އަވަސް ވީކެންޑް

ފެށީ ކޭޝިއަރެއްގެ މަގާމުން، މިހާރު ވެރިއެއް

  • ބީއެމްއެލްގައި އޭނާ ކުރިން އިނީ ކައުންޓަރުގައި
  • މިއަދު އޭނާ އަކީ ކަސްޓަމާ ސާވިސްގެ ހެޑް
  • 12 އަހަރުގެ ކުރިއެރުން ވަރަށް އާދަޔާހިލާފު

ގައުމީ ބޭންކުން މި ފަދަ އެތައް "ތަރިންނެއް" އުފެއްދި އެވެ. އެކަމަކު މި ތަރީގެ ވިދުން ގަދަ އެވެ. މުޅިން ތަފާތެވެ. ބާރަ ވަރަކަށް އަހަރު ފަހަތަށް ފަސް އެނބުރި ބަލާއިރު، ބޭންކުގެ ކައުންޓަރުގައި އެ އިނީ އޭނާ އެވެ. ކައުންޓަރުގައި އިނދެ ޗެކް ފޮތް ދޫކުރަނީ އެވެ. ފައިސާ ދޫކުރުމަށް ވަތް ގަނޑަށް އަތް ބާނައިގެން "ކޭޝިއަރަކަށް" އެ އިނީ ވެސް ހަމަ އޭނާ އެވެ. އެކަމަކު މިއަދު އޭނާއަކީ ބޭންކުގެ ކަސްޓަމަރު ސާވިސް ޑިޕާޓްމަންޓުގެ ވެރިޔާ އެވެ. މިއީ ބީއެމްއެލްގެ ކަސްޓަމާ ސާވިސް ޑިޕާޓްމަންޓުގެ ހެޑް މޫސާ ނިމާލް އެވެ. އާއްމު ނަމުން ނަމަ "ނިމާލް" ގެ ކާމިޔާބުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

"ވަރަށް ގިނަ ވަގުތު ބޭންކުގައި މަސައްކަތް ކުރަން. މަސައްކަތް 12 ގަޑިއިރު ވަރު ހޭދަކުރަން. ކުރާ ކޮންމެ ކަމެއްވެސް ކަމޭ ހިތައިގެން ކޮށްނިމާލަނީ،" ނިމާލްގެ އަހުލާގު ކުރުކޮށް ކިޔައިދިނެވެ.

ދެން އޮތީ އޭނާގެ އަމިއްލަ ވާހަކަ ތަކެވެ؛ ނިމާލްގެ ބައްޕައަކީ ލ. އަތޮޅުގެ ރައްޔިތެކެވެ. މަންމަ މާލެ އެވެ. އެންމެ ފުރަތަމަ އޭނާ ބޭންކުގެ ވަޒީފާއާ ގުޅުނީ އުމުރުން އެންމެ 19 އަހަރުގަ އެވެ. މިއީ އޭނާގެ ކުރު ތައާރަފެކެވެ. ފުރަތަމަ ވަޒީފާ ލިބުނު ގޮތް ތަފާތެވެ. މަދުރަސީ ހަޔާތޭ މިކިޔާ މަޖާ ދުވަސްވަރު ނިންމިތަނާ އޭނާގެ ސިކުނޑީގައި ދެ ވިސްނުމެއް ބުރު ޖަހަން ފެށިއެވެ. އެއް ވިސްނުމަކީ އިތުރަށް ކިޔެވުމެވެ. އޭރުގެ މޯލްޑިވްސް ކޮލެޖް އޮތް ހަޔާ އެޑިއުކޭޝަނަށް ކިޔަވަން ދާން ބޭނުންވީ އެވެ. މިހާރުގެ ނަމުންނަމަ އެއީ ގައުމީ ޔުނިވާސިޓީ އެވެ. އަނެއް ފިކުރަނީ ގައުމީ ބޭންކުން ވަޒީފާއެއް ލިބޭތޯ ބެލުމެވެ. އެހެންވެ ވަޒީފާއެއް ހޯދަން އޭނާގެ އަތުގައި އޮތް ސަނަދުގެ ކަރުދާސް ބޮނޑި ގެނެސް ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރާ ހަވާލުކުރީ އެވެ. ވަޒީފާއަކަށް ސިޓީ ލީ އެވެ. މި ނިންމުން ވެގެން ދިޔައީ މިހާރު ފެންނަން ތިޔަ ހުރި ގާބިލް ނިމާލް "އުފަންވުމު" ގެ ފެށުމަށެވެ. ބޭންކުން އޭނާ ފިސާރި ފިރިހެނަކަށް ހަދައިދީފި އެވެ.

"ދެ ވިސްނުމެއްގައި ސިޓީލީ ވެސް. ފުރަތަމަ ބޭނުންވީ ގާނޫނީ ދާއިރާ އިން ކިޔަވަން. އެހެންވެ އޭރުގެ މޯލްޑިވްސް ހަޔާ އެޑިއުކޭޝަނަލް އެޕްލައި ކުރީ، އެ ތަނުން ހިންގާ ލޯ ޑިގްރީ ކޯހަށް. ބޭންކުން ވަޒީފާ ލިބިގެން ގުޅި ދުވަހު ކޮލެޖުން ވެސް ގުޅައިފި ކޯސް ލިބިގެން. ދެން ހިތައް އެރީ މަޑުކުރާނީ އޭ ބޭންކުގައި،" ނިމާލްގެ ދިރިއުޅުމުގައި އެޅި އެންމެ ހަރުދަނާ އެއް ފިޔަވަޅަކީ މިއީ އެވެ.

އޭގެ ފަހުން އޭނާ ވަނީ ގައުމީ ބޭންކުގައި ގިނަ ތަޖުރިބާ ތަކެއް ކޮށްފަ އެވެ. ބޭންކަށް ހިދުމަތް ތަކެއް ވެސް ދީފި އެވެ. މި ހިދުމަތުގައި ނިމާލްއަކީ މަސައްކަތްތައް ފަރުވާ ބަހައްޓާ، ކަމަށް ކަމޭހިތާ، ޒުވާނެއްކަން ބޭންކުން ދެނެގަތީ އެވެ. ބޭންކުގެ އޭރުގެ މެނޭޖުމަންޓުގެ ރާޑަރަށް ނިމާލް އެރީ އެވެ. ނަތީޖާއަކީ ފުލުފުލުގައި ވަޒީފާގެ ކުރިއެރުންތައް އޮހެން ފެށުމެވެ. ފުރަތަމަ ތިން އަހަރު ތެރޭގައި ވެސް އޭނާގެ ވަޒީފާގެ ކުރިއެރުން ފައްފަށްވި އެވެ. މީގެ އިތުރުން ބޭންކާ ގުޅުން ހުރި ދާއިރާތަކުން މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ވެސް ބޭންކުން ނިމާލްއަށް ދީފި އެވެ. ބޭންކުން އޭނާއަށް ކިޔަވައިދިނެވެ.

ނިމާލް ގަބޫލުކުރާ ގޮތުގައި އޭނާ ކުރިއަރައިގެން ދިއުމުގައި އާއިލާގެ ފަރާތުން ލިބުނު އެއްބާރުލުން މުހިންމު ދައުރެއް އަދާކުރެ އެވެ. މި ލިސްޓުގައި އޭނާ ހާއްސަކޮށް ފާހަގަ ކުރާ ބަޔަކު ވެސް އެބަ ތިއްބެވެ. އޭގެ ތެރޭގައި ލޯބިވާ މަންމަ އާއި އަންހެނުން އަދި ފަރިފުޅު ހިމެނެ އެވެ. އަދި އޭނާ ބޭންކުގައި ވީ ދުވަސްތަކުގައި މަސައްކަތް ކުރި ހުރިހާ ވެރިންނާއި މުވައްޒަފުންގެ ނަންތައް ވެސް ފާހަގަ ކުރަނީ ޝުކުރުވެރިކަމާއެކުގަ އެވެ. އެކަމަށްޓަކައި ނިމާލްގެ ޝުކުރުގެ ލިސްޓު ލައްކަ ދިގެވެ.

"އެންމެ ހާއްސަ ބަޔަކީ އާއިލާ ތާ!.. އެއީ ވަރަށް ގިނަ ވަގުތު ބޭންކުގައި ހޭދަކުރަން. އެކަމުގައި ހާއްސަކޮށް މަންމަ އާއި ވައިފްގެ ސަޕޯޓް ވަރަށް ބޮޑު. ކިޑް ވެސް. ބައްޕަ އޮފީހަށޭ ދަނީ ބުނެފިނަމަ ދަރިފުޅު ވެސް އޯކޭ ވާނެ،" ނިމާލް ބުންޏެވެ.

"ބޭންކުގެ ހުރިހާ ވެރިންގެ ނަން ފާހަގަ ކުރަން. އިންޓަނޭޝަނަލް ޑިޕާޓްމަންޓުގައި ވެސް މަސައްކަތް ކުރިން. މާކެޓިންގައި ވެސް އުޅުނިން. ބޭންކުގެ ކޮންމެ ވެރިއަރަކަށް ވެސް އެނގޭނެ މަސައްކަތެއް ހަވާލު ކޮށްފިނަމަ ނިންމާނެކަން. މީގައި އަޅުގަނޑުގެ ޓީމް ކަސްޓަމަރު ސާވިސަސް ކުދިންގެ ނަން ފާހަގަ ކުރަން ޖެހޭ."

ނިމާލް ގަބޫލުކުރާ ގޮތުގައި އޭނާގެ ކާމިޔާބުގެ ސިއްރަކީ ދަސްކުރުމެވެ. ކަމަށް ކަމޭހިތައިގެން ކުރާ ކަމެއް ފުރިހަމަ ކުރުމެވެ.

"ވަޒީފާއަށް ވަދެފައި ވެސް ހިތަން އެރީ ދަސްކުރާނީއޭ. އެހެންވެ އަމިއްލައަށް ވަގުތު ހޯދައިގެން ބޭންކުގެ ޕޮލިސީތަކާއި ޕްރޮސީޖާތައް ކިޔައި. ބޭންކިންނަކީ ކޮބައިކަން ދަސްކުރީ. އެކަމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނު،" ކާމިޔާބުގެ ސިއްރު ކިޔައިދެމުން ނިމާލް ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ ވަޒީފާއަށް ވަތްއިރު ބޭންކުން ދޫކުރަނީ ކޭޝް ކާޑު ކަމަށެވެ.

"ބޭންކުގައި އަޅުގަނޑުވީ 10 އަހަރު ތެރޭގައި ކުރިއެރުން ތަކެއް ބޭންކަށް ލިބިއްޖެ. އެ ކަމަކު މިދިޔަ ދެ އަހަރު ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ބޭންކަށް މި ލިބުނީ. ކަސްޓަމާ ސާވިސް ޑިޕާޓްމަންޓު ވެސް އުފެދުނީ ދެ އަހަރު ތެރޭގައި،" ވަޒީފާގައި އުޅޭތާ މި އަހަރު 13 އަހަރު ފުރިހަމަކުރާ، 31 އަަހަރުގެ، ނިމާލް ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި ވަޒީފާގައި އެންމެ ފާހަގަ ކޮށްލެވެނީ ވަޒީފާގެ ކުރިއެރުންތައް ލިބިގެން ދިޔަ ދުވަސްތަކެވެ. އެ ވަގުތުތައް ނިމާލަށް ވަރަށް ހާއްސަ އެވެ.

"ހެޑް ކޭޝިއަރަށް ވީ ދުވަސް، މާކެޓިން ޑިޕާޓްމަންޓުގެ މެނޭޖާ ލެވަލްއަށް އައި ދުވަސް، ހެޑް އޮފް ކަސްޓަމާގެ ވަޒީފާ ލިބުނު ދުވަސް ވެސް ވެސް ވަރަށް ހާއްސަ،" ހާއްސަ ދުވަސްތަކުގެ ލިސްޓުން ބައެއް ނިމާލް ކިޔައި ދިނެވެ.

ނިމާލްއަކީ ހަމައެކަނި ބޭންކުގައި ވަޒީފާ އަދާކުރާ މުވައްޒަފެއް ނޫނެވެ. ބޭންކުން ކުރާ ކޮންމެ ކަމެއްގައި ވެސް އޭނާ ފެންނާނެ އެވެ. ބޭންކުގެ ކޮންމެ ކަމަކަށް ވެސް ނިމާލް ފިޓު ވާނެ އެވެ. މިގޮތުން ބޭންކުގެ މުނިފޫހި ފިލުވުމާއި އިޖުތިމާއީ ހަރަކާތްތައް ހިންގާ "ޔުނައިޓެޑް ބީއެމްއެލް" ކްލަބްގެ ގެ ރައީސަކީ ވެސް އޭނާ އެވެ.

އޭނާ ބުނި ގޮތުގައި ނިމިގެން ދިޔަ އޮފީސްތަކުގެ ފުޑްސެލް މުބާރާތުގެ ޗެމްޕިއަންކަން ބޭންކު ޓީމަށް ލިބުމަކީ އެންމެ އުފާވި އެއް ދުވަހެވެ. އެއީ ހުވަފެނެއްގައި ހަގީގީ ކުލަ ޖެހުން ފަދަ ކަމެއްކަމަށް އޭނާ ސިފަކުރެ އެވެ.

ނިމާލް ގަބޫލުކުރާ ގޮތުގައި ބޭންކެއްގެ ފުރަންޓް ލައިންގައި މަސައްކަތް ކުރުމަކީ ގޮންޖެހުމެއް ކަމަށެވެ. ހާއްސަކޮށް ހިދުމަތް ހޯދަން އަންނަ މީހުންނަށް އެންމެ ބޭނުންވާ ގޮތަށް ހިދުމަތް ބައްޓަން ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހެ އެވެ.

"ކަސްޓަމަރުން ބުނާ ކޮންމެ ކަމަކަށް އާއެކޭ ބުނުން މިއީ ތިޔަރީގައި އޮންނަނީ. އެކަމަކު ބޭންކެއް ވީމަ ނުކުރެވޭ ކަންކަން ހުންނާނެ ތާ؟ މިސާލަކަށް ކޮންމެ ކޮންމެ މީހަކަށް ލޯނެއް ނުދެވޭނެ. ބޭންކިންގައި މަސައްކަތް ކުރާއިރު ކަސްޓަމަރުންނަށް ނޫނެކޭ ބުނަން ޖެހޭ ހާލަތު އާދެ. އެފަދަ ދަނޑިވަޅު ތަކަކީ ޗެލެންޖެއް،" ގާތްގަނޑަކަށް 50 މުވައްޒަފުންގެ ޑިޕާޓްމަންޓެއް ބަލަހައްޓާ ނިމާލް ބުންޏެވެ.

ނިމާލް ގަބޫލުކުރާ ގޮތުގައި ބީއެމްއެލްގެ މިހާރުގެ ސީއީއޯ އެންޑްރޫ ހީލީއަކީ މިހާތަނަށް ބޭންކު ދުއް އެންމެ ކުޅަދާނަ ވެރިޔާ އެވެ.

"ވަރަށް ތަފާތު ބޭފުޅެއް [ސީއީއޯ ހީލީ] އަކީ. ފުރަތަމަ ވަޑައިގެން ވެސް ހެއްދެވީ ޕްލޭނެއް. ޓާސްކް އޮރިއެންޓެޑް ބޭފުޅެއް މިއީ. ބޭންކަށް ރަނގަޅު ގޮތް އެދޭ ބޭފުޅެއް. އެހެން ބޭފުޅުންނާ ހިލާފަށް މުވައްޒަފުންނާއި ކަސްޓަމަރުންގެ ކަންތައްތަކާ ވަރަށް ބޮޑު އިސްކަމެއް ދޭ ބޭފުޅެއް،" މިހާރުގެ ސީއީއޯއާ ބެހޭ ގޮތުން ނިމާލް ބުންޏެވެ.

ބޭންކުގައި އެންމެ އަވަހަށް ކުރިއެރުން ހޯދި އެއް މުވައްޒަފަކަށް ހަމަ ގައިމު ވެސް ނިމާލްވާނެ އެވެ. ލައިފްގައި ނެގި އެންމެ މުހިންމު ފިޔަވަޅާއެކު ނިމާލަކީ މިހާރު ބޭންކުގެ ތަރިއެކެވެ. ނިމާލް ފަދަ އެތައް ކުޅަދާނަ ތަރިންނެއް ގައުމީ ބޭންކުގައި އެބަ ތިއްބެވެ.