ވިޔަފާރި

ލޯންގް ލައިން މަސްވެރިކަމަށް ތަމްރީނުވާން ހުޅުވާލައިފި

ލޯންގް ލައިން މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ލޯބޮޑު ކަންނެލީގެ މަސްވެރިކަމަށް ލޭނު އެޅުމުގެ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މާޗް އެއްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ  ދިވެހި މަސްވެރިކަމުގެ ސިނާއަތުގައި ޒުވާން މަސްވެރިންގެ ހިއްސާ އިތުރުކޮށް، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ މުއްސަނދިކަން މަސްވެރިންނަށް އިތުރު ނަފާ ހޯދުމުގެ ފުރުސަތު ދިނުމެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި ތަމްރީން ޕްރޮގްރާމް ކުރިއަށް ދާނީ ތިއަރީ ސެޝަންތަކަކާއި، އަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލެވިގެން ކަމަށެވެ. މި ތަމްރީން ޕްރޮގްރާމުގެ އަމަލީ މަސައްކަތްކުރިއަށް ދަނީ ލޭނު އެޅުމަށް ހާއްސަކޮށްފައިވާ އުޅަނދެއްގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ ޢަމަލީ ތަޖްރިބާ ފޯރުކޮށްދީ ރާއްޖޭގައި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ކުރެވޭ ލޭނު މަސްވެރިކަމަށް ދިވެހި ޒުވާން މަސްވެރިންނަށް ފުރުސަތު ހޯދައި ދިނުމެވެ. އަދި ލޭނު އެޅުމަށް ބޭނުން ކުރާ އާލަތްތަކަށާއި، ލޭނު މަސްވެރިކަމަށް އަހުލުވެރިކުރުވުމެވެ،" ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ 100 މޭލު ބޭރުގައި ކުރާ މި މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް މީގެ ކުރިން ވެސް ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދިޔަ އެވެ.