ތ. ރުއްތިބިރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ސިންގަޕޫރާއި ދިވެހި ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ އެމްއެސްއެން ރިއަލިޓީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓަޑުން ސަބްލީސް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ރުއްތިބިރަށަކީ ތ. ތިމަރަފުށި އެއާޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓަޑްއާ ހަވާލުކުރުމާ ގުޅިގެން އެއާޕޯޓް ދެމެހެއްޓެނެވި ގޮތަކަށް ހިންގުމަށާއި ތ. އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ސަރުކާރުން އެ ކުންފުންޏަށް ހަވާލުކުރި ރަށެކެވެ.
މިއަދުވި އެއްބަސްވުމުގައިވާ ގޮތުން ދެ އަހަރު ތެރޭގައި ރިސޯޓުގެ މަސައްކަތް ނިންމާ ރިސޯޓު ހުޅުވަން ޖެހޭނެ އެވެ.
ރުއްތިބި ރަށުގައި ރިސޯޓު ހުޅުވުމާ ގުޅިގެން ތިމަރަފުށި އެއާޕޯޓަށް ކުރާ ދަތުރުތައް ގިނެވެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އިގްތިސޯދީ ގޮތުން ސަރަހައްދަށާއި ޖުމްލަ ގޮތެއްގައި މުޅި ރާއްޖެއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސްއިން ބުނެ އެވެ.