އިނގިރޭސި ޝާހީ އާއިލާގައި މިހާރު ކައިވެންޏެއް ބައްލަވައިގަންނަ އުމުރުފުޅެއްގައި ހުންނެވީ ޕްރިންސެސް ޑައާނާގެ ހަގު ދަރިކަލުން ޕްރިންސް ހެރީ އެވެ. ޕްރިންސް ހެރީއަށް މިހާރު 31 އަހަރުވެފައިވާއިރު ޕްރިންސް ގާލްފްރެންޑެއް ނުނަންގަވާ މައްސަލަ އޮތީ ބޮޑުވެފަ އެވެ. މި ޕްރިންސްގެ ޕްރިންސެސްއަކަށް ވާނީ ކާކުތޯ ބަލައިލަން ގިނަ ބަޔަކު ބޭނުންވެ އެވެ. އެ ނަސީބު ހޯދާ މީހެއް ބަލާލަން ބޭނުންވެ އެވެ. އެ ނަސީބު ހޯދަން ބޭނުންވާ އަންހެން ކުދިންނެއް ވެސް އެހާ ގިނަ އެވެ،
އެހެން ނަމަވެސް ޕްރިންސް ހެރީއަކީ މާގިނައިން އަންހެނުންނާއެކު ފެންނަ ބޭފުޅެއް ނޫނެވެ. އާންމުކޮށް އުޅުއްވަނީ ކޮންމެވެސް ޗެރިޓީ މަސައްކަތެއްގަ އެވެ. ޕްރިންސެސް ޑައާނާ އާއި ޕްރިންސް ހެރީގެ މިޒާހް ވަރަށް އެއްގޮތް ކަމަށް މީހުނާއި މީޑިއާ ބުނަނީ ވެސް އެހެންވެ އެވެ.
ފްލޮރިޑާގައި ގޭމްސް ފެސްޓިވަލެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެ، ސަންޑޭ ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ޕްރިންސް ހެރީ ވިދާޅުވީ، އަންހެންނާއެކު ގާތް ގުޅުމެއް އުފައްދަން އުނދަގޫވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ޕްރިންސް ހެރީއަށް ގާތުން ފާރަލާ، އުޅޭ ނޫޅޭ ގޮތް ބެލުމަށް ބަޔަކު ތިބޭތީ އެވެ.
"އަންހެނުންގެ ވާހަކަ އަންނައިރަށް ފާޑެއްގެ ބިރެއް ހިތުގައި އުފެދެނީ،" ޕްރިންސް ހެރީ ވިދާޅުވެފައިވެ އެވެ.
ޕްރިންސް ވިދާޅުވީ، އަންހެނަކާ ތަންކޮޅެއް ގާތް ގުޅުމެއް ބާއްވާ، ދެފަހަރަކު ވާހަކަ ދައްކަވާތަން ފެނުނު ނަމަވެސް އެ އަންހެނެއްގެ ގޭދޮށަށް މީޑިއާތަކާއި މީހުން ގަނޑު އެއްވާނެ ކަމަށެވެ.
"އަހަރެންނަށް ގާލްފްރެންޑެއް ލިބިއްޖެނަމަ ނުވަތަ ލިބޭއިރަކުން ވެސް އެންމެ ފުރަތަމަ އިސްކަމެއް ދޭނީ ދެ މީހުންގެ ދެމެދު ގުޅުން ރަނގަޅުކޮށް އެކަކު އަނެއްކަކާއެކު ކޮންފޮޓަބަލްވާން،" ޕްރިންސް ހެރީ ވިދާޅުވި އެވެ.
ޕްރިންސްއާ ލޯބީގެ ގޮތުން ގުޅޭ މީހެއްގެ ހަޔާތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި ޕްރައިވެސީ ވަރަށް ބޮޑަށް ކުޑަވާނެކަން ވިސްނައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ލޯބީގެ ގޮތުން ޕްރިންސް ގުޅިފައިވަނީ ދެ މީހަކާ އެވެ. އެއީ ޗެލްސީ ޑޭވީ ނަމަކަށްކިޔާ އަންހެނަކާއި ބޯނަސް ނަމަކަށްކިޔާ މީހަކާ އެވެ. ބޯނަސްއާ ރުޅިވެފައިވަނީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން ޕްރިންސް ހެރީ ހުންނެވީ ސިންގަލްކޮށެވެ.