އަސާސީ ގަވާއިދު ކުލަބުތަކުން ފާސްކުރީ އެފްއޭއެމުން ބޭނުންވިގޮތަށް ކަމަށާއި މިހެންވެ އެއްވެސް މައްސަލައެއްނުޖެހި އެފްއޭއެމުގެ އިންތިހާބު މިފަހަރު ބޭއްވެންވާނެ ކަމަށް އެއިދާރާއިން ބުނެފި އެވެ.
އަސާސީ ގަވާއިދަށް ފީފާ އާއި ހޯމް މިނިސްޓްރީން ބޭނުންވާ ބަދަލުތައް ގެނައުމަށްފަހު ގަވާއިދު ކުލަބުތަކުން ފާސްކުރަން މިއަދު ބޭއްވި ކޮންގްރެސް އަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ހޯމް މިނިސްޓްރީން އަސާސީ ގަވާއިދު ފާސްކޮށްދޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށެވެ.
އެފްއޭއެމުން މިހެން ބުނެފައިވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތީން މި އިންތިހާބު ފަސްވެފައިވާތީ އެވެ. ނަމަވެސް ކުރީ ކޮންގްރެސްތަކާ ހިލާފަށް މިއަދުގެ ކޮންގްރެސްގައި ހޯމް މިނިސްޓްރީގެ އެއްވެސް ބޭފުޅަކު ބައިވެރިނުވެ އެވެ.
"މިފަހަރު އެއްވެސް މައްސަލައެއްދިމާވެގެންނުވާނެ. އެއީ ހޯމް މިނިސްޓްރީން ބުނެފައިވާ ބަދަލުތައް އަދި ފީފާއިން ވެސް އެޕްރޫވްކޮށްދީފައިވާ ބަދަލުތައް މިގެނައީ. ކުލަބުތަކުގެ އިއްތިފާގުން އަސާސީ ގަވާއިދު ފާސްކޮށްދިނީ އެފްއޭއެމުން ބޭނުންވާގޮތަށް. އެހެންވީމާ އަޅުގަނޑުމެން އުއްމީދުކުރަނީ މިމަހުގެ ނިޔަލަށް އިންތިހާބު ނުބާއްވައިގެން ރާއްޖެ ފުޓްބޯޅައިން ސަސްޕެންޑްވިޔަ ނުދިނުމަށް މިފަހަރު ހޯމް މިނިސްޓްރީން ވެސް އެއްބާރުލުން ދެއްވާނެ ކަމަށް،" ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފްއޭއެމުގެ އަސާސީ ގަވާއިދު ހޯމް މިނިސްޓްރީން ފާސްކޮށްދިނުމާއެކު އިންތިހާބުގައި ވާދަކުރަން ބޭނުންފުޅުވާ ބޭފުޅުން ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށެވެ.
އެފްއޭއެމުގެ އިންތިހާބު ބާއްވަން އެންމެ ފުރަތަމަ މަސައްކަތް ކުރީ މިދިޔަ އޮކްޓޫބަރު މަހު އެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ޔޫތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން އެއްބާރުލުން ނުދިނުމުން އިންތިހާބު ވަނީ ތިން ފަހަރު މަތިން ފަސްވެފަ އެވެ. މިހެންވެ ފީފާއިން މިހާރު ވަނީ މިމަހުގެ ނިޔަލަށް އިންތިހާބު ބާއްވަން ޝަރުތުކޮށްފަ އެވެ. އެހެންނޫނީ ފުޓްބޯޅައިގެ އެއްވެސް އިނާޔަތެއްނުލިބޭ ގޮތަށް މުއްދަތެއްނެތި ރާއްޖެ ސަސްޕެންޑްވާނެ އެވެ.