އެޗްޑީސީ

ހުއްދަ ނުހޯދައި އެޑްވާންސްއާއެކު ހުޅުމާލެއިން ބިން ވިއްކާތީ ސަމާލުވާން އަންގައިފި

ހުޅުމާލޭގައި ފުލެޓް އިމާރާތް ކުރުމަށް އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ބިންތައް އިމާރާތް ނުކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ވެސް ނުހޯދައި އެޑްވާންސް ފައިސާ ނަގައިގެން ވިއްކާތީ އެކަމަށް ސަމާލުވާން އެޗްޑީސީން އަންގައިފި އެވެ.

އެޗްޑީސީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ ކޯޕަރޭޝަނުން އަމިއްލަ ކުންފުނިތަކަށް ހުޅުމާލޭގައި ހައުސިން ޔުނިޓް އެޅުމަށް ދޫކޮށްފައިވާ ބިންތަކުގައި އެއްވެސް މިންވަރަކަށް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެފަދަ މަޝްރޫއުތައް ހަވާލުކޮށްފައިވާ ބައެއް ކުންފުނިތަކުން އާއްމުންނަށް ހައުސިން ޔުނިޓްތައް ވިއްކުމުގެ މަރުހަލާ ކުރިއަށް ގެންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކޯޕަރޭޝަނާއި ބިންތައް ހަވާލުކުރާ ކުންފުނިތަކާ ދެމެދު ވާ އެއްބަސްވުންތަކުގެ ދަށުން އިމާރާތްކުރާ ފަރާތަށް ހައުސިން ޔުނިޓްތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އުސޫލުން އިމާރާތުގެ ސްޓްރަކްޗާގެ ވަކި މިންވަރެއް އިމާރާތް ކުރުމުން ކަމަށާއި އެ ނޫން ގޮތަކަށް ތަންތަން ދޫކުރުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ.

"ބިންތައް ދޫކުރާ ކުންފުނިތަކާ އެކު ވާ އެއްބަސްވުމުގެ ދަށުން އިމާރާތުގެ ސްޓްރަކްޗާގެ ކަނޑައެޅިފައިވާ މިންވަރެއް އިމާރާތްކުރުމުން މި ކޯޕަރޭޝަންގެ ހުއްދަ ލިބިގެން ކަމަށް ވެފައި، އެ މިންވަރަށް އިމާރާތުގެ މަސައްކަތް ނުނިންމައި ހައުސިން ޔުނިޓްތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދާނަމަ އެއީ ގަވާއިދާ ހިލާފް ކަމެކެވެ." ބަޔާނުގައިވެ އެވެ.

އެކުންފުނިން ބުނީ، ހުއްދަ ހޯދައިގެންވެސް އެގޮތަށް ވިއްކާނަމަ ބުކިން ފީއެއްގެ ގޮތުގައި ހައުސިން ޔުނިޓްތައް ގަންނަން ބޭނުންވާ ފަރާތްތަކުގެ އަތުން ގިނަވެގެން ނެނގޭނީ 50،000 ރުފިޔާ ކަމަށެވެ. އެހެންކަމުން ހައުސިން ޔުނިޓް ގަންނަ އިރު އެފަދަ ކަންކަމަށް ސަމާލުވާން އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.

ނޯޓް: މި ލިޔުމުގައި ކުރިން 50،000 އިންނަން ޖެހޭ ތަނުގައި 500،000 ލިޔެވުނީ ކުށަކުންނެވެ. ރަނގަޅު ގޮތަކީ 50،000 އެވެ.