- ބަދަލު ހޯދަން ސިޓީ ކައުންސިލްގެ މައްޗަށް ދައުވާ ކުރެވޭނެ
- މާލޭގެ މަގުތައް ހައުސިންގެ ދަށަށް ގެންދިޔައީ ރަނގަޅަށް
- ބިގް ގްރޫޕް އެއްބަސްވުމުގެ މައްސަލަ އޭސީސީ އިން ވެސް ބެލި
މާލެތެރެ ރީތި ކުރުމަށް ޓަކައި ސިޓީ ކައުންސިލުން ބިޒްނަސް އިމޭޖް ގްރޫޕް، ބިގް އާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލް ކަމަށް ސިިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
މާލެ ތެރެ ކުނި ކެހުމާއި ބައެއް މަގުތަކުގައި މާވަށިގަނޑު ބަހައްޓައިގެން މަގުތައް ރީތި ކުރުން ފަދަ ކަންކަން ކުރުމާ އެކު، މާލޭގެ އެކި ސަރަހައްދުތަކުގައި އިޝްތިހާރު ބޯޑް ޖަހައިގެން އެ ކުންފުންޏަށް އާމްދަނީ ހޯދޭ ގޮތަށް ބިގް ގްރޫޕާ އެކު އެއްބަސްވުމެއްގައި ސޮއި ކުރީ ކުރީގެ ސިޓީ ކައުންސިލްގެ ދުވަސްވަރު، 2011 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ، ލޯކަލް ކައުންސިލްގެ އިހުތިސާސް ހިނގާ ސަރަހައްދުތަކުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދުގެ ދަށުން މާލޭގެ މަގުތައް ހައުސިން މިނިސްޓްރީގެ ދަށަށް ގެންދިޔުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ނިންމުމާ އެއްގޮތަށް ސަރުކާރުގެ އިޖުތިމާއީ ބޭނުމަށް މާލޭގެ މަގުތައް މާލޭ ސިޓީ ކައުންސިލުގެ ކިބައިން ވަކިކޮށް ހައުސިން މިނިސްޓްރީއަށް ނަގާފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމްގައިވާ ގޮތުން މާލޭގެ މަގުތައް ނަލަކުރުމުގެ މަޝްރޫއު އެއްބަސްވުމާއި އެ އެއްބަސްވުމަށް 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ގެނެސްފައިވާ އިސްލާހު އޭގެ ޒާތުގައި ވެސް ބާތިލެވެ.
"ބިޒްނަސް އިމޭޖް ގުރޫޕް ޕްރައިވެޓް ލިމިޓެޑާއި މާލޭ ސިޓީ ކައުންސިލާ ދެމެދު 3 އޮކްޓޯބަރު 2011 ގައި މާލޭ ސިޓީ ނަލަކުރުމުގެ މަޝްރޫއު ހިންގުމުގެ އެއްބަސްވުމާއި މި އެއްބަސްވުމަށް 1 ފެބުރުއަރީ 2014 ގައި ގެނެވުު ފުރަތަމަ އިސްލާހަކީ އޭގެ ޒާތުން ބާތިލުވެފައިވާ އެއްބަސްވުމެއް ކަމަށް ކަނޑައަޅަމެވެ،" ހުކުމްގައިވެ އެވެ.
އެހެންކަމުން ސިވިލް ކޯޓުން ވަނީ އެއްބަސްވުމުގެ ދަށުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ދައުވާކުރުމުގެ ހައްގު ބިގްއަށް ލިބޭ ކަމަށް ކަނޑައަޅާފަ އެވެ.
"ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާއި ހަވާލުކުރުމުގެ ގަވައިދުގެ ހަތަރުވަނަ މާއްދާގެ (ނ)އަށް ރިއާޔަތްކޮށް އެއްބަސްވުމުގެ ދަށުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ދައުވާކުރުމުގެ ހައްގު ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ހުކުމް ކޮށްފީމެވެ." ހުކުމްގައިވެ އެވެ.
އެ އެއްބަސްވުމުގެ މައްސަލައެއް އޭސީސީ އިން ވެސް މީގެ ކުރިން ބަލާފައިވެ އެވެ. އަދި އެ އެއްބަސްވުުގައި ބިގް އިން ކުރަން ޖެހޭ ގިނަ ކަންކަން ނުކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި ބިލް ބޯޑްތަކެއް ބަހައްޓައިގެން ފައިސާ ނެގި މައްސަލައެއް މީގެ ކުރިން ފެންމަތިވެފައިވެ އެވެ.