ބިދޭސީން

އަހަރު ދުވަހުގެ މުސާރައިގެގޮތު ބިދޭސީން 363 މިލިއަން ޑޮލަރު ބޭރުކުރި

ބިދޭސީން މުސާރައިގެ ގޮތުގައި ރާއްޖޭން ބޭރަށް މިދިޔަ އަހަރު 363 މިލިއަން ޑޮލަރު ފޮނުވާފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މުސާރައިގެ ގޮތުގައި މިދިޔަ އަހަރު 363 މިލިއަން ޑޮލަރު ފޮނުވި އެވެ.

ސަރުކާރުން މި އަހަރުން ފެށިގެން ދަނީ ރާއްޖޭން ބޭރަށް ބިދޭސީން ފޮނުވާ މުސާރައިން "ރެމިޓެންސް" ފީ އެއް ނަގަން ނިންމާފަ އެވެ.

މަޖިލީހުގެ ބަޖެޓު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މުސާރައިގެ ގޮތުގައި ވޭތުވެދިޔަ ދެ އަހަރު ތެރޭ 400 މިިލިއަން ޑޮލަރު ފޮނުވާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ މިރެމިޓެންސް ފީގެ ސަބަބުން އަންނަ އަހަރުގެ ޖޫން މަހާ ހަމައަށް ރާއްޖެއަށް އާމްދަނީގެ ގޮތުގައި 55 ވަރަކަށް މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި ފީގެ ސަބަބުން ބިދޭސީންނަށް ވަޒީފާ ދީގެން ތިބި ފަރާތްތަކަށް "ބުރައެއް ނެތް" ކަމަށެވެ.

"މި ދެންނެވި އެއްލަކަ ތިރީސް ފަސްހާސް ބިދޭސީންގެ ތެރެއިން 80 ޕަސެންޓު މި އުޅެނީ 200 ޑޮލަރުގެ މުސާރައެއްގައި އެވްރެޖުކޮށް. އެއަށްވުރެ މަތީގައި ހުންނަ ބްރެކެޓަކީ އިންޓަނޭޝަނަލް ބްރޭންޑް ޕަވާ ނުވަތަ ހޮސްޕިޓާލިޓީ ލޭބަސްތަކުގެ ކޮންސަންޓްރޭޝަން އެންމެ މަތީ ގައުމު. އެހެންވެ މި ބްރޭންޑްތަކުގެ ވެސް ކޯޕަރޭޓް ސޯޝަލް ރެސްޕޯންސެބިލިޓީއެއް އޮންނަން ޖެހޭ. މި ނެގެނީ ވަރަށް ނޮމިނަލް ފީއެއް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެހެން އެއްވެސް ފީއެއް ލޭބަ ރެޖީމްގެ ތެރެއިން ނުނަގާ ކަމަށެވެ.