އޮފްބީޓް

ފައިސާ ނެތުމުން އުޒްބެކިސްތާނުގެ ޓީޗަރުންނަށް މުސާރަ ދިނީ ކުކުޅުން!

މުސާރަ ދެވޭވަރަށް ބޭންކުގައި ފައިސާ ނެތިގެން އުޒްބެކިސްތާނުގެ ޓީޗަރުންނަށް ފައިސާގެ ބަދަލުގައި ކުކުޅުން މުސާރަ ދީފި އެވެ.

އުޒްބެކިސްތާނުގެ އަވަށެއް ކަމަށްވާ ނުކޫސްގައި ޓީޗަރުންނަށް ކުކުޅުން މުސާރަ ދީފައިވަނީ އެ އަވަށުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ ބޭންކްގައި ކޭޝް މަދުވުމުންނެވެ. ޓީޗަރުންނަށް މުސާރަ ކުކުޅުން ދީފައިވަނީ ބާޒާރުގައި ކުކުޅު ވިއްކާ އަގަށްވުރެ މަތިންނެވެ. އެގޮތުން މުސާރަ ދިނުމުގައި ކުކުޅެއްގެ އަގުގެ ގޮތުގައި ބަލާފައިވަނީ 7،000ސޯމްސް އެވެ. 7،000 ސޯމްސް އަކީ 2.50 ޑޮލަރެވެ.

މުސާރައިގެ ގޮތުގައި ކުކުޅު ލިބުމުން ޓީޗަރުން ތިބީ ވަރަށް ހިންހަމަ ނުޖެހިފަ އެވެ. ޓީޗަރުން ބުނެފައިވަނީ އެއީ ލަދުވެތި ކަމެއް ކަމަށެވެ.

"މިއީ ދެން ވަރަށް ލަދުވެތި ކަމެއް، މިދިޔަ އަހަރު އަހަރެމެންނަށް އަލުވި، ކެރެޓު އަދި ބަރަބޮލުން ވެސް މުސާރަދިން، މި އަހަރު އެ މަޖުބޫރުކުރަނީ ފައިސާގެ ބަދަލުގައި ކުކުޅު ފިޔޮއްތަކެއް ގެންދަން، އަހަރެމެން ކުކުޅު ބޭނުންނަމަ އެ އަހަރެމެންނަށް ބާޒާރުން ގަނެވޭނެ، އަދިވެސް އެދޭ އަގަށްވުރެ ހެޔޮކޮށް،" ޓީޗަރަކު ބުނެފައިވެ އެވެ.

ބޭންކްގައި ކޭޝް މަދުވުމުގެ މައްސަލައަކީ އުޒްބެކިސްތާނުގައި ބޮޑުވެފައިވާ މައްސަލައެކެވެ. މިކަމަށް އަހަރުތަކެއް މިހާރު ވަނީވެފަ އެވެ. މުސާރަ އާއި ޕެންޝަން ދިނުމުގައި އެ ގައުމުގެ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.