- ނަޖީބު މަރާލުމުގައި ހަނާ ބައިވެރިވިކަމަށް އިއުތިރާފްވެފައިވޭ
- ހުކުމް ކުރިއިރު އަޑުއެހުންތައް ނިންމިތާ އެތައް ދުވަހެއް
- މައްސަލަ އިސްތިއުނާފު ކުރީ ހަނާގެ ފަރާތުން
ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ ގަޔަށް ވަޅި ހަރައި މަރާލުމުގެ ކުށް ސާބިތުވެފައިވާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ މަރަން ހައިކޯޓުން ތާއިދުކޮށްފި އެވެ. ހަނާ މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 19 ޖުލައި 2012 ވަނަ ދުވަހު އެވެ.
ހަނާ މަރަންކުރަން ކްރިހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ހަނާ އެވެ. އެ މައްސަލާގައި އަޑުއެހުންތައް ނިންމާލާފައިވާތާ އެތައް ދުވަހެއް ފަހުން މިއަދު މައްސަލާގެ ހުކުމް އިއްވާފައިވާއިރު ކްރިމިނަލް ކޯޓުގެ ހުކުމަށް ވަނީ ތާއިދުކޮށްފަ އެވެ. ހައިކޯޓްގެ ހުކުމުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރީ، ނަޖީބު މަރާލުމުގައި ހަނާ ވެސް ބައިވެރިވެފައިވާކަން އޭނާގެ އަމިއްލަ އިއުތިރާފުންނާއި ހެއްކާއި ގަރީނާއިން އެނގެން އޮންނާތީ ކަމަށެވެ.
ނަޖީބު މަރާލިއިރު ހަނާ އޮތީ ނިދާފައި ކަމަށް ބުނި ނަމަވެސް ނަޖީބުގެ އަތާއި އަނގަ މަތީ ޓޭޕް އަޅާފައިވަނީ ހަނާ ކަމަށާއި ނަޖީބު މަރާލުމަށްފަހު ހަށިގަނޑު ފޮރުވުމަށް ވެސް ހަނާ ބައިވެރިވެފައިވާކަން ހައިކޯޓުގެ ފަނޑިޔާރުން ފާހަގަކުރެއްވި އެވެ.
އެންމެ ފުރަތަމަ ހަނާ އާއި މުއްރަތު ރާވާފައިވަނީ ނަޖީބުގެ ގެއަށް ގޮސް ފޮތިގަނޑަކުން އޭނާގެ ނޭވާ ހާސްކޮށް މަރާލައި، ފައިސާތައް އަތުލަންކަން އެނގޭ ކަމަށާއި އެކަން އެގޮތަށް ނުކުރީ އެއީ ރައްކާތެރިކަމެއް ނޫން ކަމަށް ވިސްނިގެން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ވަކީލެއްގެ އެހީއެއް ބޭނުންވާ ކަމަށް ބުނެ ނަޖީބު، ހަނާމެން ދިރިއުޅޭ ގެއަށް ގެނައީ ވެސް މަރާލުމުގެ ނިޔަތުގައި ކަމަށެވެ. އަދި ނަޖީބު މަރާލާ، އެކަން ސިއްރުކުރުމުގައި މުއްރަތެކޭ އެއްފަދައިން ހަނާ ވެސް އެއްވަރަށް ޒިންމާ އުފުލަން ޖެހޭނެ ކަމަށް ހުކުމް އިއްވުމުގެ ކުރިން ފަނޑިޔާރު ވިދާޅުވި އެވެ.
"ކްރިމިނަލް ކޯޓުގެ ނަންބަރު 2012/C-Cr/384 ގަޒިއްޔާގައި، އަހްމަދު ނަޖީބު ގަސްދުގައި މަރާލުމުގެ ކުށް ފާތިމަތު ހަނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އެކުށުގެ އުގޫބާތެއްގެ ގޮތުން ފާތިމަތު ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރައްވާފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ހުކުމް ކޮށްފީމެވެ." ހުކުމްގައިވެ އެވެ.
ހަނާގެ މައްސަލަ ހައިކޯޓުގައި ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަލީ ސަމީރާއި އަބްދުﷲ ދީދީ އާއި އަބްދުﷲ ހަމީދާއި އަބްދުއްރައޫފް އިބްރާހިމާއި ޝުޖާއު އުސްމާނެވެ. ދެފަހަރެއްގެ މަތިން މި މައްސަލަ ބަލާ ބެންޗް ބަދަލުވެފައިވެ އެވެ.
ހައިކޯޓަށް ހަނާ ހުށަހެޅި މައްސަލާގައި ދައުލަތުގެ ވަކީލް އާދަމް އާރިފް ވިދާޅުވެފައިވަނީ އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ހަނާގެ މައްޗަށް މަރަށް މަރު ހިފޭނެ ކަމަށާއި އެކަމުގައި އަމަލީ ގޮތުން އޭނާ ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން ނަޖީބް މަރާލުމަށް އެއް މަސް ދުވަސް ކުރިން ހަނާ އާއި އޭނާގެ ލޯބިވެރިޔާ އަހުމަދު މުއްރަތާ ދެ މީހުން ރާވާފައިވާ ކަމަށާއި ނަޖީބް މަރާލާފައިވަނީ ވެސް ރާވާފައިވާ ގޮތަށް ކަމަށެވެ. ނަޖީބްގެ މަރުގައި ހަނާގެ ދައުރަކީ ކުރިން ވެސް ރާވާފައިވާ ގޮތަށް ނަޖީބް ގޮނޑިއެއްގައި ބަނުން ކަމަށާއި އެކަން އެގޮތަށް ކޮށްފައިވާކަން ހަނާގެ އިއުތިރާފުން އެނގޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެހެންވެ ނަޖީބް މަރަށް ހުށަހެޅުނީ ހަނާ ކުރި އަމަލެއްގެ ސަބަބުން ސާފުކޮށް އެނގޭ ކަމަށް ވެސް އާރިފް ވިދާޅުވެފައިވެ އެވެ.
މި މައްސަލާގައި ހަނާގެ ވަކީލް ވިދާޅުވެފައިވަނީ، މައްސަލާގައި ފާހަގަ ކޮށްފައިވާ ނުކުތާތައް އެގޮތަށް ފާހަގަކުރާ ކަމަށާއި އިތުރު ކަމެއް ފާހަގަ ކުރަން ބޭނުން ނުވާ ކަމަށެވެ.
މ. މަސްރޫރާ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ބަނުމަށް ފަހު ނަޖީބް މަރާލި މައްސަލައިގައި ހަނާގެ އިތުރުން ހަނާގެ ލޯބިވެރިޔާ މ. މަސްރޫރާ އަހުމަދު މުއްރަތު މެރުމަށް ވެސް ދަށު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.