އޭއެފްސީ ކަޕުގެ ދެ ވަނަ ބުރުން ޖާގަ ހޯދުމަށް މިއަދު ރާއްޖޭގެ މާޒިޔާ ބަލިކުރަން ވީހާގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށް މިޔަންމާގެ ޔަންގޮން ޔުނައިޓެޑުން ގޮވާލައިފި އެވެ.
އެ ޓީމުގެ ކޯޗު މާޔަން ސެކޫލެވިސްކީ ބުނީ ދެ ވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ދެ ޓީމުންކުރެ ޓީމަކަށް ނެތް ނަމަވެސް މޮޅުވާން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
"އަހަރުމެންގެ ޑިއުޓީއަކީ ކުރެވެންހުރި ހުރިހާ ކަމެއްކުރުން. މޮޅުވުން ވަރަށް މުހިންމު. އަހަރުމެން ބޭނުން ސަޕޯޓަރުންގެ އެހީ. އަހަރެން ގޮވާލަން ސަޕޯޓަރުން ދަނޑަށް އައިސްގެ އަހަރެންގެ ޓީމަށް ހިތްވަރުދޭން. އަހަރުމެން ވަރަށް މަސައްކަރް ކުރާނަން،" ކޯޗު ބުންޏެވެ.
މިމެޗަށް ނުކުންނައިރު މުބާރާތުގެ ދެ ވަނަ ބުރުން ޓޭބަލުގެ އެއްވަނާގައިވާ އިންޑިޔާގެ މޯހަން ބަގާން ވަނީ ޖާގަ ހޯދައިފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. ދެ ވަނަ ބުރަށް ދިއުމަށް ވާދަކުރަނީ ގްރޫޕުގެ އަނެއް ތިން ޓީމެވެ. އެއީ ހަ ޕޮއިންޓާއެކު ދެ ވަނާގައި އޮތް ހޮންކޮންގެ ސައުތު ޗައިނާ އާއި ފަސް ޕޮއިންޓް ލިބިފައިވާ މާޒިޔާ އާއ ޔަންގޮން އެވެ. މީގެ ތެރެއިން ލަނޑުގެ ތަފާތުން މާޒިޔާ އަށްވުރެ ކުރީގައިވަނީ ޔަންގޮން އެވެ. މިހެންވެ ޔަންގޮން އާއި މާޒިޔާކުރެ މޮޅުވާ ޓީމަަކަށް ދެ ވަނަ ބުރަށް ދެވޭނީ މޯހަން ބަގާން އަތުން ސައުތު ޗައިނާ ބަލިވެގެން ނުވަތަ އެއްވަރުވެގެންނެވެ.
ކޯޗު މާޔަން ބުނީ މާޒިޔާ އަކީ ރާއްޖޭގެ ގައުމި ޓީމުގެ 14 ކުޅުންތެރިން ތިބި ޓީމެއް ކަމަށާއި ވަރަށް ފަރުވާތެރިވާން ޖެހޭނެ ކަމަށެވެ.
"މާޒިޔާ އަކީ މޮޅު ޓީމެއް. އެމީހުންގެ 18 ކުޅުންތެރިންގެ ތެރެއިން 14 ކުޅުންތެރިންނަކީ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން. މިދިޔަ ދެތިން އަހަރު އެމީހުން ވަނީ ވަރަށް ބޮޑ ކުރިއެރުންތަކެއް ހޯދާފައި،" ކޯޗު ބުންޏެވެ.
މާޒިޔާގެ ކޯޗު އަލީ ސުޒޭންގެ ބަދަލުގައި ޕްރީ މެޗު ކޮންފަރެންސްގައި ބައިވެރިވީ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒައިރެވެ. އޭނާ ބުނީ ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތުމުން މެޗުން މޮޅުވާން މަސައްކަތް ކުރާނެ ކަމަށާއި އެމީހުން ކަންބޮޑުވާ އެއްވެސް ކަމެއް ނެތް ކަމަށެވެ.