މޯލްޑިވިއަން އައިޑޮލް

"މައި ޗޮއިސް": ބައިވެރިންނަށް ލިބޭ ފަހު ފުރުސަތު!

މޯލްޑިވިއަން އައިޑޮލް މިވަނީ ނިމުމާ ކައިރިވެފަ އެވެ. މިރެ އަކީ ބައިވެރިންގެ ހުނަރު ދައްކާލައި ޖަޖުންނާއި ބެލުންތެރިންގެ ހިތްދަމައިގަންނަން އެ ތިން ބައިވެރިންނަށް އޮތް ފަހުގެ ފުރުސަތެވެ. ގަދަ ތިނަކަށް ހޮވިފައިވާ ތިން ބައިވެރިން ކަމަށްވާ ލައިޝާ، ޝަލަބީ އަދި އިޝާންއަށް ބެލުންތެރިންގެ ހިތްތައް އަތުލަން ދެން މި ނޫން ފުރުސަތެއް ނުލިބޭނެ އެވެ.

މިރޭގެ ޝޯއަކީ އައިޑޮލްގެ އެންމެ ފަހު ޕާފޯމެންސް ޝޯއަށްވާއިރު ޝޯގައި ތަފާތު ގިނަ ކަންކަން ފެންނާނެކަމާމެދު ޝައްކެއް ނެތެވެ. މިއީ އެންމެ ހާއްސަ އަދި އެންމެ މުހިންމު ޝޯއެވެ.

ކޮންމެ ބައިވެރިޔަކު ދެ ލަވަ!

މިރޭ ކޮންމެ ބައިވެރިޔަކު ވެސް ދެ ލަވަ ހުށަހަޅައިދޭނެ އެވެ. މިރެއަށް ކަނޑައަޅާފައިވާ ތީމަކީ "މައި ޗޮއިސް" ނޫނީ އަހަރެންގެ ހޮވުމެވެ. މާނައަކީ އެ ބައިވެރިއެއް އަމިއްލައަށް އިހުތިޔާރުކުރާ ލަވައެއް ކިޔުމުގެ ފުރުސަތު ލިބުމެވެ. މިރޭ ބައިވެރިން ހުށަހަޅައިދޭނީ އެ ބައިވެރިޔަކަށް އެންމެ ކަމުދާ ސްޓައިލެއްގެ އެ ބައިވެރިޔަކު އެންމެ ހިންހަމަޖެހޭ ލަވަތަކެވެ.

މި ފުރުސަތު ބައިވެރިން ދީފައިމިވަނީ މި ފުރުސަތަކީ ބެލުންތެރިންނާއި ޖަޖުންގެ ހިތްތައް އަތުލަން ބައިވެރިންނަށް ލިބޭނެ ފަހު ފުރުސަތަށް ވާތީ އެވެ. މިރޭގެ ހުށަހެޅުންތަކުގެ މުހިންމު ކަން އެހާމެ ވެސް ބޮޑެވެ. ފުރަތަމަ މޯލްޑިވިއަން އައިޑޮލް ހޮވޭނީ މިރޭ ބައިވެރިން ހުށަހަޅައިދޭ ލަވަތަކުގެ މައްޗަށް ބިނާކޮށެވެ. ބެލުންތެރިން ވޯޓު ދޭނީ މިރޭގެ ލަވަތަކަށެވެ. ޖަޖުން މާކްސް ހަމަ ދޭނީ މިރޭ ބައިވެރިން ހުށަހަޅައިދޭ ލަވަތަކަށެވެ.

ގެސްޓް ޖަޖެއް ވެސް ބައިވެރިވޭ!

ޝޯ ނިންމުމާ ކައިރިވެފައިވާއިރު، ޝޯގައި މިހާތަނަށް ހުނަރުވެރި އެތައް މެހެމާނުނެއް ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން މަޝްހޫރު ޑައިރެކްޓަރު ޓެޑްރީ، ނަހުލާ އަދި ލަވަކިޔުންތެރިޔާ އަންދަލާ އާއި ޒޫނާ އާއި ރާފިޔަތު އަދި މިޔުޒިކް ކޮންޕޯސާ އިކްރާމް ހިމެނެ އެވެ. މިރޭގެ ވެސް މިފަދަ ހުނަރުވެރި ގެސްޓް ޖަޖެއް ޝޯއިން ފެނިގެންދާނެ އެވެ. އެ ފަންނާނަކީ ރާއްޖޭގައި މަޝްހޫރު ޓީވީ ޝޯތަކާއި ސްޓޭޖް ޝޯތައް ވެސް ޑައިރެކްޓްކޮށްފައިވާ ފަންނާނެކެވެ. އަދި މިހާރު ފިލްމެއް ވެސް ޑައިރެކްޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ.

ޝޯއަށް އިންތިޒާރުކޮށްލާށެވެ. ޝޯ ފަށާނީ މިރޭ 10:30 ގަ އެވެ.