ލައިފްސްޓައިލް

ބުލީ ކުރުން: ނަފްސާނީ ބައްޔަކަށް ވުމުގެ ކުރިން ދެނެގަންނަންޖެހޭ!

ގިނަ ފަހަރަށް ބުލީ ކުރުން ނުވަތަ "ހަނގާ" ކުރުން ފެށިގެން އަންނަނީ ސްކޫލު ދައުރާ ހަމައިންނެވެ. ސްކޫލަށް ބަރާބަރަށް ދާހިތްވާ ކުއްޖަކު ސްކޫލްމަތިން ފޫހިވެ އަބަދު ކަންނެތްވެފައި ހުންނަން ޖެހުމަކީ އާދައިގެ ކަމެއް ނޫނެވެ. އެކަން ލުއި ގޮތަކަށް ނަގައިގެންވެސް ނުވާނެ އެވެ. މަސައްކަތާއި އޮފީސް މާހައުލުގައި ވެސް ބުލީ ކުރާ މީހުންނަކީ ތިބޭ ބައެކެވެ. ނަމަވެސް ހަނގާ އަކީ އޭގެ ޒާތުގައި ބޮޑު މީހުންނަށްވުރެ ބޮޑަށް ކުޑަ ކުދިން ފަސޭހައިން ބަލިކަށިކޮށް، އަމިއްލަ ނަފްސުމަތިން ފޫހިކޮށްލާ ކަމެކެވެ. އަވައްޓެރި އިންޑިއާ ހިސާބުގައި އަހަރަކު އެތައް ހާސް ކުދިން ބުލީންގެ ޝިކާރައަކަށްވެ އަމިއްލައަށް މަރުވާ އިރު އިންޑިއާގެ ދެކުނުގެ ހިސާބުތަކުގައި ބުލީއާ ގުޅިގެން އަމިއްލަޔަށް މަރުވާ ކުދިން އަދަދު ވަނީ ދުނިޔެ ހައިރާންކޮށްލާ ވަރަށް އިތުރުވެފަ އެވެ.

ހަނގާ ކުރުން

ހަނގާ ކުރުމަކީ އެކަކު އަނެކަކުގެ މައްޗަށް ގަދަވެގަނެ، ތަކުރާރުކޮށް އަނެކާއަށް ގަސްތުގައި ހާނިއްކަ ކުރުން ނުވަތަ ހިތް ނުތަނަވަސްވާ ކަމެއް ކުރުމެވެ. ތިން ގޮތަކަށް ގަނާކުރާ މީހުން ތިބޭކަން ފާހަގަވެފައިވާއިރު، އޭގެ ތެރޭގައި އަނގަ ބަހުން ހަނގާކުރާ މީހުންނާއި އިޖްތިމާއީ ގޮތުން ހަނގާކުރާ މީހުންނާއި ޖިސްމާނީ ގޮތުން ހަނގާ ކުރާ މީހުން ހިމެނެ އެވެ.

އަނގަބަހުން ހަނގާކުރުން: އަނގަބަހުން ހަނގާކުރުމަކީ އަނެކާ ދެރަކޮށް ނިކަމެތިކޮށްލާ އުސޫލުން ބަސްތައް ލިޔެގެންނާއި ބުނެގެން ދިމާކުރުމެވެ. މިފަދައިން ހަނގާކުރާ މީހުން ގިނަ ފަހަރަށް އެކަން ކުރަނީ ސަމާސާއަކަށް ހަދައިގެންނެވެ. އަނގަބަހުން ހަނގާކުރާ މީހުންގެ ކިބައިން އެހެން މީހުންނަށް ފާޑުފާޑުގެ ނަން ކިޔުމުގެ ހުނަރު އާދަޔާ ހިލާފަށް ފެންނާނެ އެވެ. އަދި ފަސޭހައިން މީހުންނަށް މަލާމާތް ކުރުމާއި، މީހަކާ މެދު ބޭނުންކުރަން ނުޖެހޭ ފަދަ ހުތުރު ބަސް ބޭނުން ކުރުމާއި އިންޒާރު ދިނުން ފަދަ އާދަތައް ފެންނާނެ އެވެ. އެހެންވީމާ އެންމެ ބުއްދިވެރި ގޮތަކީ އެފަދަ މީހެއްގެ ކައިރިއަށް ދަރުފުޅު ޓިއުޝަނަށް ވެސް ނުފޮނުވުމެވެ. އޭނާގެ ގާތުން ޓިއުޝަން ނަގައިގެން ދަރިފުޅު މަރުވާން ދިމާކޮށްފިއްޔާ މާ ދެރަ ނޫންހެއްޔެވެ؟

އިޖްތިމާއީ ގޮތުން ހަނގާކުރުން: އެންމެން އެކައްޗެއް ކިޔައިގެން ވަކި މީހެއްގެ އަގު ވައްޓާލާގޮތަށް ކުރެވޭ ހަނގާއަކީ އިޖްތިމާއީ ހަނގާ އެވެ. މި ޒާތުގެ ގަނާ އެންމެ ގިނައިން ފެންނާނީ ސްކޫލްތަކުގައެވެ. ހާއްސަކޮށް 8 އަހަރާއި 14 އަހަރާއި ދެމެދުކުދިންގެ މެދުގައި މިއީ އާންމުވެދާނެ ކަމެކެވެ. ވަކި ކުއްޖަކު ބާކީކޮށްލައިގެން، އެ ކުއްޖާއާ ގުޅުން ނުބާއްވަން އެހެން ކުދިންގެ ގާތު ބުނުމާއި ވަކި ކުއްޖަކާ ބެހޭގޮތުން ނުރަނގަޅު ވާހަކަ ފެތުރުމާއި، އާންމުތަނެއްގައި އެ ކުއްޖެއްގެ އަގު ވައްޓާލައި ބޭޒާރުކޮށްލުމަކީ އިޖްތިމާއީ ހަނގާގެ އެންމެ މައިގަނޑު އަލާމާތްތަކެވެ. ކުރު ގޮތަކަށް ބުނާ ނަމަ މިބާވަތުގެ ހަނގާ އަކީ ނަފްސާނީ ބައްޔަށް ކުދިން އެންމެ އަވަހަށް ގަންބުވައިލާ ވައްތަރެވެ. ވީމާ މިކަމަށް ބެލެނިވެރިންނާއި ޓީޗަރުން ސަމާލުވުމަކީ މުހިއްމު ކަމެކެވެ.

ޖިސްމާނީ ގޮތުން ހަނގާކުރުން: މީގެ އިތުރުން ޖިސްމާނީ ގޮތުން އަނެކާއަށް ހާނިއްކަ ކުރުމަކީވެސް ހަނގާކުރުމުގެ ވައްތަރެކެވެ. ވަކި މީހަކު ނުވަތަ ކުއްޖަކު ބާކީކޮށް، ކުޅުޖެހުމާއި އަނިޔާ ކުރުމާއި އެ ކުއްޖެއްގެ އަތުގައި ހުންނަ އެއްޗިހި ނަގައި ގެއްލުންދިނުމާއި ހިނގާފައި ދާއިރު ފައިން ދަތިއަޅުވައި ކޮއްޕާލުން ފަދަ ކަންކަމަކީ އެފަދަ ކަންތައް ލޯ ކުރިމަތީގައި ތަކުރާރުވާނަމަ އަޅާނުލައި ދޫކޮށްލަންޖެހޭވަރު ކަންތައްތަކެއް ނޫނެވެ. ހާއްސަކޮށް ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާ މިކަމުގައި ބޮޑެވެ. މާބޮޑު ކަންކަން ނޫންކަމަށް ހަދައި ދޫކޮށްލާ މިފަދަ ކަންކަމުން ކުއްޖާގެ ދިރިއުޅުން އަބަދަށް ހަލާކުވެގެން ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

އިންޓަނެޓް މެދުވެރިކޮށް ހަނގާ ކުރުން

އިންޓަނެޓާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުން އަންނަ ގައުމުތަކުގައި މިއީ ވަރަށް އާންމު އެހެނަސް ވަރަށް ހައްސާސް މައްސަލައެކެވެ. ހައްސަ ގޮތެއްގައި ފުރާވަރަށް އަރައިގެން އަންނަ ކުދިންގެ މެދުގައެވެ. މިއީ އަމިއްލަޔަށް މަރުވެފައިވާ އެތައް ކުޑަކުދިންނެއްގެ މަރުގެ އެއް އަސްލެވެ. ތަރައްގީވެފައިވާ އެމެރިކާގައިވެސް އަހަރަކު 4،000 އަށް ވުރެ ގިނަ ކުދިން މިބާވަތުގެ ހަނގާކުރުންތަކުގެ ގެ ސަބަބުން މަރުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

"ސައިބާ ބުލީއިން" ނަމުން މަޝްހޫރު މި ބާވަތުގެ ހަނގާކުރުންތަކުގެ ސަބަބުން ވަރަށް ނާއުންމީދީ ގޮތަކަށް މީހެއްގެ ދިރިއުޅުން ހަލާކުވެގެންދެ އެވެ. ހަނގާކުރުމުގެ އެހެން ގޮތްތަކާއި ހިލާފަށް މިއީ ދިމާ ކުރާ ފަރާތް ފަސޭހައިން ހުއްޓުވޭނެ ވައްތަރެއް ނޫނެވެ. ސަބަބަކީ އެހެންމީހަކު ފޮނުވާ މެސެޖަކަށް އަނެކާއަށް ބާރު ނުފޯރުވޭނެ ތީއެވެ. އަދި މިފަދަ ސައިބާ ބުލީންނަށް ފަސޭހައިން މީހުންނަށް ބިރު ދެއްކޭތީއެވެ. ސައިބާ ބުލީކުރާ މީހުން، އެ މީހުންގެ ޝިކާރައަކަށް ވާ މީހުންގެ ފޮޓޯތައް ހުތުރު ފޮޓޯތަކަކަށް ވެސް ބަދަލުކުރެއެވެ. އަދި ބައެއް ކޭސްތަކުގައި އަގު ވައްޓާލުމުގެ ގޮތުން އެހެންމީހުންނަށް ވެސް ލީކް ކުރެއެވެ.

ހަނގާކުރަން މެދުވެރިވާ ސަބަބު

މިކަމަކީ ހަގީގަތުގައި އިޖްތިމާއީ މައްސަލައެކެވެ. އެހެން މީހުން ދައްކޮށްލުމާއި އެހެން މީހުންގެ ހުންނަ މިޒާޖާއި އައިބު ކަންތައްތައް ގަބޫލުކުރަން ކުދިންނަށް ދަސްކޮށް ނުދިނުމުގެ ސަބަބުންވެސް ބުލީކުރުން ފަދަ ސިފަތައް ކުދިންގެ ކިބައިގައި ހަރުލައެވެ. އާންމުކޮށް ބުލީ ކުރާ ކުދިންނަކީ އެހެންމީހުންނާ ދޭތެރޭ އިހުތިރާމް ހުންނަ ކުދިންނެއް ނޫނެވެ. އަދި އަމިއްލަ ކުށް ގަބޫލުކުރަން ދެކޮޅު ހެދުމާއި ނަފްސަށް ކޮންޓްރޯލް ނުވެ ކަންކަމުގައި މާ "އޯވާ" ވާ ކުދިންނެވެ.

ބުލީންގެ ކިބައި ދަރިފުޅު ސަލާމަތްކުރަން އޮތް ހައްލު

ބުލީކުރުން ނުވަތަ ހަނގާކުރުން ހުއްޓުވަން އެޅިދާނެ އެންމެ މުހިއްމު ފިޔަވަޅަކީ އެކަމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދިނުމެވެ. ސްކޫލްތަކުގައި ނަމަ މިކަމުގައި މުދައްރިސުންގެ ޒިންމާ ބޮޑެވެ. ގެއާއި ގެއިން ބޭރުގައި ނަމަ އާއިލާ އިން މިކަމަށް ވިސްނަންޖެހޭނެ އެވެ.

ދަރިފުޅުގެ ކިބައިން އަލާމާތެއް ނުފެނުނު ކަމުގައި ވިޔަސް ވާހަކައެއްގެ ތެރެއިން މަތީގައި ބުނެފައިއެވާ ކަންކަމާ ބެހޭގޮތުން ސުވާލުކޮށް ހަދާލުމަކީ ބުއްދިވެރި ގޮތެކެވެ. ދަރިފުޅު ފަހަރެއްގައި ނުބުނެ ހުރެދާނެ އެވެ. ބައެއް ފަހަރު އެންމެ ހިތްވަރުގަދަ ކުއްޖާވެސް މިކަމުގައި ފެއިލް ވެދާނެ އެވެ. ވީމާ މިކަމަށް ސަމާލުވާން ޖެހޭ ނޫންހެއްޔެވެ.