ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިޔުމަށް ހޮންކޮންގުން ނިންމައިފި އެވެ. ހޮންކޮންގުން ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދާން ނިންމިއިރު ޗައިނާއާއެކު މި އެއްބަސްވުން ގާއިމުކުރުމުގެ މަސައްކަތް މިހާރު ރާއްޖެއިން ވަނީ ފަށާފަ އެވެ.
ހޮންގްކޮންގްގެ ސެވެންތް ސްޕޭސް ވެބްސައިޓްގައި އެ ގައުމުގެ ސަރުކާރުގެ ތަރުޖަމާނާ ހަވާލާދީ އިއްޔެ ބުނެފައިވަނީ ރާއްޖެ އާއި ޖޯޖިއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިޔުމަށް އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
"ރާއްޖެ އާއި ޖޯޖިއާގެ މާކެޓަކީ ތަރައްގީވާނެ ކަމުގެ އުއްމީދު އޮތް ދެ މާކެޓް، އެ ދެ ގައުމާއެކު މިނިވަން އެއްބަސްވުމަކަށް ގޮސްފިނަމަ އޭގެ ފައިދާ ހޮންގްކޮންގަށް ވަރަށް ބޮޑަށް ކުރާނެ، އޭރުން ހޮންގްކޮންގްގެ ފްރީޓްރޭޑް ނެޓްވޯކް ސަރަހައްދުގެ އެހެން ގައުމުތަކަށްވުރެ ބޮޑަށް ފުޅާވާނެ،" ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.
އެގައުމުގެ ސަރުކާރުން އިއްޔެ ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންކުރާނެ ބައެއް ކަންތައްތަކާއެކު ޑޮކިއުމެންޓެއް އާންމުކޮށްފަ އެވެ. އެ ކަންތައްތަކުގެ ތެރޭގައި:
- ޓެރިފް ދަށްކުރުން ނުވަތަ ކަނޑާލުން
- ނޮން ޓެރިފް ބެރިއާސްތައް ނައްތާލުން
- ކަސްޓަމްސް ޕްރޮސީޖާތައް ފަސޭހަކުރުން
- އިވެންސްޓްމެންޓްތައް ކުރުމުގައި ފަސޭހަކުރުން
- ވިޔަފާރީގެ މުއާމަލާތްތަކާއި ހިދުމަތް ފޯރުކޮށްދިނުމުގައި ފަސޭހަކުރުން
މި ޑޮކިއުމެންޓް އެ ގައުމުގެ ޓްރޭޑް އެންޑް އިންޑަސްޓްރީ ޑިޕާޓްމެންޓްގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފަ އެވެ.
އެ ގައުމުން ބުނީ، މިދިޔަ އަހަރު ރާއްޖެއާ ދެމެދު 276 މިލިއަން ޑޮލަރުގެ ވިޔަފާރިކުރެވިފައިވާ ކަމަށާއި ދެ ގައުމުގެ ދެމދު އޮތް ވިޔަފާރި 2011 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް 38 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. ޖޯޖިއާ ދެމެދު 285 މިލިއަން ޑޮލަރުގެ ވިޔަފާތި ހޮންގްކޮންގްއިން ވަނީ ކޮށްފަ އެވެ.
ހޮންގްކޮންގެ މިހާތަނަށް މިނިވަން ވިޔަފާރީގެ އެއްބަސްވުން ހަދާފައިވަނީ ހަތަރު ފަރާތަކާއެކުގަ އެވެ. އެއީ، މެއިންލޭންޑް، ނިއުޒިލެންޑް، ޗިލީ އަދި ސްޓޭޓްސް އޮފް ޔޫރަޕިއަން ފްރީ ޓްރޭޑް އެސޯސިއޭޝަންގެ މެންބަރު ގައުމުތަކާއެކު އެވެ.