މޯލްޑިވިއަން އައިޑޮލް

ލައިޝާއަށް ރައީސްގެ މަރުހަބާ

ފުރަތަމަ މޯލްޑިވިއަން އައިޑޮލްގެ މަގާމު ހާސިލުކުރި ލައިޝާ ޖުނައިދަށް ރައީސް އަބްދުﷲ ޔާމީން މަރުހަބާ ވިދާޅުވެއްޖެ އެވެ.

ދ. މީދޫގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މޯލްޑިވިއަން އައިޑޮލަކީ ޒުވާނުންގެ އެންމެ ބޮޑު ޝައުގުވެރިކަމެއް ލިބުނު ޝޯ ކަމަށާއި ޝޯއިން ޒުވާނުންގެ ހުނަރުވެރިކަން ދައްކާލައިފި ކަމަށެވެ. އަދި މޯލްޑިވިއަން އައިޑޮލް ކާމިޔާބުކޮށް ތާރީހުގެ ތެރެއަށް ވަދެގެން ދިޔަ ލައިޝާ ޖުނައިދަށް މަރުހަބާ ކިޔާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރެއަކީ އަޅުގަނޑުމެން ޒުވާނުންނަށް ވަރަށް އުފާވެރި ރެއެެއް، ޒުވާނުންގެ ޝައުގުވެރިކަން މިދިޔަ ދުވަސްތަކުގައި ހޭދަވެގެން ދިޔައީ މޯލްޑިވިއަން އައިޑޮލްގެ ޝޯތައް ބަލަން، ރީތި ރާގުތައް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އިވިގެން ދިޔައީ، ޒުވާނުން މުޅިވެސް މިކަމުގައި ހަރަކާތްތެރިވެގެން ދިޔައީ، އެހެންވީމަ ރޭގަ އިއުލާން ކުރެވިގެން އެ ދިޔައީ ދިވެހި ރައްޔިތުންގެ ވޯޓާއެކީ ދިވެހި ތާރީހުގައި ލިޔެވޭ އެންމެ ފުރަތަމަ މޯލްޑިވިއަން އައިޑޮލެއްގެ ގޮތުގައި ފާހަގަވެގެން އެ ދިޔައީ ލައިޝާ ޖުނައިދު، ލައިޝާ ޖުނައިދަށް އަޅުގަނޑު ވަރަށް މަރުހަބާ ދަންނަވާ އިހުލާސްތެރިކަމާ އެކީ ތަހުނިޔާ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

މޯލްޑިވިއަން އައިޑޮލް ލައިޝާ ކާމިޔާބުކޮށްފައިވަނީ ޝަލަބީ އަދި އިޝާންއާ ވާދަކޮށް އެންމެ ގިނަ ވޯޓު ހޯދައިގެންނެވެ. ޝޯގެ ދެވަނައަށް ޝަލަބީ ގޮސްފައިވާއިރު ތިންވަނައަށް ދިޔައީ އިޝާނެވެ.

ލައިޝާއަށް ލިބުނު އިނާމްތައް:

  • ދިރާގު މައިޓޯންސް ލައިޝާގެ ރެވެނިއުގެ 100 ޕަސެންޓް ދެ އަހަރަށް
  • އެއް އަހަރު ދުވަހަށް މީލް ޕްލޭނެއް ސީހައުސްއިން
  • އެލައިޑްގެ ގޯލްޑް ކާޑް
  • 25،000 ރުފިޔާ އަދި އެކްސްއެލްގެ އެންބެސެޑާޝިޕް
  • އެމްއޭސީއެލްގެ ބިޒްނަސް ލޯންޖްގެ ހިދުމަތް އެއް އަހަރަށް
  • ދިރާގުގެ އެންބެސެޑާޝިޕް
  • މޯލްޑިވިއަން އިން ބެންކޮކަށް ދެކޮޅު ޓިކެޓާއި ހަތް ދުވަހުގެ ހުރުން އަދި ޗައިނާ ފިޔަވާ އިތުރު ގައުމަކަށް ދިޔުމަށް 10،000 ރުފިޔާ
  • ނިއު ޕޯޓުން ގިޓާ ސައުންޑް ސިސްޓަމެއް
  • ވިލާ ކޮލެޖުން ޑިގްރީ ނުވަތަ ސެޓްފިކެޓް 3 ހާސިލުކުރުމަށް ސްކޮލަޝިޕެއް
  • ޕީއެސްއެމް އިން ސޯލޯ އަލްބަމެއް، އޭބީޔޫ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު
  • މިޔުޒިކް ސްކޮލަޝިޕެއް
  • ދެ ލައްކަ ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމް ޕީއެސްއެމްއިން
  • އަމިއްލަ ފަރާތަކުން މެޑިކަލް ސްކޮލަޝިޕެއް
  • މީގެއިތުރުން ވެސް އެސްޓީއޯ، ކޮޕިއާ ޕްލަސް، ލެކިއުޓް، ދަ ޕާފިއުމް، އަދި މޯލްޑިވް ގޭސްގެ ހަދިޔާތައް