ފިލްމީ ބަތަލާ ބިޕާޝާ ބާސޫ އާއި އެކްޓަރު ކަރަން ސިންގް ގްރޯވަރު ކައިވެނި ކޮށްފި އެވެ. މި ދެ ތަރިން ކައިވެނިކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.
ބިޕާޝާ އާއި ކަރަން ކައިވެނިކޮށްފައިވަނީ ރައްޓެހިންނާއި އާއިލާ ބައިވެރި ހަފުލާއެއްގަ އެވެ. މި ހަފުލާއަށް ބިޕާޝާ އާއި ކަރަންގެ އެކުވެރި ބޮލީވުޑްގެ ބައެއް ތަރިން ވެސް ގޮސްފައިވައިވެ އެވެ. ނަމަވެސް އެހާ މަޝްހޫރު މޫނުތަކެއް މި ހަފުލާއިން ނުފެނެ އެވެ.
ދެ ތަރިން ކައިވެނި ކޮށްފައިވަނީ، ބެންގާލީ ސަގާފަތާ އެއްގޮތަށެވެ. ކައިވެނި ކުރުމަށްފަހު ދެ ތަރިން ވެސް ވަނީ އެކުގައި މީޑިއާތަކުގެ ކުރިމައްޗަށް ނިކުމެ، މީޑިއާތަކަށް ފޮޓޯ ނެގުމުގެ ފުރުސަތު ދީފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ދެ ތަރިން ވެސް ތިބީ އުފަލުން ފޮޅިފަ އެވެ.
ބިޕާޝާ އާއި ކަރަން ދިމާވެފައިވަނީ މިދިޔަ އަހަރު ނިކުތް، ދެ މީހުން އެކުގައި ކުޅުނު "އެލޯން" ކިޔާ ފިލްމުގެ ސެޓުންނެވެ. އޭގެ ފަހުން މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް އަރާފައިވާއިރު، ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ވަނީ އެކުގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
މިކައިވެންޏަކީ ބިޕާޝާގެ ފުރަތަމަ ކައިވެނި ނަމަވެސް ކަރަންގެ ތިން ވަނަ ކައިވެންޏެވެ. ކަރަން ފުރަތަމަ ކައިވެނިކޮށްފައި ވަނީ ޓީވީ ބަތަލާ ޝްރަދާ ނިގަމްއާ އެވެ. ޝްރަދާ އާއި ކަރަން ވަނީ އެމީހުންގެ ކައިވެންޏަށް ދެ އަހަރުވީތަނާ 2010 ވަނަ އަހަރު ވަރިވެފަ އެވެ. އޭގެފަހުން ކަރަން އާއެކު "ދިލް މިލް ގަޔޭ" އިން ފެނިގެން ގޮސްފައިވާ ޖެނިފާ ވިންގެޓްއާ ކައިވެނިކޮށް، މިހާރު ވަނީ ވަރިވެފަ އެވެ.
ބިޕާޝާ ވެސް މީގެ ކުރިން ބޮލީވުޑްގެ ބައެއް ތަރިންނާ ލޯބީގެ ގޮތުން ގުޅިފައިވެ އެވެ. އެގޮތުން ގިނަ އަހަރުތަކެއްވަންދެން ޖޯން އަބްރަހަމްއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. ނަމަވެސް އެ ގުޅުން ވަނީ ކައިވެންޏަކާ ހަމައަށް ދިއުމުން ރޫޅިފަ އެވެ. ހަމައެގޮތަށް ހަރުމަން ބަވޭޖާއާ ވެސް ބިޕާޝާ ލޯބީގެ ގޮތުން ގުޅުނެވެ. އެ ގުޅުމަށް މާ ގިނަ ދުވަސްތަކެއް ނުވި އެވެ.