ބޮލީވުޑް

ބޮލީވުޑްގައި ތަރިއަކަށް ވެވެނީ ކިހިނެއް؟

އިންޑިއާގެ ފިލްމީ ދާއިރާއަކީ އެކްޓިންނަށް ވުރެ ބޮޑަށް ސިފައަށް ޚާއްސަ ސަމާލުކަމެއްދޭ ދާއިރާއެއްގެ ގޮތުގައި އޮންނަނީ ފާހަގަވެފައެވެ. މިފަހަކަށް އައިސް ބޮލީވުޑަކީ މިކަމަށް ބޮޑު ސަމާލުކަމެއްދޭ ދާއިރާއެކެވެ. ސިސްޕެކްސް އެބަކާއި ނުލާ ފިލްމީ ދާއިރާއަށް ތަޢާރަފްވުން އެއީ އުނދަގޫކަމެއްގެ ގޮތުގައި ގިނަ ތަރިން ގަބޫލުކުރާއިރު ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންވެސް މިއަދު މިވަނީ އެފަދަ ހަށިގަނޑެއް ހޯދުމުގައި މަސައްކަތްކޮށް ކާމިޔާބުކޮށްފައެވެ. އަންހެން ތަރިއެއްނަމަ ސައިޒް ޒީރޯގެ ރީތި ހަށިގަނޑު މަޖުބޫރު މާއްދާއަކަށް މިވަނީ ވެފައެވެ. 

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ތަޢާރަފްވި ސޮނާކްޝީ ސިންހާއަކީ މިކަމާއި އެންމެ ދެކޮޅު ހަދާ އޭނާގެ ހަށިގަނޑަށް ބަދަލު ނުގެންނާނެ ކަމަށް ބުނަމުން އައި ތަރިއެކެވެ. ނަމަވެސް މިއަހަރު ފެނިގެންދިޔަ ފިލްމު "ތޭވަރު" އަށް އޭނާވެސް މިވަނީ ބޮޑު ބަދަލެއް ހަށިގަނޑަށް ގެނެސްފައެވެ.

 ސްޓޫޑަންޓް އޮފްދި އިޔާ އިން ފިލްމު ބެލުންތެރިންގެ ލޯބި ހޯދި އާލިޔާ ބަޓަކީވެސް އޭނާގެ ހަށިގަނޑަށް އެތައް ބަދަލެއް ގެނުމަށް މަޖުބޫރު ކުރުވުނު ސްޓާރެކެވެ. ފުރަތަމަ އޮޑިޝަނުން ކަރަން ޖޯހަރަށް އޭނާގެ އެކްޓިން ކަމުދިޔަ ނަމަވެސް އޭރު އޭނާގެ ހަށިގަނޑުގައި 65 ކިލޯހުރެއެވެ. އަދި ކަރަން ޖޯހަރު ބޭނުންވިފަދަ ރީތި ސިފައެއް ގެނައުމަށް އާލިޔާއަށް 3 މަސްދުވަހުގެ މުއްދަތެއް ދިންކަމަށްވެއެވެ.

ދުނިޔޭގައި ރީތީގެ ރާނީއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ އައިޝްވާރްޔާ ރާއީއަށްވެސް ހަށިގަނޑަށް ބަދަލު ގެނައުން ދާދި ފަހުން ވަނީ މަޖުބޫރުކޮށްފައެވެ. ވިހެއުމުގެ ސަބަބުން ހަށިގަނޑަށް ބޮޑު ބަދަލެއް އައި އައިޝްވާރްޔާ ފުރަތަމަ ބޭނުންވީ އެގޮތުގައިހުރެ ފިލްމަކުން އެނާގެ ހުނަރު ދައްކާލަން ކަމަށްވެއެވެ. ނަމަވެސް އެއްވެސް ފިލްމު އުފެއްދުންތެރިޔަކު އޭނާއަށް ފިލްމަކުން ރޯލެއް ދޭން އެއްބަސް ނުވުމުގެ ސަބަބުން ބުރަ މަސައްކަތްތަކަކާއި އެކު އަނެއްކާވެސް އޭނާ މިވަނީ ކުރީގެ ރީތި ބައްޓަން ހޯދާފައެވެ.

ރީތި ހަށިގަނޑަކާއި އެކު "ކަހޯނާ ޕިޔާރު ހޭ" އިން ފިލްމީ ދާއިރާގެ އެންމެ ނުފޫޒުގަދަ އެއްތަރިއަށް ވެގެންދިޔަ ރިތިކް ރޯޝަނަށްވެސް އޭނާގެ ހަށިގަނޑައް ފަހުން އައި ބަދަލުތަކާ އެކު ފިލްމުތަކުން ފުރުޞަތުލިބުން ހުއްޓިގެންދިޔައެވެ. ފިލްމު "ގުޒާރިޝް"ގައި އޭނާ ހުސްގަޔާ ފެންނަން ނުޖެހޭނެތީ އެދުވަސްވަރު ކަސްރަތުކުރުން އޭނާ ހުއްޓާލިއެވެ. އަދި ބޮޑު ބަދަލެއް ހަށިގަނޑަށް އަޔެވެ.

އިތުރު ފިލްމު ތަކުން އޭނާއަށް ފުރުސަތު ލިބުނީ ކުރީގެ ރީތިކަމަށް އެނބުރި ދިއުމުންނެވެ. އެއީ އަހަރު ދުވަހުގެ ބުރަ މަސައްކަތް ކަމަށް ރިތިކް ބުނެއެވެ.

ފިލްމު ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ދަރިފުޅު ވިކީ ބަގްނާނީ އެކްޓުކުރުމަށް ބޭނުން ކަމަށް ބުނުމުން އޭނާގެ ބައްޕަ އެންމެ ފުރަތަމަ ފެށީ ހޭން ކަމަށްވެއެވެ. ފިލްމު "ފާލްތޫ" އަދި "ޔަންގިސްތާން" އިން ބެލުންތެރިންގެ މަޤްބޫލުކަން ލިބިފައިވާ ވިކީގެ ހަށިގަނޑުގައި އޭރު 100 ކިލޯ ހުންނަ ކަމަށްވެއެވެ. 

ކަރިޝްމާ ކަޕޫރަށް ފިލްމީ ދާއިރާއިން ލިބެމުންދިޔަ ތަރުހީބާއެކު ކަރީނާ ކަޕޫރު އެކްޓުކުރުމަށް ގެންގުޅު ޝައުގުވެރިކަމަށް އޭނާގެ އާއިލާއިން އެންމެ ފުރަތަމަ މާބޮޑު ސަމާލުކަމެއް ނުދިނުމުގެ އަސްލަކީ އޭނާގެ ފަލަކަން ކަމަށްވެއެވެ. އޭނާ އަކީ ކުޑައިރުއްސުރެ ކާ އެއްޗެއްސަށް ދެވިހިފައިފާ ހުންނަ ކުއްޖެއް ކަމުން ދުވަހަކުވެސް ޑަޔަޓްކޮށް ހިކެވޭނެ ކަމަކަށް އޭނާގެ އާއިލާއަކުން ގަބޫލެއް ނުކުރެއެވެ.

އޭނާގެ ފުރަތަަމަ ފިލްމު "ރެފިއުޖީ" އިން ފުރުޞަތު ލިބުނީވެސް އޭގައި އޭނާ ދައްކުވައިދިނީ މުސްލިމް ކުއްޖެއްގެ ރޯލަށްވެފައި ރީތިކަމަށް އިސްކަން ނުދޭ ރޯލެއްވީމައެވެ.

ކަރީނާ ފަދައިން ޕަރީނީތީއަކީވެސް ކެއުމަށް ލޯބިކުރި ތަރިއެކެވެ. ފިލްމީ ދާއިރާއަށް ނުކުތުމުގެ ޚިޔާލެއް ނުގެންގުޅޭތީ އޭނާ ހިކެން ވިސްނާފައެއް ނުވެސްނެތެވެ. ފުރަތަމ ފިލްމު "ލޭޑީސް ވާސަސް ރިކީ ބެލް" އިން ލިބުނު ފުރުޞަތު ގަބޫލުކުރީ މަޖަލަކަށް ކަމަށްވެއެވެ. އަދި އެފިލްމަށްވެސް އޭނާ ހަށިގަނޑަށް މާބޮޑު ބަދަލުތަކެއް ނުގެނެއެވެ. ނަމަވެސް ދާއިރާއިން ލިބެންފެށި ސަޕޯޓާއި އެކު މަޖުބޫރުވުމުން މިހާރު އެމަސައްކަތް ކުރާ ކަަމަށް އޭނާ ބުނެއެވެ.

ސޯނަމް ކަޕޫރަކީ މިހާރު އެންމެ ރީތިހަށިގަނޑު ލިބިފައިވާ އަންހެން ތަރިކަމަށްވެް ބެލެވިދާނެއެވެ. ނަމަވެސް ފިލްމު "ސާވަރިޔާ" އިން އޭނާ އަށް ފުރުޞަތު ލިބުނު އިރު އޭނާގެވެސް ބަރުދަނުގައި 86 ކިލޯ ހުއްޓެވެ.

ސޯނަމެކޭ އެއްފަދައިން އޭނާގެ ބޮޑުބޭބޭގެ ދަރި އަރްޖުން ކަޕޫރަކީވެސް ފަލަކަމަށް ލޯބިކުރި ތަރިއެކެވެ. 120 ކިލޯގެ ބަރުދަނުން 86 ކިލޯއަށް ލުއިކޮށްލީ ފިލްމީ ދާއިރާއަށް ނުކުތުމަށް ހިތުގައި އޮތް ޝައުގެއްގެ ބޮޑުކަމުން މަޖުބޫރުވެގެން ކަމަށް އޭނާ ބުނެއެވެ.

ހަށިގަނޑަށް ބޮޑުބަދަލެއް ގެނައި ތަރިންގެ ވާހަކައަށް ހަމަގައިމުވެސް އަދްނާން ސާމީގެ ނަން ނުހިމަނަ ނިންމާނުލެވޭނެއެވެ. އޭނާގެ މިބޮޑު ބަދަލަކީ ގިނަބަޔަކު މިހާތަނަށް ވެސް އެވާހަކަ ދައްކާ ބަދަލެކެވެ.