މާޒިޔާގެ ކުޅުންތެރިން ފަރުވާތެރިވެގެން ކުޅުނުނަމަ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި އިންޑިޔާގެ މޯހަން ބަގާންއާ ދެކޮޅަށް މިއަދު މޮޅުވެވޭނެ ކަމަށާއި މެޗު އެއްވަރުވީ ކީޕަރު އިމްރާނު މުހައްމަދުގެ ސަބަބުން ކަމަށް މާޒިޔާއިން ބުނެފި އެވެ.
ކޯޗު އަލީ ސުޒޭން ބުނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މެޗުގައި ލިބުނު ކަމަށާއި މޮޅުނުވެވުނީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް މެޗަށް ސަމާލުނުވެވިގެން ކަމަށެވެ.
"އަހަރުމެންނަށް ގިނަ ފުރުސަތުތަކެއް ލިބި ޖެހުނީ އެންމެ ގޯލެއް. އަހަރުމެންނަށް ޕޮއިންޓެއް ލިބުމުގައި އަހަރުމެންގެ ކީޕަރުގެ ހިއްސާ ވަރަށް ބޮޑު. އެކަމަކު ހުރިހާ ކުޅުންތެރިން ރަނގަޅަށް މެޗަށް ދޭންވާ ސަމާލުކަން ދެވުނުނަމަ މިއީ އަހަރުމެންނަށް ތިން ޕޮއިންޓް ލިބޭނެ މެޗެއް،" ސުޒޭން ބުންޏެވެ.
މި މެޗު އެއްވަރުވިއިރު މޯހަން ބަގާން ވަނީ މެޗު ފެށުމުގެ ކުރިން ވެސް ދެ ވަނަ ބުރަށް ގޮސްފަ އެވެ. އެ ޓީމަށް ވަނީ ފަސް މެޗުން 11 ޕޮއިންޓް ލިބިފަ އެވެ. މިހެންވެ ގްރޫޕުގެ އަނެއް ތިން ޓީމުންކުރެ އެއްވެސް ޓީމަކަށް އެމީހުންނާ އަރާ ހަމަނުކުރެވޭނެ އެވެ. ގްރޫޕުގައި ކޮންމެ ޓީމަކަށް ބާކީ މެޗެއް އޮތްއިރު އަނެއް ތިން ޓީމަށް ވެސް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެއީ ހަ ޕޮއިންޓާއެކު ދެ ވަނާގައިވާ ހޮންކޮންގެ ސައުތު ޗައިނާ އާއި ފަސް ޕޮއިންޓް ލިބިފައިވާ މާޒިޔާ އާއި މިއަދަދަށް ޕޮއިންޓް ލިބިގެން ތިން ވަނާގައިވާ މިޔަންމާގެ ޔަންގޮން ޔުނައިޓެޑެވެ. މާޒިޔާ އަށް ޓޭބަލުގެ ހަތަރުވަނަ ލިބެނީ ޔަންގޮން އަށްވުރެ ފައިދާ ގޯލު މަދުވުމުންނެވެ.
މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމަށް ގްރޫޕުގެ ފަހު މެޗުގައި މާޒިޔާ ވާދަކުރާނީ ރަށުން ބޭރުގައި މިޔަންމާގެ ޔަންގޮންއާ އެވެ. މި މެޗު ކުޅޭނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.
ކެޕްޓަން އަސަދުﷲ އަބުދުﷲ މިއަދު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖެހި ނަމަވެސް މޯހަން ބަގާން އަށް ކުޅޭ އިންޑިޔާގެ ގައުމީ ފޯވަޑް ޖޭޖޭ ލަލްޕެކޫލާ ވަނީ އިތުރު ވަގުތުގައި ލަނޑު ޖަހައިގެން ނަތީޖާ އެއްވަރުކޮށްފަ އެވެ.
މޯހަން ބަގާންގެ ކޯޗު ސަންޖޯއިސަން ބުނީ އެޓީމުގެ އަމާޒަކީ ގްރޫޕް ސްޓޭޖް ނިމޭއިރު ޓޭބަލުގެ ކުރި ހޯދުން ކަމަށާއި މިއަދުގެ މެޗުން މޮޅުވާން ކުޅުންތެރިން އެންމެ ފަހުވަގުތާ ޖެހެންދެން ވެސް މަސައްކަތް ކުރި ކަމަށެވެ.
މި މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ މާޒިޔާ އާއި ނިއުރޭޑިއަންޓެވެ. ނިއު މިހާރުވަނީ މުބާރާތުން ކަޓާފަ އެވެ.