ވިޔަފާރި

ކެއާ ސޮސައިޓީއަށް ދިރާގުން އެހީތެރިވެއްޖެ

ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދިރާގުގެ ފަރާތުން، ކެއާ ސޮސައިޓީގައި އާލީ އިންޓަވެންޝަން ކްލާހެއް ގާއިމް ކުރުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ދިރާގުން ބުނީ ކުޑަކުދިން ހިމާޔަތްކުރުމާއި އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއަކަށްވާއިރު މިކަމަކީ މި ޒިންމާގެ ދަށުން ކުރެވިގެންދިޔަ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ކެއާ ސޮސައިޓީއިން މައުލޫމާތު ދިން ގޮތުގައި އާލީ އިންޓަރވެންޝަން ޕްރޮގްރާމް އެއް ފެށުމުގެ އެންމެ މުހިންމު އެއްބޭނުމަކީ ކުއްޖަކު ބޮޑުވަމުން އަންނަ އިރު ހެދިބޮޑުވުމުގެ މަރުހަލާތަކުގައި އަންނަ ހުރަސްތައް ކަޑަތުކުރުމުގައި ވީހާވެސް ޅައުމުރެއްގައި މަސައްކަތް ކުރުމުވެ. މި ކްލާހުގައި ދެވިގެންދާ ހިދުމަތް ތަކުގެ ސަބަބުން ތަފާތު ނުކުޅެދުންތެރިކަމަށް މަގުފަހިވުމުގެ ފުރުސަތު ހަނިވެ އަދި ނުކުޅެދުންތެރިކަމެއް ހުރިމަކަށްވާނަމަ އެކަމުން ތަހައްމަލު ކުރަންޖެހޭ ގޮންޖެހުންތައް ހަނިވެގެން ދާނެ ކަމަށާއި، އަދި ކުއްޖާގެ އިޖްތިމާއީ، ޖިސްމާނީ އަދި ނަފްސާނީ ހުނަރުތައް ތަރައްގީވެ ދިރިއުޅުމުގެ އެކި މަރުހަލާތަކަށް ކުއްޖާ ތައްޔާރުކޮށްދޭ ކަމަށް ކެއާ ސޮސައިޓީން ބުނެ އެވެ.

"ހާއްސަ ގޮތެއްގައި މެއިންސްޓްރީމްގައި ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު މި ކްލާހުގައި ދެވޭ ތަމްރީންތަކުގެ ސަބަބުން ކުދިންނަށް ފުޅާވެގެންދެއެވެ. މި ކްލާހުގައި އެންމެ ތުއްތު އިރުން ފެށިގެން ހަތް އަހަރާއި ހަމަޔަށް ކުޑަކުދިންނަށް ހިދުމަތް ލިބިގެންދާނެ އެވެ،" ކެއާ ސޮސައިޓީން ބުނެ އެވެ.

ކުލާހުގައި ގާއިމްކުރެވޭ ސެންސަރީ އޭރިޔާއާއި އެކްޓިވިޓީ ކޯނާ އަދި ޓޭބަލް އެކްޓިވިޓީ ކޯނާގެ އިތުރުން މޮޓޮ އޭރިޔާގައި ދެވޭ ތަމްރީންތަކުގެ ތެރެއިން ކުދިން ވިޝުއަލް ރިސެޕްޝަން، ރިސެޕްޓިވް ލެންގުއެޖް އަދި ކޮމިއުނިކޭޝަންގެ އިތުރުން މޮޓޮރ ސްކިލްސް ތަރައްގީކުރާނެ އެވެ. އަދި މިފަދަ ކަންކަމަށް ބެލެނިވެރިންގެ ހޭލުންތެރިކަންވެސް މި ކްލާހުގެ ސަބަބުން އިތުރުވެގެންދާނެ ކަމަށް އެތަނުން ބުނެ އެވެ.

ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓާ ނައުޝާން މުހައިމިން ވިދާޅުވީ، މިފަދަ ކުދިންނަކީ އުމުރުގެ ކުރީކޮޅު ދެނެގަނެވިއްޖެނަމަ ސްޕެޝަލް ނީޑްސް ކްލާހަކަށް ނުގޮސް މެއިންސްޓްރީމް އެޑިޔުކޭޝަނަށްވެސް ގެންދެވިދާނެ ކުދިންތަކެއްް ކަމަށެވެ. އެގޮތުން މި ކްލާހުގެ އެންމެ ބޮޑު އަމާޒަކީ އާލީ ޑިޓެކްޝަނާއިއެކު އެކުދިންގެ މައްސަލަތައް ދެނެގަނެ ފަރުވާ ދިނުން ކަމަށެވެ.

"އެގޮތުން މި ކްލާސް ފަށައިގަތުމަށް ބޭނުންވާ ކްލާސްރޫމް ތައްޔާރު ކުރުމަށް ދިރާގުން މި ވެދެއްވި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. އަދި އަޅުގަނޑުމެންގެ އުންމީދަކީ އެހެނިހެން ކުންފުނިތަކުންވެސް އަޅުގަނޑުމެން މި ކުރަމުންދާ މުހިންމު މަސައްކަތުގައި އެ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން މިހާރެކޭވެސް އެއްގޮތަށް ކުރިޔަށް އޮތްތަނުގައިވެސް ލިބިގެންދިޔުން،" ނައުޝަން ވިދާޅުވި އެވެ.

ކެއާ ސޮސައިޓީ އަކީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ތަފާތު ގިނަ ކަންތައްތަކެއް ރާއްޖޭގައި ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ޖަމިއްޔާއެކެވެ.

ދިރާގުން ވަނީ ވޭތުވެދިޔަ އަހަރުގެ ކުރީކޮޅު އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ގުޅިގެން އޮންލައިން ޗައިލްޑް ސޭފްޓީ ޕްރޮގްރާމެއް ހިންގާފައެވެ. އަދި ހަމަ އެއަހަރު އޯޓިޒަމް އެސޯސިއޭޝަނުގައި އިންޑޯ ޕްލޭ އޭރިޔާއެއް ގާއިމުކޮށް، ކެއާ ސޮސައިޓީގައި ކިޔަވައިދިނުމަށް ބޭނުންވާ ތަފާތު ތަކެތި ހަދިޔާކޮށްފައިވެއެވެ. އެޔާއިއެކު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި، ސ.ހިތަދޫ އަލް-ނޫރު ސެންޓަރުގެ ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް 100،000ރ ގެ ތަކެތިވެސް ވަނީ ދިރާގުން ހަދިޔާކޮށްފައެވެ. މިއަހަރުގެ ކުރީކޮޅު ބ.އޭދަފުއްޓާއި، ލ.ގަމުގެ ދެ ސްކޫލެއްގެ ސްޕެޝަލް ނީޑްސް ކްލާހަށްވެސް އެކުދިންގެ ތަރައްޤީއަށް ބޭނުންވާ ތަކެތި ވަނީ ދިރާގުން ހަދިޔާކޮށްފައެވެ.

ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނަ ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަކީވެސް، ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކުރެވިގެން ބޭއްވޭ އެފަދަ އެންމެ ބޮޑު ހަރަކާތެވެ. އަދި ދިރާގު ރޯޑްރޭހަކީވެސް ކުޑަކުދިން ރައްކާތެރި ކުރުމުގެ މެސެޖްތައް ޕްރޮމޯޓްކޮށް މި ދާއިރާގައި މަސައްކަތްކުރާ ތަފާތު ޖަމިއްޔާތަކަށް ބޭނުންކުރެވޭ މުހިންމު ޕްލެޓްފޯމެކެވެ.