މީހުން

ޖިނާގެ ވާހަކައިން އެތައް ބަޔަކަށް އުދުހެވިދާނެ!

  • ކުރިއެރުމުގައި މެގަ މޯލްޑިވްސްގެ ދައުރު ބޮޑު
  • މަސައްކަތައް ފަރުވާ ބަހައްޓާ ޒުވާނެއް
  • ކުރިއެރުމުގެ ސިއްރަކީ ޝައުގުވެރިކަން

ފުރަތަމަ މިއީ ސިފައިންގެ މީހެވެ. ހިތްވަރު ގަދަ "ސޯލްޖާ" އެކެވެ. ހަތިޔާރު އަޅައިގެން ގައުމުގެ ދިފާއުގައި މޭ އައްޑަނައަކަށް ދިއްކޮށްލައިގެން ހުރި ފަހުލަވާނެވެ. އޭގެ ފަހުން މަސައްކަތް ކުރީ ސީޕްލޭންގަ އެވެ. އެއާ ޓެކްސީގައި މަސައްކަތް ކުރި އެވެ. މިހާރު މިއީ ރާއްޖޭގައި އުދުހޭ ދިވެހި ބައިނަލްއަގުވާމީ އެއާލައިނެއް ކަމަށްވާ މެގަ މޯލްޑިވްސްގެ ފްލައިޓް އޮޕަރޭޝަން މެނޭޖަރު މުހައްމަދު ޖިނާހު އަލީ އާއްމު ނަމުންނަމަ "ޖިނާ" އެވެ.

"ސްކޫލް ނިންމާލާފައި ސިފައިންގެއަށް ވަނީ. ސިފައިންގޭގައި އުޅުނީ ފުރަތަމަ އެތަނުން ވަކިކީ ބޮންޑް ހަމަކޮށްފަ. އޭގެ ފަހުން އޭވިއޭޝަން ދާއިރާއަށް ވަނީ،" ޖަނާ ބުންޏެވެ.

ވައިގެ ދަތުރުފަތުގެ ދާއިރާގެ މެނޭޖުމަންޓްގައި މިހާރު ޖިނާ ފެނުނު ނަމަވެސް މިއީ އޭނާގެ ފުރަތަމަ ޝައުގެއް ނޫނެވެ. މި ދާއިރާ އިން އޭނާ ވަނީ ޕައިލޮޓަކަށް ވެވޭތޯ ވެސް މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެންމެ ފަހުން އޭނާގެ ވިސްނުން ބަދަލުވީ އެވެ. އެހެންވެ ގައުމީ ޔުނިވާސިޓީ އިން މެނޭޖުމަންޓުގެ ދާއިރާ އިން ޑިގްރީއަށް ކިޔެވީ އެވެ.

"މިގޮތަށް އުޅުމުގެ ތެރޭގައި އަޅުގަނޑު ބޮޑަށް އިންޓްރެސްޓްވީ ފްލައިޓް ޑިސްޕެޗިން އޭރިއާއަށް. އެހެންވެ މިއޭރިއާ އިން ސްޕެޝަލައިޒްވީ،" މެގަ މޯލްޑިވްސް އެއާލައިން ރާއްޖޭގެ އޮޕަރޭޓް ކުރުމުގައި އެންމެ އިސްކޮށް އުޅޭ ހީވާގި ޖިނާ ބުންޏެވެ.

"އޮޕަރޭޝަނަލް ކޮންޓްރޯލަކީ ޑެއިލީ އެއާލައިން އިން އޮޕަރޭޓް ކުރާނީ. މީގެ ދަށުން ކުދި ޑިޕާޓްމަންޓްތައް ހުންނާނީ. އެކަމަކު ހުރިހާ ޑިސިޝަނެއް ނަގާނީ އޮޕަރޭޝަން ކޮންޓްރޯލުން."

ޖިނާ ބުނި ގޮތުގައި މި ދާއިރާ އަށް ޝައުގުވެރިކަން އުފެދުނީ އެއާޕޯޓުގައި މަސައްކަތްކުރާ ބޮޑު ބޭބެއެއްގެ ފަރާތުންނެވެ.

"އަންކަލްއެއްގެ ފަރާތުން މި ކަމަށް ޝައުގުވެރިކަން އުފެދުނީ. އެކަމަކު މި ހިސާބަށް އައުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ މެގަ މޯލްޑިވްސް އިން. އަޅުގަނޑު ޑިވްލޮޕް ކުރީ މެގަ މޯލްޑިވްސް އިން. މި ހިސާބަށް އަންނަން ޓްރެއިނިންތައް ދިނީ ވެސް މެގަ މޯލްޑިވްސް އިން،" މިހާރުގެ މަސައްކަތްކުރާ ކުންފުނީގެ ނަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރަމުން ޖިނާ ބުންޏެވެ.

ޖިނާ ބުނި ގޮތުގައި މިހާރު އޭނާ ހުރި ހިސާބަށް އައުމުގެ އެންމެ ބޮޑު ސިއްރަކީ ޝައުގުވެރިކަމާއެކު މަސައްކަތް ކުރުމެވެ.

"ކޮންމެ ކަމެއް ވެސް ކާމިޔާބީ ވާނެ އެކަމަށް އިންޓްރެސްޓް ހުރެގެން މަސައްކަތް ކުރީމަ،" ޒުވާނުންނަށް ޖިނާ ދެނީ ނަސޭހަތެކެވެ.

ޖިނާ "ބިޒީ ލައިފް" ގައި ކުރިއަށް ދިއުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެނީ އާއިލާއިންނެވެ.

"އަސްލު ވަރަށް ބިޒީ. އެއް ދުވަސް ވެސް ހުންނާނީ ދިމާވެފައި. ވަރަށް ކުޑަ ވަގުތު ކޮޅަކު ދިމާވެފައި ވެސް. އެކަމަކު ވަރަށް އަންޑަސްޓޭންޑިން. އަޅުގަނޑުގެ ޕޮޒިޝަންގެ ގޮތުން އާޖެންޓް ކަންކަމުގައި ޖެހޭ އެޓެންޑް ކުރަން. އެކަމަކު ވީ ވަރަކުން އާއިލާ އަށް ވަގުތު ހޭދަކުރަން. ވީކެންޑްގައި އާއްމުކޮށް ބަލަން އާއިލާ އަށް ޓައިމް ދެވޭތޯ،" ދެ ކުދިންގެ ބައްޕަ ބުންޏެވެ.

"ބިޒީ ޖޮބެއް ނަމަވެސް ބަރާބަރަށް އަށް ގަޑިއިރު ނިދި ހަމަކުރަން. މިހެން ބުންޏަށް ހުންނާނެ ބައެއް ދުވަސް ދުވަސް މަދުން ނިދޭ ދުވަސްތައް ވެސް. މިއީ ވަރަށް މުހިންމު އެއްޗެއް އޭވިއޭޝަން މެނޭޖުމަންޓުގައި."

އޭނާ ގަބޫލުކުރާ ގޮތުގައި ރަނގަޅަށް މަސައްކަތް ކުރަން ބޭނުންނަމަ ރަނގަޅު ނިދި މުހިންމު ވާނެ އެވެ. ހަމަމިއާއެކު ކެއުމަށް ވެސް ސަމާލުކަން ދޭން ޖެހެ އެވެ.

"އަސްލު ބިޒީކަމުން ފިޓްނަސް އޮންނަނީ ވަރަށް ބޮޑަށް ސްކިޕްވެފައި. ކެއުން ވަރަށް ބަލައިގެން އުޅެނީ،" 35 އަހަރުގެ، ޖިނާ ބުންޏެވެ.

ޖިނާ ބުނި ގޮތުގައި މިހާރުގެ ދާއިރާ އިން ނުފެނުނަމަ އެންމެ ފެނުން ގާތީ ޕައިލޮޓަކަށެވެ. ސަބަބަކީ ކުރިން އެ ކަމަށް މަސައްކަތްތަކެއް ކުރެވުން ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް، އެކަމުގައި ވެސް ޖިނާއަށް ގިނަ ގޮންޖެހުންތަކެއް އޭރު ދިމާވި އެވެ. އެންމެ ބޮޑު ހުރަކަށްވީ މާލީހާލަތު ހުރި ގޮތުން ކުރިމަތިވި ހުރަސްތަކެވެ.

"އަސްލު ގޮންޖެހުންތައް ކުރިމަތިވި މި ހިސާބަށް އަންނަން. ވަރަށް ދަތިވި. ވަރަށް މަދު ސްކޮލާޝިޕް ހުންނަނީ. އަޅުގަނޑު ޕޭރަންޓުން ފައުންޑޭޝަން އަޅައި ދިނީ. އޭގެ ފަހުން ވަޒީފާގައި އުޅެގެން މަސައްކަތް ކުރިއަށް ދިޔައީ. މި ދާއިރާ އިން ސްޕެޝަލައިޒްވީ މެގަ މޯލްޑިވްސްގެ އެހީތެރިކަމާއެކު،" ޖިނާ ބުންޏެވެ.

"ހަގީގަތުގައި މިއީ ވަރަށް ބޮޑު ޒިންމާއެއް. އެހެންވެ އަބަދު ވެސް ޖެހޭ ރިފްރެޝް ހަދަން. ފަހުގެ ޓެކްނޮލޮޖީ ދަސް ކުރަން. ގްރައުންޑުގައި ހުންނަ ޕައިލޮޓުން. ޕައިލޮޓުންގެ ނޮލެޖު މި ހުންނަނީ. ތަފާތަކީ ހަމައެކަނި ނުއުދުދެވޭކަން."

ޖިނާ ފާހަގަ ވަނީ ޒުވާނުންނަށް މިސާލެއްގެ ގޮތުގަ އެވެ. ޒިންމާދާރު ބައްޕައެއްގެ އިތުރުން ޒިންމާދާރު މީހެއްގެ ގޮތުގަ އެވެ. އެހެންވެ ހަމަގައިމު ވެސް ޖިނާގެ ވާހަކަ އިން ވެސް އެތައް ބަޔަކަށް އުދުހެވިދާނެ އެވެ.