- ފެކްޓްރީއާއެކު އިތުރު 250 ވަޒީފާ އުފެދޭނެ
- ފެކްޓްރީ އަޅަނީ ހުޅުމާލޭގައި
- 15 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ
ރާއްޖޭގައި ދަޅު މަސް އުފައްދަން ފަށަން 15 މިލިއަން ޑޮލަރުގެ ކާރުހާނާއެއް އެޅުމުގެ މަސައްކަތް ފަށައި، އަންނަ އަހަރު ހުޅުވާނެ ކަމަށް އެންސިސް ފިޝަރީޒުން ބުނެފި އެވެ.
މަސްވެރިކަމުގެ ހަބަރުތައް ގެނެސްދޭ ދުނިޔޭގެ މަޝްހޫރު ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި އެންސިސް ފިޝަރީޒްގެ އެއް ހިއްސާދާރު ކަމަށްވާ އަބްދުލް ވާހިދު ތައުފީގު ވިދާޅުވީ މި ކާރުހާނާ ފަރުމާކޮށްފައިވަނީ 25 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭނެ ވަސީލަތްތަކާއެކުގައި ކަމަށެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރުގެ އެޕްރީލް މަހު ނިންމަން ކަނޑައަޅާފައިވާ މި ކާރުހާނާ ހުޅުވުމުން ތައިލެންޑަށް ރާއްޖޭން ބޭރުކުރާ ރޯމަހުގެ އަދަދު މަދު ވެގެންދާނެ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ލިބިފައިވާ މެރިން ސްޓްވާޑްޝިޕް ކައުންސިލް (އެމްއެސްއީ) ސެޓްފިކެޓްގެ ފައިދާ ރާއްޖެއަށް ބޮޑުވާނެ ކަމަށެވެ.
ރާއްޖެއަށް ބާނާ ބޮޑު ކަންނެލީގެ ބޮޑު ބައެއް ވެސް ބޭރު ކުރަމުން ގެންދާ އެންސިސްގެ އެމްޑީ ވިދާޅުވީ އެ ފެކްޓްރީގެ ސަބަބުން އިތުރު 250 ވަޒީފާގެ ފުރުސަތު ވެސް އުފެދިގެން ދާނެ ކަމަށާއި އެންސިސްއިން މި ކާރުހާނާ އަޅަނީ ހުޅުމާލޭގައި ކަމަށެވެ.
އެންސިސް ކުންފުނިން މިހާރު ވެސް ރާއްޖޭގެ ބާޒާރުގައި ދަޅު މަސް ވިއްކަ އެވެ. ނަމަވެސް މި ދަޅު މަސް އުފައްދަނީ ތައިލެންޑުގެ ފެކްޓްރީތަކުގައި ބަންދުކޮށްގެންނެވެ.
އެންސިސް ކުންފުންޏަކީ ޔޫރަޕަށް މަސް ބޭރުކުރަން މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު "ފްރެންޑްސް އޮފް ދަ ސީ" ސެޓްފިކެޓް ވެސް ލިބިފައިވެ އެވެ.