދާ ގޯލު މަދުވުމުންނެވެ.

މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމަށް ގްރޫޕުގެ ފަހު މެޗުގައި މާޒިޔާ ވާދަކުރާނީ ރަށުން ބޭރުގައި މިޔަންމާގެ ޔަންގޮންއާ އެވެ. މި މެޗު ކުޅޭނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.