މަރުގެ ހުކުމް

އަށް އަހަރު ކުރިން އިއްވި މަރުގެ ހުކުމެއް ހައި ކޯޓުން ބާތިލްކޮށްފި

މީގެ 10 އަހަރު ކުރިން، 2006 ވަނަ އަހަރު ގއ. މާމެންދޫގައި މީހަކު މަރާލި މައްސަލައިގައި ފަރިޔާޝް އަހުމަދު މަރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށް އޭނާ ނުމަރަން ހުކުމްކޮށްފި އެވެ.

ކުރީގެ ޖިނާއީ ކޯޓުން 2008 ވަނަ އަހަރު ފަރިޔާޝް މެރުމަށް ހުކުމް އިއްވީ 2006 ވަނަ އަހަރުގެ ތެރޭގައި އިތުރު ބަޔަކާ ބައިވެރިވެގެން ގއ. ވިލިނގިލީ ކަނޑުއޮޅި މުހައްމަދު ޝިހާބު މަރާލާފައިވާކަން އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ.

މީގެ އަށް އަހަރު ކުރިން ކްރިމިނަލް ކޯޓުން، ފަރިޔާޝްގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމް ހައި ކޯޓުން ބާތިލް ކުރީ މަރަށް މަރު ހިފޭ ވަރަށް އޭނާގެ މައްޗަށް މައްސަލަ ސާބިތު ނުވާތީ އެވެ. މި މައްސަލަ ހައިކޯޓުން ބަލާ ނިންމާ، ފާހަގަކުރެވުނު ކަންކަން އިއްވަމުން މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވީ، ޝިހާބު މާމެންދޫއަށް ގޮސް އުޅެނިކޮށް އޭނާއާ މަރާމާރީ ހިންގާ މަރާލުމުގައި ފަރިޔާޝް ބައިވެރިވެފައިވާކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނެތް ކަމަށެވެ.

މި މައްސަލާގައި މަންޒަރު ދުށް ފަސް މީހެއްގެ ހެކިބަސް ނޫން އެހެން ހެއްކެއް ފަރިޔާޝްއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިނުވެ އެވެ. ހެކިބަސް ދިން މީހުންގެ ތެރެއިން ޝަހީބަށް ހަމަލާދިން މަންޒަރު އެންމެ ގާތުން ދުށް ރަގީބާގެ ހެކި ބަހުގައި ފަރިޔާޝް، ޝަހީބަށް ހަމަލާދިން ކަމަށް އެނގޭކަން ނެތެވެ. އަދި މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނާ މީހުން ދީފައިވާ ބަޔާނުން ވެސް ފަރިޔާޝް އެ މާރާމާރީގައި ބައިވެރިވެފައިވާކަން އެނގެން ނެތް ކަމަށެވެ.

އެ މާރާމާރީގައި ފަރިޔާޝް ބައިވެރިވި ކަމަށް ބުނެ ހެކިން ބަސް ދިން މީހާގެ ހެކި ބަސް ބަލައިނުގަނެވޭނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. އެއީ އެމީހާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހަ އަހަރު ދުވަހުގެ ހުކުމެއް އައިސްފައިވާ އަދި ފިލައިގެން އުޅޭ މީހަކަށް ވާތީ ކަމަށެވެ.

ޝިހާބުގެ މަރާ ގުޅިގެން ފަރިޔާޝްގެ އިތުރުން ތިން މީހަކަށް މަރުގެ ހުކުމް އިއްވާފައިވެ އެވެ. އެއީ ގއ. މާމެންދޫ މާމެންދޫ، މާސް، އަލީ މަސްއޫދު ސައީދާއި އެރަށު ތަރިވިދާގޭ މުހައްމަދު ގާސިމާއި ޕިންކްލައިޓް މުހައްމަދު ޝިފްރާޒްގެ މައްޗަށެވެ.

މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނީ، ޝިހާބު މަރުވީ ފަރިޔާޝް ދިން ހަމަލާއެއްގެ ސަބަބުން ކަމަށް އެނގެން ނެތުމާއި އޭނާ އެފަދަ އަމަލެއް ކުރަނިކޮށް ވެސް މީހަކަށް ފެނިފައިނުވާތީ ފަރިޔާޝްގެ ކުށްވެރިނުވާ ކަމަށް ކަނޑައަޅާ އޭނާ މަރަން ކޮށްފައިވާ ހުކުމް ބާތިލުކުރާ ކަމަށެވެ.

"ޖިނާއީ ކޯޓުގެ ނަންބަރު 2006/JC/1664 ގަޒިއްޔާގައި، ގަސްދުގައި މީހަކު މަރާލުމުގެ ކުށުން ފަރިޔާޝް އަހުމަދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ (ރ)ގެ ދަށުން ފަރިޔާޝް އަހުމަދު މެރުމަށް ކުރައްވާފައިވާ ހުކުމުގެ އެބައި ބާތިލުކުރަންޖެހޭ ކަމަށް މި ގަޒިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގުވެވުނު ހިނދު، ޖިނާއީ ކޯޓުގެ
ނަންބަރު 2006/JC/1664 ގަޒިއްޔާގައި، ގއ. މާމެންދޫ، ޖަވާހިރުވާދީ/ ފަރިޔާޝް އަހުމަދު މެރުމަށްކޮށްފައިވާ ހުކުމްގެ އެބައި ބާތިލުކޮށް، މި ގަޒިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފީމެވެ." ހުކުމްގައި ބުނެފައިވެ އެވެ.