ހަބަރު

މިރުޒާގެ މަރު: އެކެއްގެ މަރުގެ ހުކުމް ހައިކޯޓުން ދަމަހައްޓައިފި

ވިލިމާލޭގައި 2011 ގައި ހިންގި މާރާމާރީއެއްގައި މަރުވި، ނ. މާޅެންދޫ، ވައިޓް ހައުސް، އަހުމަދު މިރުޒާ މަރާލި މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ޏ. ފުވައްމުލަކު ޒާވިޔާ އަބްދުﷲ ނަޒީފުގެ ހުކުމް ހައިކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ނަޒީފުގެ އިތުރުން ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ މައްޗަށް ވެސް ކުރިމިނަލް ކޯޓުން މި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވެ އެވެ. އެ މައްސަލަ އަދި ހައިކޯޓުގައި ނުނިމެ އެވެ.

ނަޒީފުގެ މައްސަލާގައި ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ މިރުޒާ މަރާލުމުގައި ނަޒީފު ބައިވެރިވިކަމާމެދު އެއްވެސް ޝައްކެއް ނެތް މިންވަރަށް ހެކިންގެ ހެކި ބަހުން ސާބިތުވާ ކަމަށެވެ. ނަޒީފާ ދެކޮޅަށް ހެކި ބަސް ދިން ހެކިންގެ ހެކި ބަހުގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ހުކުމްގައި ބުނީ މިރުޒާއަށް ނަޒީފާއެކު އެހެން ބަޔަކު ވެސް ހަމަލާދީފައިވާއިރު މިރުޒާ މަރުވީ ސީދާ ކޮން ހަމަލާއަކުން ކަމަށް ބަލަން ނުޖެހޭ ކަމަށެވެ. ގިނަ ބަޔަކު ހަމަލާދޭއިރު މިރުޒާ މަރުވާން މެދުވެރި އެތެރިފަހަރު ކޮންމެ މީހަކު ދިން ނަމަވެސް އޭގެ ޒިންމާ ހަމަލާދިން އެންމެން އުފުލަން ޖެހޭނެ ކަމަށެވެ. އެއީ އިސްލާމީ ފިގުހުގެ ތަމާލުއުގެ އުސޫލާއި އެހެން ގައުމުތަކުން ވެސް އަމަލު ކުރާ އުސޫލު ކަމަށް ހުކުމްގައިވެ އެވެ.

މައްސަލަ ނަޒީފުގެ ފަރާތުން އިސްތިއުނާފުކޮށް ހައްދާއި މަރުގެ މައްސަލަތަކުގައި ކުށް ސާބިތު ކުރެވޭނީ ދެ ފިރިހެނެއްގެ ހެކި ބަހުން ކަމަށް އިސްލާމީ ޝަރީއަތުގައިވާ ބުނެފައިވާއިރު އޭނާގެ މައްޗަށް ކުށް ސާބިތު ކުރުމަށް އަންހެންގެ ހެކި ބަސް ގަބޫލު ކޮށްފައިވާ ކަމަށް ބުނެ ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ.

މިއަދު ހައިކޯޓުން އެކަމަށް ރިއާޔަތްކޮށް އިއްވި ހުކުމުގައި ބުނީ ޒިނޭ ފިޔަވައި އެހެން މައްސަލަތަކުގައި މަދުވެގެން ދެ ފިރިހެނުންގެ ހެކި ބަހުން ކުށް ސާބިތުވުމަކީ އިސްލާމީ ފިގުހުގެ އާންމު އުސޫލު ނަމަވެސް އެއީ ހިލާފެއް ނެތް އުސޫލެއް ނޫން ކަމަށެވެ. ބައެއް އިލްމުވެރިން ގަބޫލު ކުރާ ގޮތުގައި މަރުގެ މައްސަލަތަކުގައި ފިރިހެނަކާއި ދެ އަންހެނެއްގެ ހެކި ބަހުން ވެސް ކުށް ސާބިތު ކުރެވޭނެ ކަމަށެވެ.

މިހާރު އަމަލު ކުރާ ގާނޫނުގައިވާ ގޮތުން ގުރުއާނުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ ހެކި ބަސް ހަމަހަމަ އެވެ. ހުކުމްގައި ބުނީ ޝަރީއަތް ކުރުމާ ބެހޭ ގަވައިދުގައި ވެސް ވާ ގޮތުން ފިރިހެނުންގެ އެކަނި ހެކި ބަހުން ސާބިތުވާނީ ޒިނޭގެ މައްސަލަތައް އެކަންޏެވެ. އެހެންވެ މަރުގެ މައްސަލަތައް ސާބިތު ކުރެވޭނީ ހަމައެކަނި ފިރިހެނުންގެ ހެކި ބަހުން ކަމަށް ނުބުނެވޭނެ ކަމަށެވެ.

ޒިނޭ ފިޔަވައި ހައްދާއި މަރުގެ މައްސަލަތަކުގައި ސާބިތުވާނީ ދެ ފިރިހެނުންގެ ހެކި ބަހުން ކަމަށް މުތުލަގަށް ބުނެވެން ނެތްއިރު، ގުރުއާނުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ ހެކި ބަސް ހަމަހަމަ ވާނެ ކަމަށް ގާނޫނުގައި ލިޔެފައި އޮތްއޮތުން އިސްލާމީ ފިގުހާ ހިލާފު ނުވާ ކަމަށް ހުކުމްގައިވެ އެވެ.

މި ހުކުމް އިއްވާފައިވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޔާސަތު ބެލެހެއްޓެވި ބެންޗަކުންނެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ.