އެމްއެމްއޭ

2.2 ބިލިއަން ރުފިޔާގެ ބާ ނޫޓް ނަގައިފި

  • 2.5 ބިލިއަން ރުފިޔާގެ އާ ނޫޓޫ ދޫކޮށްފި
  • ފަސް އަހަރު ވަންދެން ބާ ނޫޓު ބަދަލުކޮށްދޭނެ
  • އިގުތިސޯދުގައި ދައުރުވާ 79 ޕަސެންޓަކީ އާ ނޫޓު

ބާ ނޫޓުތަކުގެ ތެރެއިން 2.2 ބިލިއަން ރުފިޔާގެ ނޫޓުތައް މަރުކަޒީ ބޭންކު އެމްއެމްއޭއިން މިހާތަނަށް ނަގާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެ ބޭންކުން ބުނީ މިދިޔަ މަހުގެ ނިޔަލަށް 2.2 ބިލިއަން ރުފިޔާގެ ބާ ނޫޓްތައް ނަގާފައިވާ ކަމަށާއި އެއީ އިގްތިސޯދުގައި ދައުރުވި 77 ޕަސެންޓް ކަމަށެވެ. މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 2.5 ބިލިއަން ރުފިޔާގެ އާ ނޫޓު ވަނީ ދޫކޮށްފަ އެވެ. އެއީ، މިހާރު އިގްތިސޯދުގައި ދައުރުވާ ފައިސާގެ 79 ޕަސެންޓެވެ.

މަރުކަޒީ ބޭންކާއި ރާއްޖޭގެ ބޭންކްތަކުން ދަނީ އަލަށް ނެރުނު ނޫޓު ބަދަލު ކޮށްދެމުންނެވެ. މެއި މަހުގެ ނިޔަލަށް ދެ ނޫޓުން ވެސް ވިޔަފާރީގެ މުއާމަލާތެއް ކުރެވޭނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ. ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރީގެ ނޫޓުތައް ބަދަލުކޮށްދޭނެ އެވެ.

މިނިވަން 50 އާ ގުޅުވައިގެން "ރަންދިހަ ފަހެއް" ގެ ނަން ދީފައިވާ ސީރީސްގައި ހިމެނެނީ ތަފާތު ކުލަތަކުގައި ނެރޭ 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓެވެ. މި ސިރީސްގައި ފަސް ރުފިޔާގެ ނޫޓުގެ ބަދަލުގައި ނެރުމަށް ހަމަޖެހިފައި ވަނީ ފަސް ރުފިޔާގެ ފައިސާ ފޮއްޗެވެ. އެ ފައިސާ ފޮތި މި އަހަރުގެ ފަހުކޮޅު ނެރޭނެ ކަމަށާއި އެ ފައިސާ ފޮތި ނެރެވެންދެން ބާ ފަސް ރުފިޔާގެ ނޫޓު ވިޔަފާރީގެ މުއާމަލާތްތަކަށް ބޭނުންކުރެވޭނެ އެވެ.