އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި މި އަހަރު މާޒިޔާ އަށް ކާމިޔާބީ އެއް ނުހޯދުނު ކަމަށް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
އޭނާ މިހެން ބުނީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑް އަތުން 3-2އިން ބަލިވެ މުބާރާތުގެ ކެޓުމުންނެވެ.
މާޒިޔާ ހިމެނުނު ގްރޫޕުން ދެ ވަނަ ބުރަށް ދަތުރުކުރީ އިންޑިޔާގެ މޯހަން ބަގާން އާއި ހޮންކޮންގެ ސައުތު ޗައިނާ އެވެ. މޯހަން މަގާން އަށް 11 ޕޮއިންޓާއެކު އެއްވަނަ ލިބުނުއިރު ސައުތު ޗައިނާ ދެ ވަނަ އަށް ދިޔައީ ނުވަ ޕޮއިންޓާއެކުގަ އެވެ. ޔަންގޮން ތިން ވަނަ އަށް ދިޔައީ އަށް ޕޮއިންޓާއެކުގަ އެވެ. ގްރޫޕުގެ ފުލުގައި އޮވެގެން މާޒިޔާ ނިންމާލީ ފަސް ޕޮއިންޓް ހޯދައިގެންނެވެ.
ކޯޗު ސުޒޭން ބުނީ އިއްޔެގެ މެޗަށް ނުކުތްއިރު ވެސް ދެ ޓީމަށް ވެސް އަމިއްލަ ބާރު ނެތުމުން ހާފު ޓައިމްގައި ސައުތުޗައިނާ މެޗުގެ ނަތީޖާ އެނގުމުން މެޗުން އެއްވެސް ނަތީޖާ އެއް ހާސިލްކުރުމުގެ އުއްމީދު ކަނޑާލި ކަމަށެވެ.
"އަހަރުމެން އައީ މޮޅުވާން. އަހަރުމެން ބޭނުންވި މޮޅުވާން. އެކަމަކު ހާފްޓައމްގައި ސައުތު ޗައިނާ މެޗުގެ ސްކޯ އެނގުމުން އަހަރުމެންނަށް އެނގުނު މި މެޗުގެ ނަތީޖާއިން ނުކުންނާނެ އެއްވެސް ފައިދާއެއްނެތްކަން. އަހަރުމެންގެ ތިބި ހަލުވި ކުޅުންތެރިން. ޗާންސް ވެސް ހޯދުނު. އެކަމަކު ނިންމާނުލެވުނީ. މިއީ ނާކާމިޔާބު ކެމްޕޭނެއް،" ސުޒޭން ބުންޏެވެ.
އޭއެފްސީ ކަޕުގައި މި އަހަރު ރާއްޖެއިން ވާދަކުރި ދެ ޓީމު ވެސް ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. މުބާރާތުގައި ދެން ވާދަކުރީ ދިވެހި ލީގު ޗެމްޕިއަން ނިއުރޭޑިއަންޓެވެ.